ޚަބަރު

ގަވައިދާ ހިލާފަށް ރުއްގަސް ކެނޑުމުން ބާރަށު ކައުންސިލް 191،250 ރުފިޔާއިން ޖޫރިމަނާކޮށްފި

އަލީ ޔާމިން

ގަވައިދާއި ހިލާފަށް ރުއްގަސް ކެނޑުމާއި ރުއްގަސް ބޭރުކޮށްފައިވާތީ، ހއ. ބާރަށު ކައުންސިލް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބާރަށު ކައުންސިލް ޖޫރިމަނާ ކުރީ އެރަށުގެ ގްރީން ބެލްޓް (ހޭޅިފަށް) ހިމެނޭ ސަރަހައްދުން އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުން، ގަވައިދާއި ހިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އުފުރުމާއި އަދި އެރަށުން ރުއްގަސް ބޭރުކޮށްފައިވާތީ ކަމަށެވެ.

އެރަށު ކައުންސިލް ޖޫރިމަނާ ކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ޖަދުވަލު 5 (ގަވާއިދާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިދާރާ ކަންކަން ފުރިހަމަ ނުކުރުން: ނަގަންޖެހޭ ހުއްދަތައް ނެތުން) އަށް ރިއާޔަތްކޮށް ޖުމްލަ 191,250 ރުފިޔާއިންނެވެ.

އީޕީއޭ އިން ވަނީ އެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ބާރަށު ކައުންސިލަށް އަންގައިފަ އެވެ.