ރާއްޖޭގައި ފުރަތަމަ ފަހަރަށް މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތެއް އެކުލަވާލައިފި އެވެ.

"ފްލައިޓް ޕްލޭން 2020-2025" ގެ ނަމުގައި އެކުލަވާލެވުނު މި ސިޔާސަތަކީ ކުރިއަށް އޮތް ފަސް އަހަރުގެ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތް ކުރިއަރުވާ ދަމަހައްޓާނެ ގޮތުގެ މަގުޗާޓެވެ. މި މަގު ޗާޓުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވަނީ ސޮއިކުރައްވައިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މިއީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދުރު ރާސްތާ ސިޔާސަތުތަކެއް އެކުލަވާލެވުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ އޭވިއޭޝަން ސިނާއަތަށް ލިބުނު ތާރީހީ ކުރިއެރުމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ، އެ ސިޔާސަތުގެ ސަބަބުން ސަރުކާރުންނާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން އިސްކަންދީގެން ކުރާނެ މުހިންމު މަސައްކަތްތަކުގެ މަގު ޗާޓެއް އެކުލަވާލެވި، އެ ސިނާއަތުގެ ބައިވެރިންނަށް އެއް މިސްރާބަކަށް ދަތުރުކުރުމުގެ މަގުފަހިކޮށްދެވޭނެ ކަމަށެވެ.

"ފްލައިޓް ޕްލޭން 2020-2025" އަކީ ފަސް ތަނބެއްގެ މައްޗަށް އެކުލެވިގެންވާ ސިޔާސަތެކެވެ. އެ ސިޔާސަތުގެ މަގުސަދަކީ ސަލާމަތްތެރިކަމާއެކު ތިމާވެއްޓަށް ރައްކާތެރި އަދި އިގްތިސޯދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިން އެކަކު އަނެކަކާ އަދި ދުނިޔެއާ ގުޅުވާލަ ދިނުމެވެ.