އުމުރުން ދުވަސްވީ މީހުންނަށް ހެޔޮކޮށް ހިތުމާއި ހެޔޮ ފޯރުވުމާއި އިހްސާންތެރިވުމާއި މުޖުތަމައުގެ ކަންތައްތަކުގައި ބައިވެރިކުރުމާއި ކަންކަމުގައި މަޝްވަރާ އާއި ހިޔާލު ހޯދުމަކީ ކުރާ ކަންކަމުގައި މާތް ﷲ ބަރަކާތް ލައްވާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

''އުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުމާއި އަޅައިލުން'' މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ކޮންމެ އާއިލާއަކުން އެ އާއިލާއެއްގެ އުމުރުން ދުވަސްވީ މީހުން ބެލުމާއި އެމީހުންނަށް ލޯތްބާއި އަޅާލުން ދިނުމަށް ގަދަ އަމުރުން އަމުރު ކުރައްވާފައިވާ ކަމަށެވެ. އަދި މާތް ﷲ އެކަނި އަޅުކަން ކުރުމަށްފަހު، ދެން އަމުރު ކުރައްވާފައިވަނީ އުމުރުން ދުވަސްވީ މައިން ބަފައިންނަށް އިހްސާންތެރިވުމަށާއި ނުރުހުމުގެ ގޮތުން އެމީހުންނާ ދިމާއަށް އުއްފު ވެސް ނުބުނުމަށް ކަމަށް ބުންޏެވެ.

އިސްލާމީ މުޖުތަމައަކީ އެ މުޖުތަމައުގެ ބޮޑެތި މީހުންނަށް ވަރަށް ހާއްސަ ގަދަރަކާއި އިހްތިރާމެއް ދީފައިވާ މުޖުތަމައެއްކަން ފާހަގަކޮށް ހުތުބާގައި އިތުރަށް ބުނީ ކޮންމެ މީހަކު ވެސް އަނެކޭއަށް އިހްތިރާމްކޮށް އެމީހާއަށް ހައްގު މަގާމު ދޭންޖެހޭ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ހެޔޮކޮށް ހިތުމާއި ހެޔޮ ފޯރުވުމާއި އިހްސާންތެރިވުމާއި މުޖުތަމައުގެ ކަންތައްތަކުގައި ބައިވެރިކުރުމާއި ކަންކަމުގައި މަޝްވަރާ އާއި ހިޔާލު ހޯދުމަކީ ކުރާ ކަންކަމުގައި މާތް ﷲ ބަރަކާތް ލައްވާނެ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، އުމުރުން ދުވަސްވީ މީހުންނަށް ފުރައްސާރަކޮށް، މަލާމާތްކޮށް އުޅުމަކީ މަދުން ނަަމަވެސް މުޖުތަމައުން ފެންނަމުން އަންނަ ހިތާމަވެރި މަންޒަރެއް ކަމަށާއި އާއިލާގެ މީހުންގެ ފަރާތުންނާއި ދުރު މީހުންގެ ފަރާތުން އެފަދަ ފުރައްސާރަ ކުރުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

އޭގެ އިތުރުން ޖިސްމާނީ ގޮތުން ގެއްލުން ދިނުމާއި ނަފްސާނީ ގޮތުން ބަލިކަށި ކޮށްލުމަށް އެކަނިވެރިކަމުގެ ތެރެއަށް އުމުރުން ދުވަސްވީ މީހުން ދޫކޮށްލައި، މާއްދީ ގޮތުން ވެސް އުމުރުން ދުވަސްވީ މީހުންނަށް ގެއްލުން ދިނުމަކީ މިއަދު މުޖުތަމައުގެ ބައެއް ފަރުދުންގެ ފަރާތުން ފެންނަ އަމަލެއް ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ އިނާޔަތުގެ ފައިސާ އެމީހުންނަށް ނޭނގި ބޭނުން ކުރުމަކީ މުޖުތަމައުން ފެންނަ އަމަލެއް ކަމަށެވެ. އަދި އެމީހުންނަށް ލިބޭ މާލީ އިނާޔަތަކީ އެފަދަ މީހުން ބަލަހައްޓާ މީހުންނަށް ލިބެންޖެހޭ އެއްޗެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ދެކި، މާލީ އިނާޔަތާ ހެދި އާއިލާގެ ތެރޭގައި އަރައިރުންވެ މަސްލަހަތު ގެއްލި، އުމުރުން ދުވަސްވީ މީހުންނަށް އިތުރު ނަފްސާނީ މައްސަލަތަކާ ކުރިމަތިލާންޖެހޭކަން ވެސް ހުތުބާގައި ފާހަގަކުރި އެވެ.

އޭގެ އިތުރުން އުމުރުން ދުވަސްވެ ގައިބާރު ދެރަވުމުން ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ފޮނުވާލާކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެމީހުންނަށް މުޖުތަމައުގެ ފަރުދުންނާއި އާއިލާގެ ލޯތްބާއި އަޅާލުން އެންމެ ބޭނުންވި ދުވަހު ގެއިން ބޭރުކޮށްލަނީ ތިމާގެ ހަޔާތަށް ވެސް އެދުވަސް އަންނާނެކަމުގެ ވިސްނުމެއް ފިކުރެއްނެތި ކަމަށެވެ.

ހުތުބާގައި ބުނީ، އުމުރުން ދުވަސްވީ މީހުން އެއްވެސް މަސައްކަތެއް ނުކޮށް ތިބެން ޖެހުމަކީ އިޖްތިމާއީ ގޮތުން އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަމެއް ކަމަށާއި ހާއްސަ ގޮތެއްގައި އުމުރުގެ ކުރީކޮޅު ހަރަކާތްތެރިކަމާއެކު އުޅޭފައިވާ މީހުންނަށް އެކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ގިނަ ކަމަށެވެ.

އެހެންކަމުން އެމީހުންގެ އުމުރާ ގުޅޭގޮތުން ހެލިފެލިވެ އުޅުމުގެ މަގު ތަނަވަސްކޮށްދީ، އެމީހުންނަކީ މުޖުތަމައުގައި ބޭނުން ކެނޑިފައިވާ ބައެއް ނޫން ކަމާއި އާއިލާ އާއި މުޖުތަމައުއަށް ބޭނުންތެރި ބައެއް ކަންކަން އަންގައިދޭން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.

އޭގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ސިއްހީ އެހީތެރިކަމާއި އިޖްތިމާއީ އަދި ނަފްސާނީ ރައްކާތެރިކަން ހޯދައިދީ އެމީހުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަކީ ކަމާބެހޭ ފަރާތްތަކާއި ބަލަދުވެރިންގެ ޒިންމާއެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.