ޔޫރަޕްގެ ގިނަ ގައުމުތަކަކުން ރޭ އެކުވެރިކަމުގެ މެޗުތައް ކުޅެފައިވެއެވެ. ގިނަ ގައުމުތަކުން ޔޫއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް ތައްޔާރުވުމަށް ރޭ ކުޅުނު އެކުވެރިކަމުގެ މެޗުތައް ފެނުނީ ފޯރިގަދަކޮށެވެ. ވަރުގަދަ ކުރިމަތިލުމެއްގެ ގޮތުގައި ފެނުނު ސްޕެއިންއާއި ޕޯޗުގަލް ކުޅުނު މެޗު ގޯލެއް ނުޖެހި ނިމުނުއިރު، ޖަރުމަނާއި ތުރުކީ ކުޅުނު މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުންނެވެ.
ޖަރުމަނު މެޗުގައި އެޓީމު ކޮޅަށް ތުރުކީން ޖެހި ތިންވަނަ ގޯލް، ކެނަން ކަރަމަން ކާމިޔާބުކުރީ މެޗު ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށެވެ. ކޮލޯންގައި ޖަރުމަނުން ކުޅުނު މެޗުގެ ފުރަތަމަ ހާފް ނިމެން އުޅެނިކޮށް އެޓީމަށް ލީޑު ނަގައިދިނީ ޖޫލިއަން ޑްރެގްޒްލާއެވެ. ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ، ތުރުކީން ގޯލް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ އޯޒަން ޓުފާންއެވެ. އެ ގޯލަށް މާ ގިނައިރެއް ނުވަނީސް ފްލޯރިއަން ނިއުހައުސްގެ ގޯލުން ޖަރުމަނުން ލީޑު އަލުން ރުޖޫއަކުރިއެވެ.
މެޗުގައި ކައި ހަވާޓްސް ވަނީ ދެ އެސިސްޓް ހަދައިފައެވެ. މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. ޖަރުމަނުން ރޭގެ މެޗަށް ނެރުނު ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާވެސް ހިމެނެއެވެ. އޭގެ އިތުރުން ގޯލް ބެލެހެއްޓުުމަށް އާސެނަލްގެ ބްރެންޑެން ލެނޯ ނެރެފައިވާއިރު، ރަސްމީކޮށް ޖަރުމަނުގެ ގޯލް ބަލަހައްޓާ، ޓީމުގެ ކެޕްޓަން މެނުއަލް ނޯޔާއަށް ކޯޗު ޔޮކިމް ލޯ ވަނީ ރެސްޓް ދީފައެވެ.
މެޗުގައި އިތުރު ގޯލްތައް ޖަހައިދިނީ އެފެކަން ކަރަސާ އާއި ޖަރުމަނުގެ ވަލްޑްޝްމިޑެވެ.
ސްޕެއިން ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗު ގޯލެއް ނުޖެހި ނިމުނުއިރު، މެޗުގެ ކުރިން ލޯތައް އަމާޒުވީ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރީޒާބަލާގާ އަށެވެ. ޗެލްސީގައި ދަށް ފޯމެއް ދައްކަމުންދިޔަ ކެޕާއަށް އެޓީމުގެ ފުރަތަމަ 11އިން ޖާގަ ގެއްލިފައިވާއިރު، ސްޕެއިން ޓީމުން އޭނާއަށް ފުރަތަމަ 11 އިން ޖާގަ ދިނުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ސްޕެއިން ރަނގަޅަށް ކުޅުނުއިރު، ދެވަނަ ހާފްގައި ޕޯޗުގަލްއިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރެނާޓޯ ސަންޗޭޒްގެ ހަމަލާތައް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވާއިރު، ފަހުވަގުތު ޓްރިންކާއޯގެ ނުރައްކާތެރި ހަމަލާ މަތަކުރީ ކެޕާއެވެ. ކެޕާ ވަނީ މެޗުގައި ރަނގަޅު ބޯޅަތަކަކަށް ކުރިއަށް ޖެހި، ކޮންފިޑެންޓް ކުޅުމެއް ދައްކައިފައެވެ.
"ވަރަށް ބޮޑަށް ހިތްވަރު ލިބިއްޖެ. ކޮންފިޑެންސް އާވެއްޖެ. ކޯޗު އަހަންނާ މެދު ކުރި އިތުބާރަށް ވަރަށް ބޮޑަށް އުންމީދު އާވެއްޖެ. ދަނޑު މައްޗަށް ނުކުމެ ނަތީޖާ ނެރުމަށް އަބަދުވެސް އަހަރެން މަސައްކަތް ކުރަން. މެޗުގެ އިންޓެންސިޓީ ވަރަށް ބާރު. މިއީ ރަނގަޅު ޓެސްޓެއް،" މެޗަށްފަހު ކެޕާ ބުނެފައި ވެއެވެ.
ސްޕެއިންއިން ދެން ކުޅޭނީ ނޭޝަންސް ލީގުގެ ދެމެޗެވެ. ސްވިޒަލޭންޑާއި ޔުކުރެއިންއާ ދެކޮޅަށް ސްޕެއިން ނުކުންނައިރު، އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލްއިން ނުކުންނަން ޖެހޭނީ ފްރާންސާއި ސްވިޑެންއާ ދެކޮޅަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު