ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުނި، ސަން ޓްރެވަލްސްގެ ބޭންކު އެކައުންޓުތައް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފުގެ މައްސަލަ ބަލައި ނުގަންނަން ހައި ކޯޓުން ނިންމައިފި އެވެ.
އެ މައްސަލަ ސަން ޓްރެވަލްސްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރީ، އެ ކުންފުންޏާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލުން ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން، އެ ކުންފުނީގެ އެކައުންޓުތައް ފްރީޒުކުރަން ސިވިލް ކޯޓުން މިމަހު ކުރީކޮޅު އަމުރު ނެރުމާއި ގުޅިގެންނެވެ. އެކައުންޓުތައް ފްްރީޒުކުރުމުގެ އިތުރުން އެކައުންޓުތަކުގެ ތަފްސީލުތައް ކޯޓަށް ފޮނުވަން ވެސް ސިވިލް ކޯޓުން ނެރުނު އަމުރުގައިވެ އެވެ.
މި މައްސަލައަކީ ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން 2013 ގައި ބާތިލްކުރި މައްސަލައިގައި 24 މިލިއަން ޑޮލަރުގެ ބަދަލެއް، ހިލްޓަނަށް ދިނުމަށް ސިންގަޕޫރު އާބިޓްރޭޝަނުން ސަން ޓްރެވަލްސްގެ މައްޗަށް އެންގި އެންގުން ތަންފީޒު ކުރުމުގެ މައްސަލަ އެވެ.
މި މައްސަލައާ ގުޅިގެން ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން 2017 ވަނަ އަހަރު ހުކުމް ކުރި އެވެ. ނަމަވެސް އެ ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު