ތ. ގުރައިދޫ ގެއެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

ގުރައިދޫ ކައުންސިލުގެ ނައިބު ރައީސް ތައުފީގު އަލީ "ވަން" އަށް މިއަދު ވިދާޅުވީ، އެ ގޭގައި އަލިފާން ރޯވި ކަމަށް މައުލޫމާތު ލިބުނީ މިއަދު މެންދުރު 11:45 ހާއިރު ކަމަށެވެ. އެވަގުތު ގިނަ ބަޔަކު ތިބީ ހުކުރު ނަމާދުގައި ކަމަށާއި ނަމަވެސް ފުލުހުންނާއި ބައެއް އާންމުން ވެގެން އަލިފާން ނިއްވާލި ކަމަށް އޭނާ ވިދާޅުވި އެވެ.

ތައުފީގު ވިދާޅުވި ގޮތުގައި، ދެމައިން ދިރިއުޅެމުން ދިޔަ އެ ގޭގައި އަލިފާން ރޯވި އިރު އެމީހުން ގޭގައި ނޫޅެ އެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވި ނަމަވެސް ގޭގެ ހަތަރުފާރު އަދި ފުރާޅު ފިޔަވާ ހުރިހާ އެއްޗެއް އަނދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ގޭގައި އުޅޭނީ ދެމައިން. ކުއްޖާއަކީ ސްކޫލަށްދާ ކުއްޖެއް. އެ ކުއްޖާގެ ފޮތްކޮޅާއި ޔުނީފޯމް ވެސް އަދާފަވީ. ގެއްލުން ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާއަށް އަރާނެ،" ތައުފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ބުނަން ނޭނގޭ އެވެ. އަދި އެ ގޭގައި ދިރިއުޅޭ ދެމައިން މިހާރު ދިރިއުޅެމުން އަންނަނީ ގާތްތިމާގެ މީހުންގެ ގެއެއްގައި ކަމަށް ތައުފީގު ވިދާޅުވި އެވެ.