ބްރޯޑްކާސްޓް ކުރުމާއި ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އާންމުކުރި އިއުލާނެއްގައި ބުނީ ބްރޯޑްކާސްޓް ކުރުމާއި ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެކަމުގެ ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ލައިސަންސް ދިނުމަށް ހަމަޖެހިފައިވަނީ ފަސް އަހަރުގެ މުއްދަތަށް ކަމަށްވެސް ބުނެފައިވެއެވެ.

އެކަމާ ބެހޭގޮތުން ބްރޯސްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ، މުޅި ރާއްޖެއަށް ބްރޯޑްކާސްޓް ކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ހުޅުވާލާފައިވާ ކަމަށެވެ.

ބްރޯސްކާސްޓް ކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސާ ގުޅޭ އުސޫލުގެ ފަސްވަަނަ މާއްދާގެ ދަށުން ރީބްރޯޑްކާސްޓްކުރުމަށް ބޭނުންވާ ފަރާތްތަކަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ކޮމިޝަނުން ނިންމާފައިވާ ވަސީލަތްތަކުގެ ތެރޭގައި ޓެރެސްޓްރިއަލް، ކޭބަލް ނެޓްވޯކް، ސެޓެލައިޓް، މޯބައިލް ނެޓްވޯކް، އިންޓަނެޓްގެ އިތުރުން ކޮމިޝަނުން ފާސްކޮށްފައިވާ އެހެނިހެން ވަސީލަތްތައް ހިމެނޭ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ ބްރޯޑްކާސްޓް ކުރުމާއި، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސާ ގުޅޭ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހަޅުމަށާއި، ލައިސަންސަށް އެދި ހުށަހަޅާ ފޯމް ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން "ކޮމިޝަނުން ދޫކުރާ ބްރޯޑްކާސްޓް ކުރުމާއި، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްތައް އާ ފޯމެޓެއްގައި ދޫކުރުމަށާއި، މީގެ ކުރިން ކޮމިޝަނުން ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްތައް އާ ފޯމެޓަށް (އެއްވެސް އަގަކާނުލައި) ބަދަލުކުރުމަށް މިއަދުން ފެށިގެން 3 އެޕްރީލް 2021 ގެ ކުރިން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަން އަންގާ ކަމަށާއި، ކޮމިޝަނުން ދޫކޮށްފައިވާ ލައިސަންސްގެ އަސްލު ނުވަތަ ލައިސަންސް ގެއްލިފައި ނުވަތަ ހަލާކުވެފައިވާނަމަ، އެކަން ބަޔާންކޮށް ލައިސަންސް ލިބިފައިވާ ފަރާތުގެ ލިޔުމެއް ހުށަހެޅުމުން ހަމަޖެހިފައިވާ އުސޫލުން އާ ފޯމެޓުގައި ލައިސަންސް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ،" ކަމަށްވެސް ބުނެފައިވެއެވެ.