ޕޭމަންޓް ސިސްޓަމް ގޭޓުވޭއަކުން މުޅި ރާއްޖެ ގުޅާލައި، ގާނޫނީ އޮނިގަނޑުން އެކަން ހިންގުމަށް ބޭނުންވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލު މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަހީދު އެވެ.

ބިލުގައި ބުނެފައި ވަނީ، މި ބިލު ހުށަހަޅާ ބޭނުމަކީ ރާއްޖޭގެ ފައިސާއިން ނުވަތަ ބޭރު ފައިސާއަކުން ނަމަވެސް ޕޭމަންޓް އިންސްޓްރަކްޝަން ތަކާއި ފައިސާ ޓްރާންސްފާތައް ފޮނުވުމާއި ލިބުން، އަދި ޕްރޮސެސްކުރުމާ ގުޅުން ހުރި އެންމެހައި ކަންކަން ހިމެނޭ ދިވެހި ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމާއި، ޕޭމަންޓް ސިސްޓަމްތަކާއި ޕޭމަންޓް ހިދުމަތްތައް ރެގިއުލޭޓްކޮށް އެފަދަ ސިސްޓަމްތައް ހިންގުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުން ކަމަށެވެ.

މީގެ އިތުރުން އެފަދަ ސިސްޓަމްތައް ރެގިއުލޭޓް ކުރާ ފަރާތެއްގެ ހައިސިއްޔަތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި، ސިސްޓަމްތައް އޮޕަރޭޓްކުރާ ފަރާތްތަކަށް ހުއްދަ، ނުވަތަ ލައިސަންސް ދިނުމާއި ސިސްޓަމްތައް ހިނގާ ނުހިނގާ ގޮތް ބެލުމާގުޅޭ އުސޫލުތަކާއި ސިސްޓަމްގެ ހިދުމަތްތަކާ ގުޅޭ ކަންކަމާއި، ގާނޫނާއި ގަވާއިދާ ހިލާފަށް ސިސްޓަމް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން ކަމަށެވެ.

މި ބިލުގައިވާ ގޮތުން މި ކަންތައްތަކާ ބެހޭގޮތުން އެމްއެމްއޭ އަށް ލަފާދި ނުމަށް ނެޝަނަލް ޕޭމަންޓް ސިސްޓަމް ކައުންސިލެއް އުފެއްދުމަށް ވަނީ ހިމަނައިފައެވެ. މި ބިލުގައި ބުނެފައިވަނީ މި ގާނޫނު ފާސްވުމުން ތަފާތު ފއިސާގެ ވަސީލަތްތައް ކުރިއަށް ގެންދެވޭނީ އެމްއެމްއޭއިން ދޭ ހުއްދައެއް ނުވަތަ ލައިސަންސެއްގެ ދަށުން ކަމަށެވެ.

މި ބިލަކީ ޕޭމަންޓް ސިސްޓަމާބެހޭ ގިނަ ކަންތައްތަކެއް ހިމެނޭ ބޮޑު ބިލެކެވެ. އެގޮތުން މި ބިލު އެކުލަވާލާފައިވަނީ 65 ސޮފުހާގެ މައްޗަށެވެ.