ދުނިޔޭގައި ވަރަށް މަދުން ފެންނަ މެންގްރޫވް ގަހުގެ ބާވަތެއް ރާއްޖެއިން ފެނިއްޖެއެވެ.

ރާއްޖެއިން ފެނިފައިވަނީ ނެތި ދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ "ބުރުގެރިއާ ހެނެސީ" ނަމަކަށް ކިޔާ މެންގްރޫވްގެ ބާވަތެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި ބާވަތުގެ މެންގްރޫވް ގަސް ރާއްޖެއިން ފެނުނީ މިއަހަރުގެ މާޗު މަހު ހއ. ކެލާ ކަނޑޫފާ ސަރަހައްދުގައި ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސާވޭގައި އެރަށުގެ ކުޅީގެ ސަރަހަދުން ކަމަށެވެ.

މި ސާވޭ ކުރިއަށްގެންދިޔައީ ހިމާޔަތްކޮށްފައިވާ ސަހަރައްދުގެ ދިރުންތަކާ ބެހޭ މައުލޫމާތު އެއްކުރުމަށް ޔޫއެސްއޭއައިޑީގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓެއް ކަމަށްވާ "ރީޖެނެރޭޓް" ޕްރޮޖެކްޓްގެ ތެރެއިން އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) މޯލްޑިވްސްއާ ގުޅިގެންނެވެ.

މި ސާވޭއަކީ އެންވަޔަރަމެންޓް މިނިސްޓްރީ އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި އައިޔޫސީއެން ބައިވެރިވެގެން ކުރިއަށްގެންދިޔަ ސާވޭއެކެވެ.

މިނިސްޓްރީން ބުނީ، ކެލާގައި ކުރެވުނު ސާވޭއިން މިބާވަތުގެ ހަތަރު ގަހެއް ހުރިކަން ފާހަގަވެފައިވާ ކަމަށާއި މި ގަސް އައިޑެންޑިފައި ކޮށްދެއްވީ ގަހުގެ މައުލޫމާތު ފޯރުކޮށްދިނުމުން އައިޔޫސީއެން މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް އަދި އެމްއެސްޖީ ރެޑް ލިސްޓް ކޯޑިނޭޓަރު ޑރ. ޔޮން ކަމަށެވެ.

ކަނޑޫ އާއިލާއަށް ނިސްބަތްވާ މި ގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާއެވެ. ނަމަވެސް މި މޭވާ ބޮޑަވަތްކަށްވުރެ ކުރުވެފައި ފަލައެވެ. ހެނެސީ ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެބާވަތުގެ ތެރެއިން އެއް ބާވަތެވެ. މި ބާވަތުގެ ގަހަކީ އައިޔޫސީއެން ރެޑް ލިސްޓްގައި "ކްރިޓިކަލީ އެންޑެންޖާޑް" ނުވަތަ ނެތިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ކެޓެގަރީ ލިސްޓުގައި ހިމެނޭ ބާވަތެކެވެ.

މި ބާވަތުގެ ކަނޑޫފަލަކީ އޮސްޓްރޭލިއާ، ޕަޕުއާ ނިއު ގިނީ، އިންޑޮނޭޝިއާ، މެލޭ ޕެނިންސުލާ، ތައިލެންޑް އަދި މިޔަންމާ އިން ފެނިފައިވާ ބާވަތެކެވެ. 2010 އާ ހިސާބަށް ކުރެވުނު ސާވޭއިން ދައްކާ ގޮތުގައި ދުނިޔޭގައި ހުރީ މިބާވަތުގެ ބޮޑުވެފައިވާ 200 ގަހެވެ. އަދި އޭގެ އާބާދީ ދަނީ މަދުވަމުންނެވެ.

ހއ. ކެލާއިން މި ބާވަތް ފެނުމަކީ އެރަށަށް ލިބޭ އިތުރު ހާއްސަ ސިފައެއް ކަމުގައި އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިން ވަނީ 14 ބާވަތެއްގެ މެންގްރޫވް ގަސް ރެކޯޑް ކުރެވިފައެވެ. މި ފެނުނު އާ ބާވަތާއެކު ރާއްޖެއިން މުޅިއެކު 15 ބާވަތުގެ މެންގްރޫވް ގަސް މިހާރު ވަނީ ފެނިފައެވެ. މި ބާވަތް މިހާތަނަށް ކެލާއިން ރެކޯޑް ކުރެވިފައިވީ ނަމަވެސް ރާއްޖޭގެ އެހެން ކުޅިފާތަކުންވެސް ފެނުން އެކަށީގެންވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ބާވަތުގެ ގަހަށް ކިޔާނެ ދިވެހި ނަމެއް ހޯދުމަށް އެންވަޔަރަމެންޓް މިނިސްޓްރީ އާއި ކަމާ ގުޅޭ ފަރާތްތަކާއެކު މިހާރު އަންނަނީ މަޝްވާރާކުރަމުންނެވެ.