ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް (ޑަބްލިޔުޓީއޯ)އަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަގާމަށް ގ.ފަރުކަނި، ޑޮކްޓަރ އާސިމް އަހުމަދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ޑަބްލިޔުޓީއޯއަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަގާމަށް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަޖިލީހަށް ނަން ފޮނުއްވާފައިވާ އާސިމަކީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕާމަނަންޓް ރެޕްރެޒެންޓެޓިވް އެވެ.

ޑޮކްޓަރ އާސިމް ވަނީ މީގެ ކުރިން މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަގާމު ފުރުއްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަގާމުވެސް އަދާކުރައްވައިފައެވެ.

މީގެ އިތުރުން އޭނާ ވަނީ އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުވުމުގެ ހިދުމަތް ވެސް ދެއްވައިފައެވެ.

ޑޮކްޓަރ އާސިމަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލަރ އޮފް އާރޓްސްގެ އިތުރުން، މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.