ރިޕޯޓް

ގައުމީ އިހުސާސް ކުރެވޭތަ؟

އަހުމަދު ސާއިލް އަލީ

"ކޮން ގައުމިއްޔަތެއްތަ؟ ބަޔަކު ދިނީމަ ކައިގެން އެ މީހުން ނުދީފިއްޔާ ނުކައި ތިބެން މިޖެހެނީ. ދެން ގައުމިއްޔަތެއް އޮވެގެން ވާ ކަމެއް އެބަ އޮތްތަ؟" ގައުމު ދެކެ ލޯބިވޭތޯ ސުވާލު ކުރުމުން 30 އަހަރުގެ ދިވެހި ޒުވާނަކު ދިން ރުންކުރު ޖަވާބަކީ މިއީ އެވެ.

އެއީ އެންމެ ޒުވާނަކު އަދި މަދު ބައެއްގެ ވިސްނުމެއް ވެސް ނޫނެވެ. ގައުމު ދެކެ ލޯބިވާ ވާހަކަ ދެއްކުން މިއަދު މިވަނީ "ކަޓް" ކަމަކަށް ވެފަ އެވެ. ނޫނީ ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކައަކަށް ވެފަ އެވެ.

މި ދުވަސް ދިވެހިން ފާހަގަކުރަނީ އައްސުލްޠާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ބޮޑުތަކުރުފާނަކީ ރާއްޖޭގައި 15 އަހަރާއި ހަ މަސް ދުވަސް ވަންދެން އަނިޔާވެރި ވެރިކަމެއް ކުރި ޕޯޗްގީޒުންގެ އަތްދަށުން ގައުމު މިނިވަންކޮށްދެއްވި ބަތަލެވެ. މިވާހަކަތައް ދިވެހި މިއަދުގެ ޖީލަށް އިހުސާސްވާނެހެން ބުނެދޭން މިވަނީ ޖެހިފަ އެވެ.

ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް އަދި އާބާދީ މަދު ނަމަވެސް މިއީ މިނިވަން ދައުލަތެކެވެ. ގައުމެއް ވަންތަ ހުރިހާ ސިފައެއް އެބަހުއްޓެވެ. ވަކި ބަހަކާއި ސަގާފަތަކާއި އެއް ދީނަކަށް އުޅުމެވެ. ނަމަވެސް އުނިވަމުން ދާ ކަމަކީ ގައުމީ ލޯތްބެވެ. މިނިވަން ގައުމެއްގެ އިހުސާސް ކުރުމާއި އެކަމާ ފަހުރުވެރި ވުމެވެ.

ގައުމުދެކެ ލޯބިވާން ބުނެދޭން ޖެހިފައި

ދިވެހި ގައުމިއްޔަތާ ގުޅޭ އެތައް ދިރާސާތަކެއް ކުރައްވާފައިވާ، އާދަމް ނަސީރު އިބްރާހިމް ވިދާޅުވާގޮތުގައި އިލްމީ ގޮތުން ބަލާއިރު ގައުމަކީ ހަމައެކަނި ފަސްގަނޑެއް ނޫނެވެ. ގައުމަކީ ވަކި ސިފަތަކަކުން ލާމެހިފައިވާ އިންސާނީ ޖަމާއަތަކަށް ކިޔާ ނަމެއް ކަމަށް ނަސީރު ވިދާޅުވި އެވެ.

"ގައުމެއް އުފެދޭ ސިފަތަކުގެ ތެރޭގައި އެބައެއްގެ ދީނާއި ވާހަކަ ދައްކައި އުޅޭ ބަހާއި ދިރިއުޅޭ ފަސްގަނޑު ހިމެނޭ. މިއީ އެންމެން އެއް އިހުސާސަކުން ގުޅުވާލަދޭ ކަންކަން. އޭގެ ނަތީޖާއަކީ އެކަންކަމުގެ ސަބަބުން އެންމެން އެކުވެރި ކުރުވާ. އެންމެން އެއް ރޫހެއްގައި ދަމަހައްޓާ. ދިވެއްސަކަށް ކޮންމެ ތާކުވެސް ކަމެއް ވެއްޖެއްޔާ ދިވެހިން އެކަމާ މެދު ވިސްނާ ދެއްތޯ؟ އެއީ އެ ރޫހު އެކުލެވޭތީ،" އާދަމް ވިދާޅުވި އެވެ.

ދިވެހި އަދަބީ އުސްތާޒް އާދަމް ނަސީރު ވިދާޅުވާގޮތުގައި އިންސާނުން ކަންކަމާ މެދު ވިސްނައި ފިކުރު ކުރަނީ ބަހުން ކަމަށްވާއިރު ރަނގަޅު ގައުމިއްޔަތެއް އޮތުމަށް ބަހުގެ މުހިންމުކަން ބޮޑެވެ. އެންމެންނަކީ އެއް ބަހަކުން ވާހަކަ ދައްކައި ވިސްނާ ބައެއްނަމަ ގުޅުންތައް ބަދަހިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަހުގެ އިތުރުން އާދަކާދަތަކާއި ގައުމުގެ ތާރީހު އެނގެން ޖެހޭ ކަމަށް ވެސް އާދަމް ނަސީރު ވިދާޅުވި އެވެ.

އިންސާނުން ދިފާއު ކުރާނީ އެ މީހުން ލޯބިވާ އެއްޗެކެވެ. އެ ނޫންނަމަ އެ އެއްޗެއް ދިފާއު ކުރުމުގެ ޝައުގުވެރިކަމެއް މީހުންގެ ނުހުންނާނެ އެވެ. އެއީ ގައުމުކަށް ވިޔަސް އެކަން އޮތީ އެގޮތަށެވެ.

އާދަމް ނަސީރު ވިދާޅުވިގޮތުގައި ގައުމީ ލޯބި އުފެއްދޭނީ ތައުލީމާއި ގޭތެރޭ މާހައުލުގެ ތެރެއިން ވެސް ކުޑަކުދިންނަށް އެކަންކަން ދަސްކޮށް ދީގެންނެވެ. ގައުމީ ސަލާމާއި ގައުމީ ލަވަތަކާއި ގައުމީ ދިދަ ފަދަ ގައުމީވަންތަ ކަންކަމަށް ކުދިން އެންމެ ކުޑައިރުންސުރެ އަހުލުވެރި ކުރަން ޖެހޭ ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.

"ދިވެހި އައިޑީ ކާޑުގައި ކުއްޖަކު ހުރެ ބޮޑު ވިޔަކަސް ގައުމު ދެކެ ލޯތްބެއް ނުވާނެ. ގައުމު ދެކެ ލޯބި ނުވަންޏާ ގައުމާ މެދު ހިޔާނާތް ވާނެ. ގައުމުގެ އަގެއް ނޭނގޭނެ. އެޔަށްވުރެ އެހެން އެއްޗެހި މުހިންމު ވާނެ،" އާދަމް ނަސީރު ވިދާޅުވި އެވެ.

ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި އޮތީ ކާބަފައިންގެ ކިހާ ބޮޑު ގުރުބާނީއަކުން ކަމެއް ސްކޫލާއި ޔުނިވާސިޓީ ތައުލީމް ނިންމާ ގިނަ ދަރިވަރުންނަށް ވެސް އެނގެން ޖެހޭ ވަރަކަށް ނޭންގެ އެވެ. އެއީ ގައުމު ދެކެ ހަގީގީ ލޯބިވާން ނޭނގޭ އެއް ސަބަބެވެ. ރާއްޖޭގެ ތައުލީމީ މަންހަޖުގެ ތެރެއިން މިހާރަށް ވުރެ ބޮޑަށް ދިވެހި ތާރީހާއި ދިވެހި ވަންތަކަން ބުނެދޭން މިވަނީ ޖެހިފަ އެވެ.

"ގައުމު މިހިސާބަށް އައީ ކިހިނެއްކަން އެބަ އެނގެން ޖެހޭ. ގައުމަށް ކުރިމަތިވީ ކޮންކޮން ނުރައްކާތަކެއްކަން، އެކަންކަމުން ގައުމު ސަލާމަތް ކުރެއްވީ ކިހިނެއްކަން އެނގެން ޖެހޭ،" އާދަމް ނަސީރު ވިދާޅުވި އެވެ.

މަދަރުސާ، ކޮލެޖު، ޔުނިވަސިޓީތަކުގައި ކިޔަވައިދިނުމުގައި ފަންސަވީހަކަށް އަހަރު ހޭދަކުރައްވާފައިވާ އާދަމް ނަސީރު ވިދާޅުވިގޮތުގައި ގައުމީ ލޯބި އުފެއްދުމަށް ރާއްޖޭގައި ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ ސިޔާސަތަށް ބަދަލު ގެނައުމެވެ. ކިޔަވައިދޭ މުގައްރަރުގައި ގައުމީ ވާހަކަ ބޮޑަށް ހިމެނުމާއި ސްކޫލު ކުދިން ބޭނުންކޮށްގެން މިހާރަށް ވުރެ ބޮޑަށް ގައުމީ ދުވަސްތައް ފާހަގަ ކުރަން ޖެހޭ ކަމަށް އާދަމް ވިދާޅުވި އެވެ.

"ރާއްޖޭގެ ޖިއޯގުރަފީ، ތާރީހު، އެންމެ ކުޑައިރުންސުރެ ކުދިންނަށް ކިޔަވައިދޭން އެބަ ޖެހޭ. މީޑިއާތަކުން ވެސް ގައުމީ ވާހަކަތައް ގިނައިން ދައްކަން އެބަ ޖެހޭ. އެކަން ވާނީ ސްކޫލްގެ ތެރެއިން އެކަންކަން ފެށުމުން. މީޑިއާތަކާ ގުޅޭނީ ސްކޫލް ނިންމާފައި ދާ ދަރިވަރުން. އެ ބޭފުޅުންގެ ކިބައިގައި ގައުމީ ލޯބި ވާނަމަ އެފަދަ ވާހަކަތައް ދައްކާނެ. މިކަންކަން ކުރެވޭނީ ސިޔާސަތަށް ބަދަލު ގެނެސްގެން،" އާދަމް ވިދާޅުވި އެވެ.

މިނިވަން ގައުމޭ ކިޔައިގެން ތިބެވޭކަށް ނެތްކަން މިއަދު ފެންނަ މަންޒަރުތަކުން ވެސް ސާފެވެ. މިއަދު ކަންކަން ބަދަލުވަމުން މިދާގޮތަށް ދާނަމަ މުސްތަގުބަލު ވަރަށް ވެސް ބަނަ އެވެ. ގައުމީ ރޫހާއި އެ ލޯބި މިވަނީ ބުނެދޭން ޖެހިފަ އެވެ. ގައުމީ ދުވަހު އެކަމާ ވިސްނަން ޖެހެ އެވެ.