އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެ ކަމަށް ސެވިއްޔާގެ ކޯޗު ހުލެން ލޮޕެޓީގް ބުނެފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިރޭ ޗެލްސީ އާއި ސެވިއްޔާ ކުރިމަތިލާނެއެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ލެޕޮޓީގް ބުނެފައި ވަނީ ޗެލްސީއަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނެ ޓީމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ހުރިހާ މެޗެއްވެސް އުނދަގޫވާނެ. މި ދައްކަނީ ޗެމްޕިއަންސް ލީގުގެ ވާހަކަ. އެހެންވީމާ ޗެލްސީ ކަހަލަ ޓީމުތަކާ ދެކޮޅަށް ނުކުންނައިރު ސަމާލުވާން ޖެހޭނެ. ޗެލްސީއަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނެ ޓީމެއް ކަމަށް ދެކެން. އެހެންވީމަ އެކަމަށް ސަމާލުވެގެން ކުޅެން މަސައްކަތް ކުރާނީ،" ލެޕޮޓީގް ބުނެފައިވެއެވެ.
ޗެލްސީން ވަރުގަދަ ޓްރާންސްފާ ތަކަކާއެކު މި ސީޒަނަށް ތައްޔާރުވި ނަމަވެސް ލީގުގައި އަދިވެސް އެކަށޭނެ ފޯމަކަށް ނޭޅެއެވެ. ކޯޗު ފްރޭންކް ލަމްޕާޑް ބުނެފައި ވަނީ ޑިފެންސް މައްސަލަތައް ފަދަ ކަންކަން ދިމާވަމުންދަނީ ކޮވިޑް 19ގެ ސަބަބުން ޕްރީ ސީޒަނަށް އެންމެ އެކަށޭނެ ވަގުތު ނުލިބުމުން ކަމަށެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ލޮޕެޓީގް ވަނީ އެކަމަށްވެސް ރައްދު ދީފައެވެ.
"އެއްވެސް ޓީމަކަށް މި ހާލަތު ފަސޭހަ ނުވާނެކަން އެނގޭ. ވަކި ޗެލްސީއެއް ނޫން. އެހެން ޓީމުތަކަށްވެސް ޕްރީ ސީޒަނެއް ނުލިބޭ. ބައެއް ކުޅުންތެރިންނަށް އެންމެ 14 ދުވަހު ރެސްޓް ލިބުނުއިރު، އަނެއްބައި ކުޅުންތެރިންނަށް ރަނގަޅު ރެސްޓެއް ނުވެސް ލިބޭ. އެހެންވީމަ އެވާހަކަ ދައްކަން ބޭނުމެއް ނޫން. ދެން އޮތް ގޮތަކީ ހާލަތަށް ބަދަލުވެ، ތައްޔާރުވުުން،" ލޮޕެޓީގް ބުނެފައިވެއެވެ.
ސެވިއްޔާއަކީ ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބު ޓީމު ނޫން ނަމަވެސް އެޓީމަކީ ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ ހަފަހަރު އެ މުބާރާތް ކާމިޔާބު ކޮށްފައެވެ. ޗެލްސީން ދެފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައިވާއިރު، އެޓީމުން ވަނީ 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު