ޚަބަރު

ސްޓެލްކޯ އަށް ސަރަހައްދީ ފެންވަރުގެ ބައިނަލްއަގުވާމީ ދެ އެވޯޑެއް

އަލީ ޔާމިން

ސަރަހައްދީ ފެންވަރުގެ ބައިނަލްއަގުވާމީ ދެ އެވޯޑެއް ސްޓެލްކޯއަށް ލިބިއްޖެ އެވެ.

ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް ގުޅިގެން ބޭއްވި 11 ވަނަ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސް 2020 އިން ސްޓެލްކޯއަށް ލިބިފައިވަނީ "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން "އިމާޖިން ލީޑާ އޮފް ދި ޔިއަ"ގެ އެވޯޑް ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އަށް ލިބިފަ އެވެ. އެ ދެ އެވޯޑް ސްޓެލްކޯއަށް ލިބިފައިވަނީ އޮންލައިންކޮށް ބޭއްވި އެވޯޑް ހަފްލާއެއްގަ އެވެ.

ސްޓެލްކޯ އިން ބުނީ، "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ"ގެ އެވޯޑް އެ ކުންފުންޏަށް ލިބިފައިވަނީ ކުންފުނީގެ އެންމެ މުހިންމު އެއް ރައުސުލްމާލު ކަމުގައިވާ ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި ހިތްހަމަޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ލަފަޔާއި އިރުޝާދާއެކު، އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުންފުނި ހިންގުމުގައި ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ތައާރަފުކޮށް، ބޭނުންކުރުމާއި ކުންފުނީގެ ކުންފުނި ހިންގުމާއި އޯވާރޯލް ޕާފޯމެންސް އަދި ގަވަނެންސް ހަރުދަނާވުމުގެ އިތުރުން ކުންފުނީގެ ގްރީންލައިފް އިނިޝިއޭޓިވް ނުވަތަ ތިމާވެއްޓާއި ރައްޓެހި ހަކަތައަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމާއި ކޮވިޑް-19އާ ގުޅިގެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ކުންފުނިން އަޅާފައިވާ އަދި އަޅަމުން އަންނަ ނަމޫނާ ފިޔަވަޅުތައް އަދި ސްޓެލްކޯ އިން އިޖުތިމާއީ ޒިންމާ އަދާކުރުމުގައި ގެންގުޅެފައިވާ ސިޔާސަތުތަކުގެ ހަރުދަނާ ކަމަކީވެސް އެ އެވޯޑް ލިބުނު ސަބަބެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ އިން ބުނީ، "އިމާޖިން ލީޑާ އޮފް ދި ޔިއަ"ގެ އެވޯޑް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީއަށް ލިބިވަޑައިގަތީ ކުންފުނީގެ މުވައްޒަފުންގެ ކަންކަން ފުރިހަމަކޮށް ގެންދިއުމުގެ އިތުރުން ކުންފުންޏާމެދު ކަސްޓަމަރުންގެ މެދުގައި އޮންނަ އިތުބާރާއި ތަސައްވަރު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ އަދި ކުރެއްވުމަށް ރާވާފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުގުނީ ވިދާޅުވީ ސަރަހައްދީ ފެންވަރުގެ ބައިނަލްއަގުވާމީ ދެ އެވޯޑެއް ސްޓެލްކޯއަށް ލިބުމަކީ އެކުންފުންޏަކީ މަސައްކަތް ކުރުމަށް ޑްރީމް ކުންފުންޏަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތައް ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކުން ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށެވެ.

ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއަކީ ހިއުމަން ރިސޯސަސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ކޮންގްރެސް އެވެ. ސްޓެލްކޯ އާއި އެކުންފުނީގެ އެމްޑީ މުގުނީއަށް އެވޯޑްތައް ލިބިފައިވާއިރު އެ އެވޯޑްތަކަށް އޭޝިއާ ސަރަހައްދުގެ 30 އަށްވުރެ ގިނަ ގައުމުގެ ކުންފުނިތަކުން ވާދަކުރި އެވެ.