ގްރޭޑް 7 އަދި 8 ގެ ކިޔެވުން މިމަހު ފަށަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މިމަހުގެ 19 އިން ފެށިގެން މާލޭގެ ސްކޫލުތަކުގެ ގްރޭޑް އަށަކަށް ކިޔަވައިދޭން ފަށަން ނިންމާފައިވާ އިރު ގްރޭޑް ހަތެއްގެ ކިޔެވުން ފަށަން ނިންމާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

މިނިސްޓްރީން ބުނީ، އެ ނިންމުން ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަމަށެވެ.

މާލޭ ސްކޫލްތަކުގެ ގްރޭޑް 7 އަދި 8ގެ ކިޔެވުން ފަށަން ނިންމާފައިވާއިރު ގްރޭޑް 9 އިން 12 އާ ދެމެދުގެ ކުދިންނަށް މިހާރު އަންނަނީ ސްކޫލުތަކުގައި ކިޔަވައި ދެމުންނެވެ.

ކޮވިޑާ ގުޅިގެން މާލޭގެ ސްކޫލުތައް ބަންދު ކުރީ މާޗު 12ގަ އެވެ. އޭރުން ފެށިގެން ދަރިވަރުންނަށް ކިޔަވާދެމުން އައީ އޮންލައިންކޮށެވެ.

ކޮވިޑްގެ ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވުމުން ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގްރޭޑް ނުވަޔަކުން ފެށިގެން މަތީގެ ދަރިވަރުންނަށް ސްކޫލުތައް ހުޅުވާލިއެވެ. ނަމަވެސް އަނެއްކާވެސް ކޮވިޑްގެ ކޭސްތައް އިތުރުވެ، އޮގަސްޓް 9 ވަނަ ދުވަހު ސްކޫލުތައް ބަންދު ކުރި އެވެ.