ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރައްވާފައިވަނީ މިއަދު މުލިއާގޭގައެވެ.

ބައްދަލުކުރެއްވުމަށްފަހު ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑާއި އިގުތިސޯދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖުލިސް އެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

"ދާދި ދެންމެ އަޅުގަނޑުމެން ބައްދަލުކުރިން. ގިނަ ކަންތައްތަކާ މެދު މަޝްވަރާ ކުރިން. ކޮވިޑް 19 އާއި އިގުތިސޯދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖިލިސްއެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރިން. ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން ކުރިއަށް ދާނީ ރަނގަޅު މިސްރާބަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު، ނަޝީދާ ބައްދަލުކުރައްވާފައި މިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލައިގައި ރައީސާއި ނަޝީދު ހިޔާލު ތަފާތުވެފައި ވަނިކޮށެވެ. ފައްޔާޒުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރައްވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައިއެވެ.

ރައީސް ނަޝީދު އެ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ރައީސް ސޯލިހު ވަނީ ފާޅުގައި ނުކުންނަވައި ފައްޔާޒު ދިފާއު ކުރައްވައިފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދިފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ވަނީ އެމަނިކުފާނަކީ ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.