ނޫސްވެރިކަމުގެ މިނިވަންކަމޭ ބުނެ މީހުންގެ އަބުރު ކަތިލައިގެން ނުވާނެ ކަމަށާއި ހަބަރާއި މައުލޫމާތު ފެތުރުމުގައި މީހުންގެ އަބުރާ ގުޅުން ހުރި ކަންކަމުގައި ނޫސްވެރިން އިތުރަށް ސަމާލުވުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ގޮވާލައްވައިފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ހިންގި "ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް 2020" ނިންމުމުގެ ގޮތުން ވާޗުއަލްކޮށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޝަމީމް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައެއްގައި ކަށަވަރުކޮށްދޭންޖެހޭ އެންމެ މުހިންމު އެއް އަސާސީ ހައްގު ކަމަށެވެ. އަދި ދައުލަތުގެ އެކި ބާރުތަކާއި މުއްސަސާތަކުން ކުރާ މަސައްކަތްތަކުގެ މައުލޫމާތާއި އެ މަސައްކަތް ކުރަނީ ރަނގަޅަށްކަން ކަށަވަރުކޮށް، ވެރިން ޖަވާބުދާރީ ކުރުވާ ބަޔަކީ ނޫސްވެރިން ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިކަމަކީ ވަރަށް ގިނަ ބާރުތަކެއް ލިބޭ އަދި ގާނޫނު އަސާސީގައި ވެސް އަސާސީ ހައްގެއްގެ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަން ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި ޝަމީމު ވިދާޅުވީ، އެ ބާރުތައް ބޭނުންކުރާއިރު އެއްވެސް ހަމައެއް ލަމައެއް ނެތި، ޒިންމާދާރު ކަމެއް ނެތި ބޭނުންކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން ގާނޫނު އަސާސީގެ 33 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ކޮންމެ ރައްޔިތަކަށް ވެސް އެމީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވާ ކަމަށާއި އެހެންކަމުން ނޫސްވެރިކަމުގެ މިނިވަންކަމޭ ބުނެ މީހުންގެ އަބުރު ކަތިލައިގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމަ ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔާފައި މީހުންގެ އަބުރު ކަތިލާ، މީހުންނާމެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ އެއީ އަޅުގަނޑު ދެކޭ ގޮތުގައި އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން. ޒިންމާދާރު ކަމަކަށް ވެސް އެކަމެއް އެގޮތަކަށް ނުވާނެ،" ޕީޖީ ވިދާޅުވި އެވެ.

ޝަމީމު އިތުރަށް ވިދާޅުވީ، އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ އަބުރުގެ ގާނޫނާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތައް ހުންނާނެކަން ގަބޫލުކުރައްވާ ކަަމަށާއި އަދި ނޫސްވެރިންގެ އެ ކަންބޮޑުވުން ހުރީ މީގެ ކުރިން ކަންތައްތައް ހިނގާފައިވާ ގޮތުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އަބުރާ ބެހުމުގެ ކަންތައްތަކަކީ، އަބުރު ރައްކާތެރިކުރުމުގެ ހައްގަކީ އެއީ ގާނޫނު އަސާސީން ލިބިދީފައި އޮންނަ ހައްގެއްވީމަ ދައުލަތުގެ ތެރޭގައި އެކަން ތަންފީޒު ކުރެވިފަ އޮންނަންވާނެ. ކުރިންނަމަ އެއީ ޖިނާއީ ކުށެއްގެ ގޮތުގައި. އެހެންނަމަވެސް މި ޒަމާނާ މި ކަންކަމަށް އައި ބަދަލާއެއްކޮށް އެ ވިސްނުން ބަދަލުވެއްޖެ،" ޝަމީމް ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ އަބުރުގެ މައްސަލަތަކުގައި ޖިނާއީ އަދުލުގެ ނިޒާމު ބޭނުންކުރުމުން ލިބޭ ގެއްލުން ބޮޑު ކަމަށާއި އެހެންކަމުން އެއީ މަދަނީ ގޮތުން ކޮންޓްރޯލްކޮށް، ތަންޒީފުކުރަންޖެހޭ ކަމެއް ގޮތަށް މިހާރު ގަބޫލުކުރެވޭ ކަމަށެވެ.

"އެހެންވީމަ އޭޖީ އޮފީހުން ވެސް އެބަ ވިދާޅުވޭ އަބުރާ ބެހޭ ގާނޫނުގެ ތެރޭގައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭގޮތެއް ނޫނޭ މި ތައާރަފު ކުރައްވަނީކީއެއް. އެހެން ނަމަވެސް ކޮންމެސް ނިޒާމެއް އޮންނަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ޕީޖީ ވިދާޅުވި އެވެ.

މިހާރަކަށް އައިސް ކަނޑައެޅިގެން ހަގީގަތާ ހިލާފު އަދި ބައެއް ފަހަރު ގާނޫނާވެސް ހިލާފު ވާހަކަތައް ބައެއް ފަރާތްތަކުން ފަތުރަމުން އަންނަކަން ފާހަގަކުރައްވައި ޝަމީމު އިތުރަށް ވިދާޅުވީ، އެއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. އަދި މައުލޫމާތު ފެތުރުމުގައި ކޮންމެސް ހަމަތަކަކާއި އުސޫލުތަކެއް ހުންނަންޖެހޭނެ ކަމަށާއި ހާއްސަކޮށް އަބުރާ ބެހޭ ކަންކަމުގައި ސަމާލުވެގެން ކުރިއަށް ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.