ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެނެސް ދިވެހިންނަށް ހެޔޮ ގޮތް ހޯދައިދެވޭނެ ކަަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިގޮތަށް ވިދާޅުވެފައި މިވަނީ ގިނަ ދުވަސްތަކަކަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު މިއަދު މުލިއާގޭގައި ބައްދަލުކުރެއްވުމަށްފަހުއެވެ.

ދެ ރައީސުން ބައްދަލުކުރެއްވިކަން ހާމަކުރައްވައި ފުރަތަމަ ޓުވީޓް ކުރައްވާފައިވަނީ ރައީސް ސޯލިހެވެ. ރައީސް ވިދާޅުވީ އެ ބައްދަލުވުމުގައި ކޯވިޑާއި އިގުތިސޯދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖިލިސް އެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

"ދާދި ދެންމެ އަޅުގަނޑުމެން ބައްދަލުކުރިން. ގިނަ ކަންތައްތަކާ މެދު މަޝްވަރާ ކުރިން. ކޮވިޑް 19 އާއި އިގުތިސޯދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖިލިސްއެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރިން. ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން ކުރިއަށް ދާނީ ރަނގަޅު މިސްރާބަށް." ރައީސް ވިދާޅުވިއެވެ.

އެ ޓުވީޓް ރީޓުވީޓް ކުރައްވައި ނަޝީދު ވިދާޅުވީ ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެނެސް ދިވެހި ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދެވޭނެ ކަަމަށެވެ.

"ﷲގެ އިރާދަފުޅުން އަޅުގަނޑުމެންގެ މި އޮޑި ނުފެތޭނެ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހު، ނަޝީދާ ބައްދަލުކުރައްވާފައި މިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލައިގައި ރައީސާއި ނަޝީދު ހިޔާލު ތަފާތުވެފައި ވަނިކޮށެވެ. ރައީސް ނަޝީދު އިސްވެ ހުންނަވައި ފައްޔާޒުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ރައީސް ސޯލިހު ވަނީ ފާޅުގައި ނުކުންނަވައި ފައްޔާޒު ދިފާއު ކުރައްވައިފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދިފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ވަނީ އެމަނިކުފާނަކީ ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.