ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހުމަދު މޫސާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފުލުހުން ބުނާ ގޮތުން، އަހުމަދު މޫސާއަކީ ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ދެ މީހުންގެ ތެރެއިން އެކަކެވެ. އެކަމުގައި ދެން އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވެނީ ގއ. ވިލިނގިލި/ ލައިޓްހައުސް، ޝަހީބް އިބްރާހިމް އެވެ.

މި މައްސަލައިގައި ޝަހީބާއި އަހުމަދު މޫސާއާއެކު އިތުރު ހަތަރު މީހަކާއި ކުޑަކުއްޖު ފުލުހުން ވަނީ މިމަހުގެ 14 ވަނަ ދުވަހު ހައްޔަރުކޮށްފަ އެވެ. އަދި އަހުމަދު މޫސާގެ ބަންދަށް ފަސް ދުވަސް ޖެހި އިރު، އެ މުއްދަތު މިއަދަށް ވަނީ ހަމަވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ "ވަން" އަށް ވިދާޅުވީ، އަހުމަދު މޫސާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަސް އިތުރުކޮށްދީފައިވާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރި ކުޑަކުއްޖާގެ ބަންދަށް 10 ދުވަސް އަދި ޝަހީބާއި އަނެއް ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފަ އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް، ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ރާއްޖެއަށް ކަނޑުމަގުން އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތި ހޯދީ، ދޯންޏެއްގެ ތެރެއިންނެވެ. ދޯނިން ފެނުނު ތަކެތީގެ ތެރޭގައި ހިމެނެނީ މެޓައެމްފިޓަމިން އާއި ހެރޮއިން ކަމަށް ފުލުހުން ބުނެ އެވެ.