އައްޑޫ ސިޓީގައި ކާޅު އާލާވެ، ދޮންދީނިގެ ނަސްލު ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާތީ އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ހުރަހެއް ނެތް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން އައްޑޫ ސިޓީ ކައުންސިލަށް އަންގައިފިއެވެ.

އައްޑޫގައި ކާޅުގެ އުނދަގޫ ބޮޑުވެ، އެ ކާޅުތައް ނައްތާލުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތަކާ މެދު އެންވަޔަރަމަންޓް މިނިސްޓްރީގެ ލަފަޔަކަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

އެކަމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަސީރު ސޮއިކުރައްވައި އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގަށް މިއަދު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ކާޅަކީ އައްޑޫގައި އާންމު ގޮތެއްގައި އުޅޭ ބާވަތުގެ ދޫންޏަކަށް ނުވާތީ އަދި އޭގެ ސަބަބުން އުނދަގުލަކަށް ވާނަމަ އެއީ ޕެސްޓެއްގެ ގޮތުގައި ބަލައި އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅިދާނެ ކަމަށެވެ.

އެގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ޓ) ގައިވާ ފަދައިން ޕެސްޓް ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ކަމުގައި ކަނޑައަޅާ އެކަމެއް އެގޮތަކަށް ކުރުމަށް މިނިސްޓްރީގެ އިއުތިރާޒެއް ނެތް ކަމަށް ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ސިޓީގައި ބުނީ، ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކާ އަމަލުކުރަން ގަސްދުކުރާ ކަމެއް ތަންފީޒު ކުރުމަށް ސަރުކާރުގެ އެއްވެސް އިދާރާއެއްގެ އެހީތެރިކަން ބޭނުންވާނަމަ ކަމާބެހޭ ފަރާތްތަކަށް ލިޔުމުން އަންގައި އެހީތެރިކަން ހޯދުން އެދޭ ކަމަށާއި، އެކަމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ އެހީއެއް ބޭނުންވާ ނަމަވެސް ލިބޭނެ ކަމަށެވެ.

ޕެސްޓް ކޮންޓްރޯލް ކުރުމުގެ ގޮތުން އައްޑޫގައި ދިރިއުޅޭ ކާޅުތަކާ މެދު އަމަލުކުރާ ގޮތުގެ މައުލޫމާތު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ދިނުމަށްވެސް އެސިޓީގައި އެދިފައިވެއެވެ. އަދި ޕެސްޓް ކޮންޓްރޯލް ކުރުމަށް ހިންގާ ހަރަކާތް މޮނީޓާ ކުރަން އީޕީއޭއިން ބޭނުންވާނަމަ އެ އިންތިޒާމު ހަމަޖައްސައިދިނުމަށްވެސް ސިޓީގައި ވަނީ އެދިފައެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ކާޅާއި ވާލުގެ އުނދަގޫ ބޮޑުވުުމުން ކާޅާއި ވާ ނައްތާލުމަށް ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.