ދައުލަތުގެ ވެރިންގެ އަބުރާ ބެހުނަސް ދައުވާ ކުރެވިގެން ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މި ދައުރުގައި ޖުމްލަ 28 ބިލެއް ހުށަހެޅުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރޭގައި އަބުރުގެ ބިލު ވެސް ހިމެނެއެވެ. އެ ބިލް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާތީ، ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓަރު ފައްޔާޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަބުރާ ބެހުމުން ދައުވާކުރުމުގެ ބާރު ދައުލަތުގެ ތިން ބާރާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށް ލިބިގެން ނުވާނެ ކަމަށާއި އެ ފުރުސަތު ލިބެންވާނީ ހަަމައެކަނި އާންމު ފަރުދުންނަށް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކަށް އެކި ތުހުމަތު އަންނާނެ ކަމަށާއި އެކަން އެފަރާތްތަކަށް އެނގެން ޖެހޭ ކަމަށެވެ. އަދި އެކަންކަން ގަބޫލުވެސް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ތަސްދީގު ކުރި "އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ގެ ދަށުން ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާވެސް ކުރިއެވެ. ނަމަވެސް މި ސަރުކާރު އައުމަށްފަހު މަޖިލީހުން ވަނީ އެ ގާނޫނު އުވާލައިފައެވެ. އެ ގާނޫނު އުވައިލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.