ކުޅުދުއްފުށި ސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކުޅުދުއްފުށިން މިއަދު ޕޮޒިޓިވްވި ތިން މީހުންނަކީ އެރަށުން މީގެ ކުރިން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުން ކަމަށެވެ.

ކުޅުދުއްފުށިން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހެކެވެ. އެއީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރެގެން މިމަހުގެ ހަތަރު ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުންނެވެ.

އެއާއެކު ކުޅުދުއްފުށި ހިމެނޭ ގޮތަށް ހަ ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނަ އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އެ ހުރިހާ ރަށެއް ވަނީ މޮނީޓަރިންގެ ހާލަތުން ނަގައިފަ އެވެ.

ކުޅުދުއްފުށި ފުލުހަކު ޕޮޒިޓިވްވެ އުފެދިފައިވާ އުތުރު ޕޮލިސް ކްލަސްޓާއާ ގުޅިގެން ހއ. ދިއްދޫން ވެސް ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މިއަދު ޕޮޒިޓިވްވި ތިން ކޭސްއާއެކު އެ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 12 އަށް އަރައިފަ އެވެ.

އޭގެ އިތުރުން އެ ކްލާސްޓާއާ ގުޅިގެން ހދ. އަދި ހއ. އޮތަޅުގެ ދިހަ ރަށަކުން 150 މީހުން އެކަހެރިކޮށްފައިވެ އެވެ. އޭގެ ތެރޭގައި 84 ފުލުހަކާއި އާންމުންގެ 66 މީހަކު ހިމެނެ އެވެ.