އިނގިރޭސިވިލާތުން އެންމެ ގިނަ ޓޫރިސްޓުން ގެންނަ އެއް އެއާލައިން ކަމަށްވާ ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން މިއަދު ފަށައިފި އެވެ.

މި ދަތުރުތަކާ ގުޅޭ ގޮތުން ބްރިޓިޝް އެއާވޭސްގެ ޑިރެކްޓަރު ނެޓްވޯކް އެންޑް އެލަޔަންސް ނިލް ޗާނޮފް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް އަލުން ފެށުމަކީ ލިބޭ އުފަލެކެވެ. އަދި މި ދަތުރުތަކާއެކު އިނގިރޭސިވިލާތާއި ދުނިޔޭގެ ގިނަ ގައުމުތަކާ ގުޅާލެވޭނެ ކަމަށް ވިދާޅުވި އެވެ.

ބްރިޓިޝް އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ލަންޑަންގެ ހީތްރޯ އެއާޕޯޓާ ދެމެދު ހަފްތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ. އެއީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުރާސްފަތި އަދި އާދިއްތަ ދުވަހު އެވެ.

ބްރިޓިޝް އެއާވޭސް އިން އިނގިރޭސިވިލާތުން ރާއްޖެ އަށް ސީދާ ދަތުރުތަށް ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ.

ރާއްޖޭގެ ބޯޑަރުތައް މިދިޔަ ޖުލައި މަހުގެ 15 ގައި އަލުން ހުޅުވާލާފައިވާއިރު ރާއްޖެއަށް ފަތުރުވެރިންނަށް އާދެވޭނީ ހަތަރު ދުވަސް ހަމަނުވާ ޕީސީއާރުގެ ނެގެޓިވް ނަތީޖާއަކާއެކު އެވެ.