ޕްރޮފައިލް ރިޕޯޓް

އެންމެ ފުރަތަމަ މާމައަށް، މިއަދު މުޅި ރާއްޖެއަށް

އަހުމަދު ސާއިލް އަލީ

4

އުމުރުން ހަ އަހަރުގައި އޭރުވެސް އޭނާ ގަވައިދުން ކޮންމެ ދުވަހަކު ކުރަން ޖެހޭ ކަމެއް އޮވެ އެވެ. މާމަ، ފާތިމަތު އަލީ (ކަތީބު އަލީ ފާތުމަ) އާއި މާމަގެ ރައްޓެހިން ރޯނު ވަށަން ތިބޭއިރު ހަވީރު ނޫހާއި އާފަތިސް ނޫހުގައި ހުންނަ ހަބަރުތަކާއި ވާހަކަތައް އެ މީހުންނަށް އިވޭ ވަރަށް ކިޔައި ދިނުމެވެ. މަސައްކަތުގައި ގުރޫޕް ހަދައިގެން މާމަމެން ތިބޭއިރު އެ މީހުން މުނިފޫހިފިލުވުމަށް ނޫސް ކިޔުމަކީ އެ އުމުރުން ފެށިގެން ބޮޑުވާން ދެން ވެސް އޭނާ ކޮންމެ ދުވަހަކުހެން ކުރަން ޖެހޭ ކަމެކެވެ. އެއީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ދިވެހި އެފްއެމްގައި ޕްރޮޑިއުސަރު އަދި ޕްރެޒެންޓާގެ މަގާމުގައި ހުރި އިނާޔަތު އަލީ (އިނާ) ގެ ޅަދުވަހުގެ ހަނދާނެވެ. މިހާރު ހަފްތާއަކު އަށް ޝޯ ހުށަހަޅައި ޓީވީއިން ހަތަރު ގަޑީގައި ހަބަރު ކިޔަމުން އަންނަ އިނާގެ ފެށުމަކީ އެއީ އެވެ.

"އެ ވަރަށް ރޭޑިއޯ އަޑުއަހައި ނޫސް ކިޔާއިރު ވެސް އެއްވެސް ވަރަކަށް ނުވިސްނަން ވާނީ ޕްރެޒެންޓާއަކަށޭ. ކެރިއާއަށް ވިސްނައިގެން ހަމަ އެއް ކަމެއް ވެސް ނުކުރަން އޭރަކު." އުމުރުން 29 އަހަރުގެ އިނާ ޅަދުވަހުގެ ހަނދާންތައް އާ ކުރަމުން ބުންޏެވެ.

އުމުރުން 16 އަހަރުން ފެށިގެން ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިނާ ދާއިރާގައި ވީ 12 އަހަރުގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ވަނީ ހޯދައިފަ އެވެ. ރޭޑިއޯގައި ފުލްޓައިމް ކޮށް އުޅެމުން ޓީވީއެމްގެ ހަބަރުތައް ވެސް އޭނާ ކިޔަ އެވެ. އޭނާއަކީ ބެލުންތެރިންނާއި އެހުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އަދި އެންމެންގެ ލޯބި ހޯދާފައިވާ ޕްރެޒެންޓަރެކެވެ.

ހދ. ކުޅުދުއްފުށީ އަލީ އަބްދުﷲ އާއި ރުގިއްޔާ އާދަމްގެ ފަސް ދަރިންގެ ތެރެއިން ދޮށީ ދަރި، އިނާގެ މުޅި އާއިލާއަކީ ވެސް ކުރީއްސުރެ ފެށިގެން މިހާތަނަށް ވެސް ގަވައިދުން ރޭޑިއޯ އަޑުއަހާ ބައެކެވެ. އެ ގޭ ތެރެއިން ރޭޑިއޯގެ އަޑު ނީވޭ އިރެއް ނުދާނެ އެވެ.

"މާމަ ވެސް ކާފަ ވެސް ވަކިން ރޭޑިއޯ ގެންގުޅޭނެ. ގޭގެ ކޮންމެ ތާކަށް ދިޔަސް ރޭޑިއޯގެ އަޑުއިވޭނެ. އެ މީހުން ކޮންމެ ކަމެއް ކުރިޔަސް ތިބޭނީ ރޭޑިއޯ އަޑުއަހަން. މަންމަ ރޮށި ފިހަން ބަދިގޭގައި އުޅޭނީ ވެސް ރޭޑިއޯ ހުޅުވައިގެން. ބައްޕަ ވަޑާން ކުރަން ވެސް އުޅޭނީ ރޭޑިއޯ ހުޅުވައިގެން. ގޭ އެންމެން ވެސް ރޭޑިއޯ އަޑުއަހާ. އެހެންވީމަ އިނާ ވެސް އޭގެ ތެރޭގައި ހިމެނޭނެތާ. ހަމަ ހެނދުނުން ފެށިގެން ގޮސް ރޭގަނޑު ނިދަންދެން ގިނަ ވަގުތު ރޭޑިއޯ އަޑު އިވޭނެ. އަދި އެނގޭތަ މަންމައަށް ވަގަށް އޭރު ލޯބީގެ ދަރުބާރު ޕްރޮގްރާމް ވެސް އަޑު އަހަން. އެ އަންނާނީ ވެސް ރޭގަނޑު ތަންކޮޅެއް ލަސްކޮށްފަ،" މިހާރު ހުސްހަށި ބަޔަށް ހުރި އިނާ ހީނލާފައި ބުންޏެވެ.

ރޭޑިއޯއާއި އިނާގެ ދިރިއުޅުން އޭރު ވެސް ގުޅިފައިވާ މިންވަރަކީ ރޭޑިއޯ ޕްރޮގްރާމްތަކަށް އޭނާގެ ޝެޑިއުލް ކުރިއަށް ގެންދިއުމެވެ. ގަޑިންވީއިރާއި ދެން ކުރަން ޖެހޭ ކަންކަން އޭނާއަށް އެނގެނީ ޕްރޮގްރާމް ޝެޑިއުލްއިންނެވެ.

"ހެނދުނު 5:25 އެހާއިރު އަންނާނެ "ކޮވެލި". މާމަ ފަތިސް ނަމާދުކޮށްގެން އައިސް އެ ޕްރޮގްރާމް ފެށޭ ވަގުތު ރޭޑިއޯ ހުޅުވާނެ. އެވީ ދެން ހޭލަން. ފެންވަރައިގެން ނުކުންނައިރު ބާއްޖަވެރި ހެނދުނެއް އެ ޕްރޮގްރާމް އަންނާނެ. އެ ޕްރޮގްރާމްގައި ގެންނަ ބޮޑުބެރު ލަވަ އަންނާނީ ޔުނީފޯމްލައިގެން ހުއްޓާ. އެ ލަވަ ނިމުނީމަ އެ ދެން ދާންވީ ސްކޫލަށް ދާން. އޭރުން ގަޑިއަށް ދެވޭނެ،" އުފަން ރަށް ހދ. ކުޅުދުއްފުށިން ތައުލީމް ހާސިލްކުރި އިނާ ޅަދުވަހުގެ ހަނދާންތައް އާ ކުރަމުން ބުންޏެވެ.

ހދ. އަތޮޅު ތައުލީމީ މަރުކަޒުން ޕްރައިމަރީ އަދި ޖަލާލުއްދީން ސްކޫލުން ސެކަންޑްރީ ތައުލީމް ހާސިލް ކުރި އިނާއަކީ އޭރު ވެސް ވަރަށް ހަރަކާތްތެރި އަދި ތައުލީމް ހާސިލް ކުރަން މޮޅު ކުއްޖެކެވެ. މޮޅަށް ފާސްވުމާއެކު ނިމުނީއެއް ނޫނެވެ. ސްކޫލްގައި ބާއްވާ ކޮންމެ އިތުރު ހަރަކާތެއްގައިހެން އޭނާ ބައިވެރިވެ އެވެ. އޭގެ ތެރޭގައި އަދަބީ އެކިއެކި ހަރަކާތްތައް ކަމަށްވާ ޅެމާއި ރައިވަރު ކިޔުމާއި ވާހަކަ ދެއްކުން ފަދަ ކަންކަން ހިމެނެ އެވެ. ރޭޑިއޯއިން ލިބޭ މައުލޫމާތާއެކު އޭނާ އެކަންކަމަށް ވަރަށް ފަރިތަ އެވެ. ނަމަވެސް އޭރު އެއްވެސް ގޮތަކަށް މީޑިއާ ދާއިރާއަށް ނުކުންނަން އޭނާ ނުވިސްނަ އެވެ.

"އޭރުވެސް ރޭޑިއޯއިން އަންނާނެ ސްކޫލް ކުދިންނަށް ގެންނަ ޕްރޮގްރާމް. ދެން އަހަރެން އެ ވެސް އަޑު އަހާނެތާ ދޯ؟ ދެން ޓީޗަރުން ކްލާހުގައި އެކިއެކި ކަންކަމާ ސުވާލު ކުރާއިރު އެއަށް ފުރަތަމަ ޖަވާބު ދޭނީ އަހަރެން. ސްކޫލުގައި ކިޔަވައި ދިނުމުގެ ކުރިން އަހަރެން ރޭޑިއޯއިން އެ ޕްރޮގްރާމް އަޑު އަހާފަ އޮންނާނީ. ދެން ރައްޓެހި ކުދިން ވެސް އަހާނެ އިނާއަށް ކިހިނެއް ހޭ އެނގެނީ. އަހަރެން ބުނަން ރޭޑިއޯއިންނޭ ކީ،" ސްކޫލްގައި އުޅުއިރު ކެބިން ކްރޫއަކަށް ވާން ބޭނުންވި އިނާ އޭރުގެ ހަނދާތައް އާ ކުރި އެވެ.

މީޑިއާއާ ގުޅުން ހުރި މަސައްކަތެއްގެ ތަޖުރިބާ އިނާއަށް ސްކޫލް ދައުރުގައި ލިބުނީ ގްރޭޑް 7 ގައި އުޅުނުއިރު ޕްރިފެކްޓް ކުދިން ނެރޭ ނޫހުގެ ތެރެއިންނެވެ. އެކި ގްރޫޕުތަކަށް ބަހައިގެން ފާރު ނޫސްތައް ނެރުނުއިރު އިނާގެ ގުރޫޕުގެ ލީޑަރަކީ އޭނާ އެވެ. އެކަމުގައި ވެސް އެހެން ގުރޫޕުތަކަށް ވުރެ އޭނާ ކުރި ހޯދީ ތަފާތު ގޮތަކަށެވެ. މަޝްހޫރު ދެ ތަރިން ކަމަށްވާ ޝީލާ ނަޖީބާއި ފިރިމީހާ މުހައްމަދު މަނިކު ކުޅުދުއްފުއްޓަށް ގޮސް އުޅެނިކޮށް މަނިކުގެ އިންޓަވިއުއެއް ނަގައި ފާރު ނޫހުގައި އިނާ ލިޔުނެވެ. އެކަންވީ މުޅި ސްކޫލަށް ވެސް ތަފާތު އަދި އެތައް ބައެއްގެ ތައުރީފު ލިބުނު ކަމަކަށެވެ. ނަމަވެސް އެކަމަކުން ވެސް އޭރު ނޫސްވެރިކަމަކަށް ވެސް އަދި މީޑިއާގެ ދާއިރާއަކަށް ވެސް އިނާގެ ޝައުގެއް ނުއުފެދެ އެވެ.

"ކުރިއާލައި ހަމަ ތައްޔާރުވިން އިންޓަވިއުއަށް ދާން. ފޮތުގައި ސުވާލުތައް ލިޔެ. ވަރަށް ފިނި ވެސްވި. އެހެން ސެލެބްރިޓީއަކާ އިންޓަވިއު ކުރަން ކުއްލިއަކަށް ދާން ވީމަ،" މިހާރު އާއްމުކޮށް މަޝްހޫރު ފަންނާނުންނާ ކޮންމެ ދުވަހަކުހެން އިންޓަވިއު ކުރާ އިނާ ބުންޏެވެ.

ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރިއިރު ރޭޑިއޯއާ އޭނާއާ އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަން ފެށި އެވެ. އެއީ ރޭޑިއޯ ޕްރޮގްރާމްތަކަށް ގުޅައި ލަވަ ރިކުއެސްޓް ކުރުން ފަދަ ކަންކަމުގެ ތެރެއިންނެވެ. އޭރު އޭނާ ބައިވެރިވަނީ ކޮންމެ ބުދަ ދުވަހަކު މިހާރު އޭނާ މަސައްކަތް ކުރާ ދިވެހި އެފްއެމް، އޭރުގެ ރާއްޖެ އެފްއެމްއިން ގެނެސްދޭ އިނގިރޭސި ލަވަ ޝޯއެއްގަ އެވެ.

ރޭޑިއޯއިން ގެންނަ ހުރިހާ ޕްރޮގްރާމެއްގެ ތެރެއިން ވެސް އިނާއަށް އެންމެ ހާއްސަ ވެފައި އޮންނަނީ އޭނާގެ ރަށުގައި ހުންނަ މީޑިއާ ސެންޓަރުން އުފައްދައި ގެންނަ "ބަނޑަވަރު" ޕްރޮގްރާމެވެ. އޭރު ކޮންމެ ހޮނިހިރު ދުވަހެއްގެ 1:00 އިނާ ހުސް ކުރަނީ އެ ޕްރޮގްރާމަށެވެ. އޭރު އެކަމަކު އެ ޕްރޮގްރާމް ހުށަހަޅަން އޭނާގެ އެއްވެސް ޝައުގެއް ނެތެވެ. އެއީ އޭނާގެ މީޑިއާ ހަޔާތުގެ ފެށުން ކަމަށް ވާނެ ކަމަކަށް ހީވެސް ނުކުރެ އެވެ.

އޯލެވެލް 2007 ގައި ނިންމުމަށް ފަހު ވަޒީފާއަކަށް އިނާ ނުކުންނަން ފެށީ ރަށު ފިހާރައަކަށެވެ. އެތަނުގައި އުޅެނިކޮށް މީހެއްގެ ފަރާތުން އެނގުނީ މީޑިއާ ސެންޓަރުން ވަޒީފާގެ ފުރުސަތު ހުޅުވާލާފައި އޮތް ކަމެވެ. އެއީ 2008 ވަނަ އަހަރުގެ މެދު ތެރެ އެވެ. އޭރު އޭނާ އުޅެނީ އޭލެވަލް ކިޔަވަން ސްކޫލުގަ އެވެ. ޕްރެޒެންޓަރުން ހޯދަން އިއުލާން ކޮށްފައިވާ އެ ވަޒީފާގެ އޮޑިޝަނަށް އޭނާ ދިޔަ އެވެ. ދިޔައިރު ބައިވަރު ކުދިން އެތަނުގައި ކިޔޫ ހަދާފައި ތިއްބެވެ.

"އިންޓަވިއު ކުރަން ތިބީ މޫމިނާ އިބްރާހިމާއި ހަފްސާ އަލީ. ޖެއްސީ އެއްޗެއް ކިޔަން. ދެން އަބަދުވެސް ކިޔަން ފަރިތަ ވާނެ. އެހެންވެ އެ ބުނި އެތި ކިޔާލިން ހަމަ ވަރަށް ފަރިތަކޮށް. ދެން ބައެއް ސުވާލު ކުރި. އޭގެ އަނެއް ދުވަހު ގުޅައިފި. ގުޅާފަ ބުނީ ހޮވިފައޭ އޮތީ. އެކަމަކު 18 އަހަރު ނުވާތީ ޖެހޭނެއޭ ބެލެނިވެރިއާގެ ސިޓީއެއް ހުށަހަޅަން. ދެން މަންމަމެން އެކަމަށް ގަބޫލު ވީމަ ސްކޫލަށް ނުގޮސް ވަޒީފާއަށް ނުކުންނަން ފެށީ،" އޭރު 16 އަހަރުގެ އިނާ ބުންޏެވެ.

އިތުރު ދެ ކުދިންނާއެކު އިނާ މީޑިއާ ސެންޓަރަށް ނުކުމެ ކުރަން ޖެހުނު މަސައްކަތަކީ އޭނާ ޅަދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު ވެސް އަޑުއަހާ "ބަނޑަވަރު" ޕްރޮގްރާމްގެ އެކިއެކި މަސައްކަތްތަކެވެ. ކުޑައިރުން ފެށިގެން ރޭޑިއޯ އަޑުއަހާތީ ވާހަކަ ދައްކާ ޓޯން އާއި ރިޕޯޓްތައް ގެނެސްދޭ ގޮތް ކޮންމެވެސް ވަރަކަށް އޭރު ވެސް އޭނާއަށް އެނގެ އެވެ. މީޑިއާ ސެންޓަރުގައި އޭރު ފަސް އަންހެނުންނާއި ތިން ފިރިހެނުން މަސައްކަތް ކުރާއިރު މާ ގިނައިން ކުރާނެ ކަމެއް ނޯވެ އެވެ. އެހެން ތިއްބާ އޭރުގެ ޓީވީއެމްއިން މަތި އުތުރު ސްޓޫޑިއޯ ހަދަން ނިންމައި ޓީވީއިން ހަބަރު ކިޔަން ނެގި ކުދިންގެ ތެރޭގައި އިނާ ހިމެނުނެވެ. އޭނާ ގިނަ ބަޔަކަށް ފެނި ކެރިއާއަށް ބޮޑު ކުރިއެރުމެއް އައީ އެ ހިސާބުންނެވެ.

"މާލެ ގެނެސް ނިއުސް ރޫމްގައި ދެ ހަފްތާ މަސައްކަތް ކުރުވާފައި ރަށަށް ފޮނުވީ. ދެން ރަށަށް ގޮސް ހަބަރު ކިޔަނީ ޓީވީން،" 2008 ވަނަ އަހަރުގެ ފަހުކޮޅުގެ ހަނދާންތައް އާ ކުރަމުން އިނާ ބުންޏެވެ.

މާގިނަ ދުވަސްތަކަކު ކުޅުދުއްފުށީ ސްޓޫޑިއޯ ކުރިއަކަށް ނުގެންދި އެވެ. އެހެންވެ އިނާ ވެސް 2009 ގައި މާލެ ބަދަލުވި އެވެ. އެއަށް ފަހު ދިވެހި ރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން އޭނާ ފެށި އެވެ.

"މިހާރު ވެސް ބޮޑަށް އުޅެވެނީ އެންޓަޓައިމެންޓް ޝޯތަކުގައި. އެކަމަކު ޝައުގުވެރިކަން ހުންނަނީ ސޯޝަލް ކަންކަމަށް. މުޖުތަމައުގައި ހުރި މީހުންގެ ސަމާލުކަން ބޭނުންވާ ދިމާ ދިމާއަށް ފޯކަސް ކޮށްގެން ގިނަ ޕްރޮގްރާމްތަކެއް ހެދިން. ޑިޕްރެޝަން. ރޭޕް. ޑިވޯސްގެ ސަބަބުން ދިމާވާ ކަންކަން ފަދަ ކަންކަމަށް ހާއްސަ ކޮށްގެން،" މަސައްކަތުގެ ތަޖުރިބާ އިނާ ކިޔައި ދިނެވެ.

ދައުލަތުގެ މީޑިއާގެ ތެރެއިން އެންމެ މަޝްހޫރު ވި މީހުންނާއެކު އިނާއަށް މަސައްކަތް ކުރަން ލިބުނެވެ. އޭގެ ތެރެއިން ގިނަ މީހުން އެކި ދާއިރާތަކަށް ދިޔަ އިރު އިނާ އަދިވެސް ހުރީ ހިދުމަތުގަ އެވެ. އެކަމުގެ ސިއްރަކީ އޭނާ ބުނާގޮތުން ނަމަ މަސައްކަތަށް އޮތް ޝައުގެވެ.

"އަޅުގަނޑު ޝައުގުވެރިވާ ދާއިރާތަކަށް ފޯކަސް ކޮށްގެން މައުލޫމާތު ހޯދައި އެ މައުލޫމާތުތައް އެހުންތެރިންނަށް އެބަ ގެނެސް ދެވޭ. އެހެންވެ އެންމެ ޝައުގުވެރި ވަނީ. އަޅުގަނޑަށް ވެސް އެކިއެކި ކަންކަމަށް ފުރުސަތުތައް ލިބޭ. އެކަމަކު ސްޓޭބިލިޓީ މުހިންމު ކަމަށް ގަބޫލު ކުރަނީ. މި ތަނުގައި ހުރެ ޝައުގުވެރިވާ މަސައްކަތް ކުރެވޭ. މުސާރަ ރަނގަޅު. އެހެންވެ އެހެން އޮޕްޝަންތައް ނުބަލަނީ،" ގިނަ ދުވަހު ހިދުމުގައި ހުރިގޮތް އިނާ ބުނެ ދިނީ މިހެންނެވެ.

މީޑިއާގައި މަސައްކަތް ކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިނާ ވަރަށް ބާރަށް ކުރި އެރި އެވެ. އެކަމުގެ ސިއްރެއް ކަމަށް އޭނާ ގަބޫލުކުރަނީ ބުރަކޮށް ކުރާ މަސައްކަތެވެ. އަދި އޭނާއަށް ވުރެ ސީނިއާ މުވައްޒަފުންގެ އިރުޝާދު އަބަދުވެސް އޭނާ ހޯދަ އެވެ. ކުޑަ ކުއްޖެއްގެ ގޮތުގައި ދާއިރާއާ ގުޅި އެހާ ބާރަށް ކުރިއަށް ދެވުނީ އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާއިލާގެ އެހީތެރިކަން ލިބޭތީ ކަމަށް އިނާ ބުންޏެވެ. އޭގެ ތެރެއިންވެސް އަޑުގެ އިސްވެރިން ކަމަށްވާ މުހައްމަދު ޝާކިރާއި ނަސްރުއްﷲ އިރުދީސް އާއި ޕީއެސްއެމްގެ އެކްޓިން ނިއުސް ހެޑް މުހައްމަދު އަފްޒަލް އާއި ވޮއިސް ޑައިރެކްޓާ ޔާމީން ރަޝީދާއި ހަސަން ޝާޒިލް ފަދަ ބޭފުޅުން އިނާ ފާހަގަ ކުރި އެވެ.

އިނާގެ 12 އަހަރުވީ ތަޖުރިބާގެ ތެރެއިން ވެސް އެންމެ ހާއްސަ ކަމަކީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ނުރައްކަލާއެކު ދިވެހި ރާއްޖޭގެ އަޑުގައި 44 ދުވަހު ލޮކްޑައުންވެ ކުރި މަސައްކަތްތަކެވެ. އެކި ދާއިރާތަކުން ޖުމުލަ 16 މުވައްޒަފުންނާއެކު އަޑުގެ އޮފީހުގައި ބަންދުވެ ކޮންމެ ދުވަހަކުހެން މަސައްކަތުގައި އުޅެ ލިބުނު ތަޖުރިބާތައް އޭނާއަށް ވަރަށް ވެސް މުހިންމެވެ.

"އެއީ ދެން ވަރަށް އެހެން ކަހަލަ ތަޖުރިބާއެއް. އޮފީހުގައި ނިދައި ކައި މަސައްކަތް ކޮށްގެން އުޅުން. ހާއްސަކޮށް އެ ޓީމްވޯކް. އަޅުގަނޑުމެން އޮފީހުގައި ބަންދުވެގެން ތިބިއިރު ގޭގައި ތިބި މުވައްޒަފުން ވެސް އަޅުގަނޑުމެންނާއެކު މަސައްކަތް ކުރީ" އިނާ ބުންޏެވެ.

އޮފީހުގެ ރަސްމީ މަސައްކަތްތަކުގެ އިތުރުން ވެސް އިނާގެ އަޑަކީ އިޝްތިހާރުތަކާއި ދެންނެވުންތަކުން ވެސް އިވޭ ހާއްސަ އަޑެކެވެ. ރާއްޖޭގެ އެންމެ ފުރަތަމަ އެނިމޭޓެޑް މޫވީއިން ފެށިގެން ގޮސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެހެން ކުންފުނިތަކާއި ސަރުކާރުގެ އިދާރާތަކުގެ އެކިއެކި ރިޕޯޓްތަކުން ވެސް އެންމެ އާއްމުކޮށް އިވޭ އެއް އަޑަކީ އިނާގެ އަޑެވެ. އޭގެ ތެރޭގައި ރައީސް އޮފީހާއި ޓޫރިޒަމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ ގެ ހާއްސަ އިވެންޓްތައް ހިމެނެ އެވެ.

ޒުވާން އުމުރުގައި އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އިނާ ދޭން ބޭނުންވާ ނަސޭހަތަކީ ކަމެއް ކާމިޔާބު ކުރަން ބޭނުންނަމަ ބުރަކޮށް މަސައްކަތް ކުރުމެވެ. އެ ކަމަކާ ގުޅޭ ތަޖުރިބާކާރުންގެ ލަފާ ހޯދުން ވަރަށް މުހިންމު ކަމަށް އިނާ ދެކެ އެވެ.

"ކުރަން ބޭނުން ކަމެއް ނަމަ އެކަމާ އުޅެގެން ވާނީ. ތިމާވީމަ ނުވާނޭ އެހެން ދެކިގެން ނުވާނެ. ޕްލޭން ކުރަން ވާނެ. މަސައްކަތް ކުރަން ވާނެ. ރޯން ޖެހޭ ފަހަރު ވެސް އަންނާނެ. އެކަމަކު މަސައްކަތް ކުރަން ވާނެ،" އިނާ ބުންޏެވެ.

ޒުވާން އިނާ ދާއިރާއިން ކުރިއަށް ދާން އަދިވެސް ދެކޭ ހުވަފެންތަކެއް އެބަހުއްޓެވެ. އެކަމަކު އެ ވާހަކަ އަދި ބުނަން އޭނާ ބޭނުމެއް ނުވެ އެވެ.

ކުޑަ ކުއްޖެއްގެ ގޮތުގައި މާމައަށް ނޫސްކިޔައިދޭން ފެށި އިނާ މިއަދު އެއަންނަނީ އެ އަޑުން މުޅި ރާއްޖެއަށް ނޫހާއި މައުލޫމާތު ކިޔައިދެމުންނެވެ. ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދައިގެންނެވެ.