ހދ. ނޮޅިވަރަމުން ކުޑަކުއްޖަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.

ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަކުއްޖަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

އެ ކުއްޖާ ޕޮޒިޓިވެފައިވަނީ ހޯމް ކަރަންޓީނުގެ 14 ދުވަސް ހަމަކުރުމުން ނެގި ރިލީސް ސާމްޕަލްގެ ނަތީޖާއިންނެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ އެއް އަހަރުގެ ކުއްޖެކެވެ. އަދި އެކުއްޖާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ.

ރެއާ ހަމައަށް ހދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ކޮވިޑް 19ގެ އެކްޓިވް ކޭސް އުޅެނީ ކުޅުދުއްފުށި ސިޓީއާއި ހއ. ދިއްދުއާއި ހދ. ހަނިމާދޫ އަދި ހދ. ކުރިނބީގައެވެ.