އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީން ގެނައި ރެމްކޯ ބްރޭންޑުގެ ސިމެންތި އެސްޓީއޯ އިން އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯ އިން އަގުހެޔޮކޮށް ރެމްކޯ ސިމެންތި ވިއްކަން ފަށާފައިވަނީ ކުޅުދުއްފުށި ސިޓީގައި ހުންނަ އެސްޓީއޯގެ ފިހާރައިންނެވެ.
އެސްޓީއޯ އިން ބުނީ ކުރިން 106 ރުފިޔާއަށް ލިބެން ހުރި ރެމްކޯ ސިމެންތި ބަސްތާއެއް އެސްޓީއޯ ކުޅުދުއްފުށި ފިހާރައިން މިހާރު 90 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށެވެ.
ކޮޗިން އިން ފުރައިގެން އައި ފެރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ފުރަތަމަ ބަނދަރުކުރީ ކުޅުދުއްފުށީގައެވެ. އެ ފެރީން ކުޅުދުއްފުއްޓަށް މުދާ ބާލާފައިވަނީ ބޭރު ބަނދަރުގައި ފެރީ ބާއްވައިގެން މުދާ އުފުލާ ދޯނި ފަހަރުތައް ފެރީއާ ކައިރިކޮށްގެންނެވެ. އެ ފެރީން ކުޅުދުއްފުއްޓަށް 20 ފޫޓުގެ ދެ ކޮންޓެއިނަރާއި 500 ޓަނުގެ ސިމެންތި ބާލާފައިވެއެވެ.
ރާއްޖެއަށް މުދާ އުފުލާ ކާގޯ ފެރީއަކީ 117 މީޓަރު ހުންނަ "އެމްސީޕީ ލިންޒް 47" ނަމަކަށް ކިޔާ ފެރީއެކެވެ. އެ ފެރީއަކީ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ.
ކުޅުދުއްފުއްޓާއި މާލެ އަދި ކޮޗިންއާ ދެމެދު ފެރީ ދަތުރުތައް ބާއްވަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ދެގައުމުގެ މެދުގައި ސޮއިކުރެވިފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. އޭގެ ފަހުން މިއަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރާ ދެމެދު ކުރިއަށްދިޔަ ވާޗުއަލް ބައްދަލުވުމުގައި ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކާގޯ ފެރީ ދަތުރުތައް ފެށުމުގެ މަޝްވަރާތައް ވަނީ ކޮށްފައެވެ.
އިގުތިސޯދީ މާހިރުން ވިދާޅުވާ ގޮތުގައި ކޮޗިން-ރާއްޖެ ފެރީގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެއެވެ. އަދި އެކަމުގެ ނަފާ ރާއްޖޭގެ އިގުތިސޯދަށް ކުރާނެ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު