ބާސެލޯނާގައި ހޭދަކުރި ފަހު ދުވަސްތަކުގައި ކަންތައް ހިނގައި ދިޔަގޮތުން އެތައް ދުވަހަކު ރޯން ޖެހުނު ކަމަށް އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.
ބާސާގެ ތާރީހުގައި ތިންވަނައަށް އެންމެ ގިނަ ގޯލް ޖަހާފައިވާ ސުއަރޭޒް، ހަ އަހަރަށްފަހު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީ ކްލަބާ އަލަށް ގުޅުނު ކޯޗު ރޮނާލްޑް ކޯމަން ބޭނުން ނުވެގެންނެވެ. ސުއަރޭޒް ފުރަތަމަ އިޓަލީ ލީގުގެ ޔުވެންޓަސްއަށް ބަދަލުވާން އުޅުނު ނަމަވެސް ޕާސްޕޯޓް މައްސަލައިގައި އެކަން ކާމިޔާބެއް ނުވިއެވެ. އޭގެ ފަހުން ސުއަރޭޒް އެތުލެޓިކޯއަށް ދާން އުޅުމުން އެއީ ބާސާގެ ވާދަވެރި ކްލަބަކަށް ވާތީ، ބާސާ ރައީސް ޖޯސެފް ބާޓެމިއޫ ވަނީ އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެވެ.
އެހުރިހާ ކަމަކާ ގުޅިގެން ސުއަރޭޒް މީޑިއާއާ ކުރިމަތިލާން އުޅެނިކޮށް، ބާސާގެ ރައީސް އޭނާ އެތުލެޓިކޯއަށް ބަދަލުވާން ހުއްދަ ދިން ކަމަށް ހަބަރުތައް ބުނެއެވެ. ސުއަރޭޒްއަށް ބާސާއިން ކުޑަ ފެއާވެލްއެއް ދީފައިވާއިރު، ސުއަރޭޒްގެ މައްސަލައިގައި ކްލަބުން ކަންތައް ކުރިގޮތަށް ކެޕްޓަން ލިއޮނަލް މެސީ ވަނީ ބަހުގެ ހޫނު ހަމަލާތަކެއްވެސް ބޯޑަށް އަމާޒުކޮށްފައެވެ.
ސުއަރޭޒް ބުނެފައި ވަނީ ކްލަބަށް ބަދަލުތަކެއް ގެންނަން ޖެހޭކަން އޭނާއަށް އިހުސާސްވި ނަމަވެސް، އެންމެ ބޮޑަށް ހިތުގައި ޖެހުނީ ފަރިތަކުރުންތަކުން ވަކިކޮށް، ޓީމުގެ ޕްރެކްޓިސް މެޗުތަކުގައި ކުޅުމުގެ ފުރުސަތުވެސް ގެއްލުވާލުމުން ކަމަށެވެ.
"ކުޅުންތެރިންގެ ޖީލެއް ނިމޭނެ ކަން އެންމެންވެސް ގަބޫލުކުރާނެ. އެކަމަކު އެކަން ބަލައިގަނެ، ކަންކަން ކުރަން ޖެހޭ ގޮތަކަށް ނޫން ބާސާއިން ކަންތައް ކުރީ. އެންމެނަކަށް ނުވެސް އެނގޭނެ ބާސާގައި ކަންތައް ދިމާވި ގޮތެއް. ތަމްރީނުތަކުގައި ވަކި ގްރޫޕަކަށް އަހަރެން ލި ހިސާބުން އެންމެ ބޮޑަށް މާޔޫސްވީ. ޕްރެކްޓިސް މެޗުތަކުގައިވެސް ނުކުޅުވާ. އަހަރެންގެ އަންހެނުންނާ އާއިލާއަށް އެނގޭނެ މާޔޫސްވި ވަރު. އެތައް ފަހަރަކު ގޭގައި ރޯން އިނިން،" ސުއަރޭޒް ބުނެފައި ވެއެވެ.
މެސީ މީސް މީޑިއާގައި ސުއަރޭޒް ދިފާއުކޮށްފައިވާއިރު، ސުއަރޭޒް ބުނެފައި ވަނީ މެސީގެ ފަރާތުން އެ މެސެޖު އަންނާނެކަން އެނގޭ ކަމަށެވެ.
"މެސީއަށް ތަސައްވަރު ކުރެވޭނެ އަހަރެންގެ އިހުސާސް. މެސީގެ ފަރާތުން ޕަބްލިކަލީ އެ މެސެޖު އަންނާނެކަން އަހަންނަށް އެނގޭ. މެސީއަކީ ވަރަށް ރަނގަޅަށް އަހަރެން ދަންނަ ރަހުމަތްތެރިއެއް،" ސުއަރޭޒް ބުނެފައި ވެއެވެ.
ޝުއަރޭޒް ވަނީ ބާސާއަށް ކުޅުނު 283 މެޗުން 198 ގޯލް ޖަހައިދީފައެވެ. އެ މުއްދަތުގައި ހަތަރު ފަހަރަށް ލީގު ކާމިޔާބުކޮށް، ހަތަރު ފަހަރަށް ކަޕްވެސް ކާމިޔާބު ކޮށްފައި ވެއެވެ. އޭގެ އިތުރުން ޝުއަރޭޒް ވަނީ ބާސާއާއެކު ޗެމްޕިއަންސް ލީގު އުފުލާލައި، ކްލަބު ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.
ބާސާގެ މުސާރައަށްވުރެ ކުޑަ މުސާރައެއްގައި އެތުލެޓިކޯއާއެކު ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގައި ޝުއަރޭޒް ސޮއިކޮށްފައިވާއިރު، އެތުލެޓިކޯއަށް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ވަނީ ދެ ގޯލް ޖަހައިދީފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު