މަސްވެރިންގެ ލާބަ އާއި މަންފާއާށްޓަކައި އަޅާ ފިޔަވަޅެއް ފިޔަވައި އިތުރު އެއްވެސް ފިޔަވަޅެއް މަސްވެރިކަމުގެ ދާއިރާއިން އެޅުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޒަހާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޖާބިރު މިނިސްޓަރާ ސުވާލު ކުރެއްވީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުގައި، ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)އިން ދިވެހި މަސްވެރިންނަށް ލިބެން ޖެހޭ މަންފާތައް ސަރުކާރުން ހިފަހައްޓާފައިވާ ކަމަށާއި، މަސްވެރިކަމުގެ ދޮރުތައް ބަންދުކޮށް، މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި މަސްވެރިން މަގުމަތިކޮށް ނިކަމެތި ކުރަމުންދާއިރު، ވަޒީރު އަތްއުރާލައްވައިގެން އިންނަވައި ކީއްވެތޯއެވެ.

ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، އެ އެގްރީމެންޓުގެ ކަންކަން ބަލަހައްޓާމުން ގެންދަނީ، ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން ކަމަށެވެ. އެއީ ފިޝަރީޒް މިނިސްޓްރީއާ ހަވާލު ކުރައްވާފައިވާ މަސައްކަތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މީގެ ކުރިންވެސް ފިނޭންސް މިނިސްޓަރު މަޖިލީހުގައި ވިދާޅުވެފައިވާ ގޮތަށް، އެ އެގްރީމެންޓަކީ މިވަގުތަށް އޮޕަރޭޝަނަލް އެގްރީމެންޓެއް ނޫން ކަމަށާއި، އެހެންކަމުން އެ އެގްރީމެންޓުން މަސްވެރިންނާއި، އިންވެސްޓަރުންނަށް ލިބެން ޖެހޭ އެއްވެސް މަންފާއެއް ހިފަހައްޓާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަސްވެރިކަން ކުރިއަރުވަން ސަރުކާރުން ކުރިއަށްގެންދާ ކަންތައްތަކާބެހޭގޮތުން، އިތުރު މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް، ދިވެހިން ބާނާ މަހަށް އިތުރު މާރުކެޓުތައް ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ މަސް ޗައިނާއަށް އެކްސްޕޯޓުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ރަޝިޔާގެ މާކެތްތަަކަށްވެސް ެކަންތައް އަމާޒު ކޮށްފައިވާކަަމަށް މިިނިސްތަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފެލިވަރު އިތުރަށް ތަރައްގީ ކޮށް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތައްވެސް ކުރިއަށްދާ ކަމަށާއި، މަސްވެރިކަން ތަރައްގީކޮށް މަސްވެރިންނަށް މަންފާ ހޯދައި ދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.