ޚަބަރު

ރާއްޖޭގެ ޖީޑީޕީ 51 ޕަސެންޓް ދަށްވެއްޖެ

މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ ކުއާޓަލީ ޖީޑީޕީ 51 ޕަސެންޓް ދަށްވެފައިވާ ކަމަށް ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމުކޮށްފައިވާ ކުއާޓަލީ ނެޝަނަލް އެކައުންޓްސް އިން ދައްކައިފި އެވެ.

އެ އިދާރާއިން އިއްޔެ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގެ ކުއާޓާލީ ޖީޑީޕީ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު، ވަނީ 54 ޕަސެންޓުން ދަށަށް ގޮސްފަ އެވެ.

ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މިހާ ބޮޑަށް ދަށަށް ދިޔައީ ކޮވިޑް ފެތުރުން ހުއްޓުވަން އެޅި ފިޔަވަޅުތަކާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް އައި ހީނަރުކަމުންނެވެ. އެގޮތުން މާޗް 27 ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، ދެވަނަ ކުއާޓަރު އެއްކޮށް ބޯޑަރު ހުރީ ބަންދުކޮށްފަ އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަން ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 25.5 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ފަތުރުވެރިކަމާއެކު ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތްތަކުގެ ދާއިރާ އިން 6.8 ޕަސެންޓް، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއިން 4.0 ޕަސެންޓް ވެސް ވަނީ ދަށަށް ގޮސްފަ އެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގެ ޖީޑީޕީ ސަމަރީއަށް ބަލާއިރު ޓޫރިޒަމް ސިނާއަތް ހިއްސާކުރީ ޖީޑީޕީގެ އެންމެ ޕަސެންޓެކެވެ. ދެވަނަ ކުއާޓަރުގައި ޖީޑީޕީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ސެކްޓަރެވެ. އެއީ ޖީޑީޕީގެ 19.3 ޕަސެންޓެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 10.7 ޕަސެންޓުގެ އިތުރުވުމެކެވެ.

ދެވަނައަށް އެންމެ ބޮޮޑު ހިއްސާއެއް ކޮށްފައިވަނީ ޖީޑީޕީގެ 14.4 ޕަސެންޓް ހިއްސާކޮށްފައިވާ ރިއަލް އެސްޓޭޓް ދާއިރާ އެވެ.

ތިންވަނައަށް އެންމެ ބޮޑު ހިއްސާއެއް އަދާކުރީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް އަދާކުރި ދަތުރުފަތުރާއި މުއާސަލާތީ ދާއިރާ އެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާރުގައި އެ ދާއިރާއިން ޖީޑީޕީގެ 13.4 ޕަސެންޓް ހިއްސާކުރި އިރު، ދެވަނަ ކުއާޓަރުގައި ހިއްސާކުރި އަދަދު ވަނީ 11.0 ޕަސެންޓް ދަށްވެފަ އެވެ.