ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންގެ އިތުރުން ލިބޭ އާމްދަނީ ދަށްވި ފަރާތްތަކަށް ސަރުކާރުން ދޭ، އިންކަމް ސަޕޯޓު އެލަވެންސްގެ ދަށުން މަސްވެރިންނަށް މިހާނަތަށް 8.4 މިލިއަނަށް ރުފިޔާ ދޫކޮށްފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި، ރާއްޖެއިން ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓުގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެން ޖެހޭ މަންފާތައް ހިފަހައްޓައި އަދި މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި ދައުލަތުގެ ދަރަނިތައް ބޮޑުކޮށް ދައުލަތުން އެލަވަންސް ދިނުން ހައްގުވާ ދިވެހި މަސްވެރިންނާއި ދަނޑުވެރި އާއިލާތަކަށް އެލަވަންސް ނުދެއްވަނީ ކީއްވެތޯ ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މާޗް މަހުން ފެށިގެން ރިލީފް ޕެކޭޖެއް ތައާރަފުކޮށް ތަންފީޒު ކުރަމުންގެންދާ ކަމަށެވެ. އަދި ކޮވިޑް 19 އާ ގުޅިގެން ދޫކުރާ ލޯނާއި، އިންކަމް ސަޕޯޓް މަސްވެރިންނާއި ދަނޑުވެރިން ހިމެނޭގޮތަށް ކޮވިޑުގެ ސަބަބުން އަސަރުކޮށްފައިވާ ވިޔަފާރިތަކާއި މަސައްކަތްތެރިންނަށާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރިލީފް ޕެކޭޖުގެ އިތުރުން ކޮވިޑުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ބޮޑުކަންނެލީގެ އަގު ދަށަށް ދިއުމާއެކު މަސްވެރިންގެ އަތުން މަސްގަންނަ އަގު ދަށަށް ދިޔަނުދީ ހިފެހެއްޓުމުގެ ގޮތުން އެޗްޑީއެފްސީ މެދުވެރިކޮށް ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ފަރާތްތަކަށް 100 މިލިޔަން ރުފިޔާގެ ކްރެޑިޓް ފެސިލިޓީއެއް ހުޅުވާލެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑުގެ ހާލަތުގައިވެސް ހަމަ އަގުގައި މަސްވެރިންގެ އަތުން މިފްކޯއިން މަސް ގަންނަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ހަވާލުވި އިރު، މިފްކޯއިން މަސްވެރިންނަށް ފައިސާ ނުދައްކާ މަސްތަކެއް ފަހަތަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ މުއްދަތު ކުޑަކުރަމުން ގޮސް މިހާރު ވަގުތުން މަސްވެރިންނަށް ފައިސާ ދެވޭ ހާލަތަށް ގެނެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހި މަހުގެ އުފެއްދުންތައް ތައިލެންޑަށް ސަބްސިޓައިޒްކުރާ ގޮތަށް މިހާތަނަށް އޮތް ނަމަވެސް ރާއްޖޭގައި މަސް ކޭންކޮށްގެން ރާއްޖޭގައި ވެލިއުއެޑެޑް ކޮށްގެން މަސް އެކްސްޕޯޓްކުރުމަށް ކެޕޭސިޓީ އިތުރުކުރުމަށް، ފެލިވަރާއި ކޫއްޑޫއަށް އިންވެސްޓް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.