ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަނުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޅ. ނައިފަރު، ނިކަގަސްދޮށުގޭ، ގާސިމް އަަބުދުލްކަރީމަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

މަޖިލީހުން ބުނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯދުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން ގާސިމާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ރ) ގެ ދަށުން އިއުލާނުކުރާ ކަމަށެވެ. އަދި ގާސިމާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، އަންނަ ހޯމަ ދުވަހުގެ ކުރިން، ޝަކުވާ ކޮމިޓީގެ އީމެއިލް އެޑްރެސްއަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުން ހުށަހެޅުމަށް މަޖިލީހުން ވަނީ އެދިފައެވެ.

ގާސިމަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާޅުމުގައި އިސްދައުރެއް އަދާކުރެއްވި، ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރެވެ.

އެ މައްސަލައިގެ ސަބަބުން، ވިސްލް ބްލޯވިން އުސޫލާ ހިލާފަށް ބޭންކުގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި ގާސިމް އަށް މަހާއި 12 ދުވަހަށް ޖަލަށްލިއެވެ. ހުކުމް ތަންފީޒު ކުރުމުން އޭނާ ދޫކޮށްލާފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.