އެމްޓީސީސީން ބޭނުން ކުރަމުން އައި މައިކްރޮސޮފްޓް ސޮލޮމަން "އެންޓަޕްރައިސަސް ރިސޯސަސް ޕްލޭނިން" (އީއާރުޕީ) ސޮފްޓްވެއާ "މައިކްރޮސޮފްޓް ޑީ365" އަށް އަޕްގްރޭޑްކޮށް މިއަދުން ފެށިގެން ބޭނުންކުރަން ފަށައިފި އެވެ.

މިއަދު ހެނދުނު އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސޮފްޓްވެއާ އިފްތިތާހު ކޮށްދެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އެމްޓީސީސީން ބުނީ އީއާރުޕީގެ ސަބަބުން ކުންފުނީގެ މަސައްކަތްތަކާއި ހިންގުން ހަރުދަނާވެ، މައުލޫމާތު އެއްކުރުމާއި ހޯދުމުގައާއި މާލީ ރިޕޯޓިންގައި ގިނަ ފަސޭހަތަކެއް ކުންފުންޏަށް ލިބިގެންދާނެ ކަމަށެވެ. އަދި އެ ސޮފްޓްވެއާ ބޭނުން ކުރަން ފަށާފައިވަނީ އެއް އަހަރު ދުވަހުގެ ޕްލޭންތަކަކަށް ފަހު ކަމަށް އެ ކުންފުނިން ބުންޏެވެ.

"މައިކްރޮސޮފްޓް ޑީ365 "ސޮފްޓްވެއާއަކީ މައިކްރޮސޮފްޓް ކުންފުނިން، ކުންފުނިތަކުގެ ރިސޯސް މެނޭޖްކުރުމަށް ފަރުމާ ކޮށްފައިވާ އެންމެ ފަހުގެ ސޮފްޓްވެއާ އެވެ. އަދި މިސޮފްޓްވެއާ އަކީ މައިކްރޮސޮފްޓް "އޮފީސް 365" އާއި އިންޓަގްރޭޓް ވާގޮތަށް ފަރުމާކުރެވިފައިވާ ސޮފްޓްވެއާއަކަށް ވުމުން މަސައްކަތުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.