ދުނިޔޭގެ އެކި ގައުމުތަކުގައި ކަސްޓަމްސް އިޖުރާއަތުތައް ފަސޭހަކޮށް، އެއްގޮތް ކުރުމާގުޅޭ މުއާހަދާ އިންޓަނޭޝަނަލް ކޮންވެންޝަން އޮފް ދަ ސިމްޕްލިފިކޭޝަން އެންޑް ހާމަނައިޒޭޝަން އޮފް ކަސްޓަމަސް ޕްރޮސީޖާސް ނުވަތަ ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން (އާރުކޭސީ)ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

ބެލްޖިއަމްގެ ބްރެސަލްސްގައި ހުންނަ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާ (ޑަބްލިއުސީއޯ)ގެ މައި އިދާރާގައި އިއްޔެ އޮތް ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން ކޮންވެންޝަންގައި ބައިވެރިވުމުގެ ލިޔުން އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް މރ. ކުނިއޯ މިކްރިއާއަށް އެރުވީ ރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަސަން ސާބިރެވެ.

އާރްކޭސީގެ މަގުދަސަކީ، ދޭދޭ ގައުމުތަކުގެ ކަސްޓަމްސްތަކުގެ އުސޫލުތަކާއި މިންގަނޑުތައް ވީހާވެސް އެއްގޮތްކޮށް، ލުއިފަސޭހަކޮށް ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރެވޭނެ ގޮތުގެ މަތިން ވިޔަފާރިއަށް ވީހާވެސް ބޮޑަށް ލުއިފަސޭހަ ކޮށްދިނުމެވެ. އެގޮތުން ރާއްޖެއަކީ މި ކޮންވެންޝަންގެ 124 ވަނަ ކޮންޓްރެކްޓިން ޕާޓީ އެވެ.

އާރްކޭސީގައި ބައިވެރިވުމުން އެ ގައުމަކީ ބައިނަލްއަގުވާމީ ކަސްޓަމްސް ސްޓޭންޑަޑުތައް ބޭނުންކުރާ ގައުމެއްގެ ގޮތުގައި ބަލައިގަނެ އެވެ. މި މުއާހަދާއަކީ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްގެ ގޮތުގައި ނަގާ ކިޔޭ މިންގަނޑެއް ކަމުގައިވާއިރު، މި މުއާހަދާގައި ސޮއިކުރުމުގެ ސަބަބުން ރާއްޖޭގެ ކަސްޓަމްސްގެ އުސޫލުތައް ވެސް ބިނާވެފައިވަނީ، އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ވެގެންދާނެ އެވެ.

އާރްކޭސީގެ މިންގަނޑުތަކުގެ ތެރޭގައި އައިޓީ ނިޒާމްތައް ފުޅާ ދާއިރާއެއްގައި ބޭނުންކުރުމާއި ރިސްކު މެނޭޖުމަންޓް ގާއިމްކުރުމާއި ޕްރީ އެރައިވަލް އިންފޮމޭޝަން ފަދަ ނިޒާމްތަކުން މުދާ ކްލިއާ ކުރުމުގެ ވަގުތު ކުޑަތަންވެގެންދާނެ އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ، އާރްކޭސީގައި ބައިވެރިވުމަށް ނިންމާފައިވާ ޑަބްލިޔުސީއޯގެ މެންބަރުންނަށް، އެގައުމެއްގެ ގާބިލުކަން އިތުރުކުރުމަށް ޑަބްލިއުސީއޯ އާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުންނާއި އެހީތެރިވެދޭ އެހެން ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ. އެގޮތުން ވަސީލަތްތައް ގާއިމުކުރުމާއި މުވައްޒަފުން ތަމްރީނުކުރުމާއި އަދި ފަންނީ ގޮތުން ލިބޭ އެހީތެރިކަން އިތުރުވެގެންދާނެ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

އާރްކޭސީގެ ސްޓޭންޑަޑެއް ކަމަށްވާ ކަސްޓަމްސް ބިޒްނަސް ޕާޓްނާޝިޕް، ޓްރާންސްޕެރަންސީ، އެޕީލް ޕްރޮސީޖާގެ ސަބަބުން ރާއްޖެއަށް އަންނަ ފޮރިން އިންވެސްޓްމަންޓް އިތުރުކުރެވި، ވާދަވެރި އިގްތިސޯދަކަށް ވެގެންދާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ، ދެފުށް ފެންނަ، ފަސޭހައިން ދޭހަވާ ކަސްޓަމްސް އުސޫލުތަކުގެ ސަބަބުން މުވައްޒަފުންގެ ނަޒާހަތްތެރިކަން ހިފެހެއްޓި، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށާއި އަދި ކަސްޓަމްސްގެ ތަންފީޒީ މަސައްކަތްތައް މިކަމުގެ ސަބަބުން ހަރުދަނާވެ، ދޮރޯށި ބެލެހެއްޓުމާއި ދައުލަތުގެ އާމްދަނީ ހިމާޔަތްކުރުމުގައި އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.