މާލެ، ވިލިނގިލި އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލައި ހަދާ "ތިލަ މާލެ" ބްރިޖު މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދަން ނިންމައިފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ތިލަމާލެ ބްރިޖު މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއް މި މަހުގެ 26 ވަނަ ދުވަހުގެ ހަވީރު ބާއްވަން ނިންމާފައިވާ ކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެ ބައްދަލްވުން ކުރިއަށް ގެންދަން ނިންމާފައިވަނީ އޮންލައިންކޮށް ޒޫމް ބައްދަލުވުމެއްގެ ގޮތުގަ އެވެ. އެ މިނިސްޓްރީން ވަނީ އެ ބައްދަލްވުމުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފަ އެވެ.
މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ 67 ކިލޯ މީޓަރުގެ ބުރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ވެގެންދާނީ މާލެ، ހުޅުލެ، އަދި ހުޅުމާލެ ގުޅީފަޅު ޕޯޓްގެ އިތުރުން ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅުވައިދޭ ލައިފްލައިނަށް ކަމަށް މިިނިސްޓްރީން ބުނެ އެވެ. އަދި އުއްމީދަކީ އެ މަޝްރޫއު ގައުމީ އިގްތިސާދުގެ އިންޖީނުކަމުގައި ވެގެން ދިއުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ޕްލޭނިން މިނިސްޓްރީން ކުރިން ހާމަކުރި ގޮތުގައި ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.
މި މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލީގެ ލޭންޑް އިންޓަޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެ އެވެ. އަދި ގުޅީފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރެވޭއިރު ކޮންމެ ރަށެއްގައި ވެސް ބްރިޖު ޖަންކްޝަން ކައިރީ ބަސް ޓާމިނަލެއް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެ އިތުރުން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަށް މި މަޝްރޫއުގެ ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ސީސީޓީވީ އަދި ސައިން ގެންޓްރީ ގެ ލައިޓިން އާއި އާކިޓެކްޗަރަލް ލައިޓިން ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭނީ އިރުގެ ހަކަތަ އެވެ. ލޭމްޕް ޕޯސްޓުތަކާއި ބްރިޖުގެ ޕަރަޕެޓްތަކުގައި ސޯލާ ޕެނަލް ހަރުކުރާނެ އެވެ.
ފިނޭންސް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެވެނީ މިއަހަރު ޑިސެމްބަރު މަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު