ނެޓްފްލިކްސް އިން މުޅި އިންޑިއާއަށް ހިލޭ ހިދުމަތް ދޭން ނިންމައިފިއެވެ.

ނެޓްފްލިކްސް އިން އިންޑިއާގައި ދެ ދުވަހުގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ ހާއްސަ އިވެންޓުގައި އިންޑިއާއިން މިހާތަނަށް ނެޓްފްލިކްސް ބޭނުން ނުކުރާ ފަރާތްތަކަށް ނެޓްފްލިކްސްގެ ހުރިހާ ހިދުމަތްތަކެއް އެއްވެސް އަގަކާ ނުލައި ދެ ދުވަހުގެ މުއްދަތަކަށް ބޭނުން ކުރެވޭނެއެވެ.

ނެޓްފްލިކްސްގެ ޗީފް އޮޕަރޭޓިން އޮފިސަރު ގްރެގް ޕީޓާސް ވިދާޅުވެފައިވާ ގޮތުގައި ސްޓްރީމް ފެސްޓް ނަމަކަށް ކިޔާ މި ހަރަކާތް ފުރަތަމަ ހިންގުމަށް ހަމަޖެހިފައިވަނީ އިންޑިއާގައި އެކަންޏެވެ.

ނެޓްފްލިކްސްގެ އިންޑިއާ އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 4 އަދި 5 ވަނަ ދުވަހުގައެވެ. ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ވެސް މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ނެޓްފްލިކްސް އިން ބުނެފައިވެއެވެ.