ކޮންމެ އަހަރަކު ފަހުކޮޅު އައިޖީއެމްއެޗުން ބާއްވާ ހިތާނު ކޭމްޕުގައި ބައިވެރިވުމުގެ މުއްދަތު އަންނަ ބުދަ ދުވަހާ ހަމައަށް އިތުރު ކޮށްފި އެވެ.

އައިޖީއެމްއެޗް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހިތާނު ކޭމްޕުގައި ބައިވެރިވުމަށް ކުރިން ހުޅުވާލާފައިވާ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން އައިޖީއެމްއެޗް އިން ކުރި އިއުލާނެއްގައި ހިތާނު ކޭމްޕުގައި ބައިވެރިވުމަށް ވެއިޓްލިސްޓުގައި ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދާ ހަމައަށެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ އަންނަ ހަފްތާގެ ބުދަ ދުވަސްވާ، މިމަހު 28 ވަނަ ދުވަހު މެންދުރު 12ގެ ނިޔަލަށް އިތުރު ކޮށްފައެވެ.

ހިތާނީ ކޭމްޕުގައި ކުދިންގެ ނަންނޯޓު ކުރެވޭނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގައި ހުންނަ ސާޖަރީ ކައުންޓަރުން ނުވަތަ އައިޖީއެމްއެޗްގެ ނަންބަރު 3335300 އަށް ގުޅައިގެން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. ނަންނޯޓު ކުރުމުގެ ކަންކަން ކުރިއަށް ދާނީ ހެނދުނު އަށަކުން މެންދުރު 12 އާއި ދެމެދު ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.

އައިޖީއެމްއެޗްގެ "ހިތާނީ މޫސުން 2020" މިއަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރު 15 އިން ޑިސެމްބަރު މަހު 25ގެ ނިޔަލަށެވެ.