ޔާޝްރާޖް ފިލްމްސްގެ ފައުންޑަރ ޔާޝް ޗޯޕްރާގެ ދިރިއުޅުމުގެ މައްޗަށް ތައްޔާރުކުރާ ފިލްމުގައި ޔާޝްގެ ރޯލުން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ބަތަލު ޝާހްރުކް ހާން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

އެގޮތުން ޔާޝް ރާޖް ފިލްމްސްއަށް 50 އަހަރު ފުރުމާ ގުޅިގެން ޔާޝް ޗޯޕްރާގެ ދަރިފުޅު އަދިތިޔާ ޗޯޕްރާ ވަނީ އެކަން ފާހަގަކުރުމަށް ޔާޝް ރާޖް ފިލްމްސްގެ ލޯގޯވެސް ރިބްރޭންޑް ކުރުމަށްފަހު ދައްކާލައިފައެވެ. ބޮލީވުޑް ހަންގާމާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަދިތިޔާ ޗޯޕްރާ އަންނަނީ ބައްޕަ ޔާޝްގެ ދިރިއުޅުމަށް ފިލްމެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޔާޝްގެ ދިރިއުޅުމަށް ތައްޔާރުކުރާ ފިލްމާ ބެހޭ މާގިނަ މައުލޫމާތެއް މީޑިއާތަކާ އަދި ހިއްސާކޮށްފައި ނުވިނަމަވެސް ބޮލީވުޑް ހަންގާމާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެ ފިލްމުގައި ޔާޝްގެ ރޯލުން ފެންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ޔާޝް އަދި އަދިތިޔާއަށް އެންމެ ކަމުދާ ބަތަލު ޝާހުއެވެ.

އެހެންނަމަވެސް ޔާޝް ރާޖް ފިލްމްސްގެ ތަރުޖަމާނު ވަނީ ޔާޝްގެ ދިރިއުޅުމަށް ފިލްމެއް ހަދަން އުޅޭ ކަމުގެ ވާހަކަތައް ދޮގުކޮށްފައެވެ. ޔާޝް ރާޖް ފިލްމްސްއިން ވަނީ ބޮލީވުޑަށް ގިނަ އާ ފަންނާނުން ތައާރަފު ކޮށްފައެވެ.