ލާމަރުކަޒީކުރުމުގެ ޕްލޭނާ އެއްގޮތަށް ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާގެ މަސައްކަތްތައް އިދާރާތަކަށް ދޫކުރުމުގެ މަސައްކަތްތައް މިއަދު ފަށައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ، ސިވިލް ސާވިސްގެ ކޮންޓްރެކްޓް އެޕޮއިންޓްމެންޓްގެ މަސައްކަތްތައް އެ ކޮމިޝަނުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ސިވިލް ސާވިސްގެ އިދާރާތަކުން ކުރިއަށްގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ސިވިލް ސާވިސްގެ އިދާރާތަކާއެކު އިއްޔެ ހެނދުނު އޯޑިއޯ/ވީޑިއޯގެ ޒަރިއްޔާއިން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށްވެސް ބުންޏެވެ.

އެ ބައްދަލުވުމުގައި ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާގެ މަސައްކަތްތަކުގެ ތެރެއިން ލާމަރުކަޒީކުރުމުގެ ޕްލޭނާ އެއްގޮތަށް މިމަހުގެ ތެރޭގައި ދޫކޮށްލުމަށް ހަމަޖައްސާފައިވާ، ކޮންޓްރެކްޓް އުސޫލުން ސިވިލް ސާވިސް އިދާރާތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް، އެކަންކުރާ އިދާރާތަކަށް ދޫކޮށް އެކަމާ ގުޅޭ މައޫލޫމާތު ވަނީ ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު، ނައިބު ރައީސް އިބްރާހިމް ރަޝީދު އަދި ކޮމިޝަންގެ މެންބަރުންނާއި ސިވިލް ސާވިސް އިދާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި އެޗްއާރުގައި މަސައްކަތްކުރާ މުވަައްޒަފުންގެ އިތުރުން ކޮމިޝަނުގެ އިސް މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ލާމަރުކަޒީކުރުމުގެ ޕްލޭނާ އެއްގޮތަށް ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާގެ އިތުރު މަސައްކަތްތައް އަންނަ މަހުގެ ތެރޭގައި އިދާރާތަކަށް ދޫކުރުމުގެ މަސައްކަތްތައްވެސް ސިވިލް ސާވިސް ކޮމިޝަނުން އަންނަނީ ކުރަމުންނެވެ.