އުމުރުން 13 އަހަރުގައި މަންމަ މަރުވުން އޭނާ (ނަން ހާމަ ކުރަން ބޭނުމެއް ނުވޭ) އަށް އެކަންވީ ހިތުން ފިލުވާލަން އުނދަގޫ ކަމަކަށެވެ. އެހާތަނަށް އޭނާގެ ހުރިހާ ވެސް މީހަކީ މަންމަ އެވެ. ބައްޕައަކީ މަސްވެރިއަކަށް ވާތީ އާއިލާއާއެކު ހުރިހާ ވަގުތަކު އުޅުނީ މަންމަ އެވެ.
މީގެ 28 އަހަރު ކުރިން މަންމަ ވަކިވެގެން ދިއުމުން އެއީ ތަހައްމަލު ކުރަން އުނދަގޫ ކަމަކަށް އޭނާއަށް ވިއެވެ. އުތުރުގެ ރަށަކަށް ނިސްބަތްވާ އޭނާ ރަށް ދޫކޮށް މާލެ ބަދަލުވީ އެ އުނދަގޫ ހާލަތަށް ލުޔެއް ލިބޭތޯ އެވެ. މާލޭގައި ތިމާގެ މީހެއްގެ ގޭގައި އާދައިގެ ދިރިއުޅުމެއް އުޅެ، ކިޔަވައި ނިންމައި ވަޒީފާއަށް ގޮސް މީހަކާ އިނދެ ދަރިއަކު ލިބުނު އިރުވެސް އޭނާގެ ހަޔާތަށް މަދުވެފައި ވަނީ މަންމައެއްގެ ލޯތްބެވެ. ނަމަވެސް މިއަދު އެކަން ވެސް ބަދަލުވެއްޖެ އެވެ. ހާލުގައި ޖެހިފައިވާ، ކުރިން ނުދަންނަ މީހަކަށް ދިން ކިޑްނީއާއެކު މިއަދު އޭނާއަށް މަންމައެއްގެ ލޯބި މިވަނީ ލިބިފަ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޮޑު ކުންފުންޏެއްގެ މެނޭޖަރަކަށް މިހާރު ހުރި އުމުރުން 41 އަހަރުގެ އެ ދިވެހި ފިރިހެން މީހާއަކީ އަބަދު ވެސް އިންސާނިއްޔަތަށް ހިދުމަތް ކުރަން ބޭނުންވާ މީހެކެވެ. އެހެންކަމުން އެންމެ ކުރީސުރެ ވެސް ތެލެސީމިއާ ކުދިންނަށް ލޭ ދިނުމަކީ އޭނާ ގަވައިދުން ކޮންމެ ތިން މަހަކުން ކުރަމުން އައި ކަމެކެވެ. އަދިވެސް އެކަން ކުރެ އެވެ. އޭގެ އިތުރުން ވެސް ވޮލަންޓިއާ މަސައްކަތްތަކުގައި އުޅެ އެވެ. ހާއްސަކޮށް އެމްޑަބްލިޔުއެސްސީއަށް ދިމާވި އަލިފާނުގެ ހާދިސާއާއެކު އެކުންފުނިން ދެމުން އައި ފެނުގެ ހިދުމަތް މުޅި މާލެއަށް މެދުކެނޑުމުން އެކަމުގައި އާއްމުންނަށް އެހީވުމަށް ދިވެހި ރެޑްކްރެސެންޓާއެކު އިސްކޮށް އޭނާ މަސައްކަތް ކުރި އެވެ.
"ސަލާންޖަހަން ތިބޭ ފަގީރުން ފެނުނީމަ ހިތަށް އަރާ އެ މީހުންނަށް ގޮތެއް ހޯދައި ދެވޭނެ ނަމައޭ. އެމީހުން އުޅޭނެ ތަނެއް ދެވޭނެ ވަރަށް ފައިސާ ލިބޭނެ ނަމައޭ. އަޅުގަނޑުގެ އަތުގައި އެވަރަށް ފައިސާއެއް ނުހުރޭ. އެހެންވެ އެކަހަލަ އެހީ ނުވެވެނީ. ވެދާނެ އެވަރަށް ފައިސާ ނުލިބޭތީ އެފަދަ އެހީވާން ހިތަށް އަރަނީ ކަމަށް ވެސް،" ހީލާފައި އޭނާ ބުންޏެވެ.
އެއީ 2014 ވަނަ އަހަރުގެ ކުރީކޮޅެވެ. ފުރަތަމަ ކުރި ކައިވެންޏަށް ދަރިޔަކު ލިބިފައި ވަނިކޮށް އެއިރުގެ ކައިވެނިވެސް ވަނީ ރޫޅިފަ އެވެ. ވަޒީފާއަށް ވެސް ބަދަލުތަކެއް އައުމާއެކު ހިތް އުފާކޮށްލަން އޭރު އޭނާ ފޭސްބުކަށް ވަނުން އިތުރު ކޮށްލި އެވެ. އޭގެ ކުރިން އޭނާއަކީ އެހާ އެކްޓިވްކޮށް ފޭސްބުކް ބޭނުން ކުރާ މީހެއް ނޫނެވެ.
ގިނައިން ފޭސްބުކަށް ވަންނަން ފެށިތާ ދެތިން ދުވަހުގެ ތެރޭގައި އޭނާއަށް ފެންނަނީ މެދު އުމުރުގެ ދިވެހި އަންހެނަކަށް ކިޑްނީއެއް ބޭނުންވެގެން ޖަހާފައިވާ ޕޯސްޓެކެވެ. އެހާ ހިސާބުން އޭނާ އެ މީހާއަށް އެހީތެރިވާން ބޭނުންވި އެވެ. ކިޑްނީ ހަދިޔާ ކުރުމަކީ ކޮންކަހަލަ ކަމެއްތޯ ބަލައި ދިރާސާ ކުރަން ފެށި އެވެ. ގިނަ ޑޮކްޓަރުންނާ މަޝްވަރާ ކުރި އެވެ. އިންޓަނެޓުން މައުލޫމާތު ހޯދައި އަމިއްލައަށް ރިސާޗް ހެދި އެވެ. އެވަރުން ނުވެގެން ރާއްޖޭން ބޭރުގެ ޕްރޮފެސަރުން ގާތު އަހައިގެން އޭނާގެ ހިތުގައި އުފެދުނު ހުރިހާ ސުވާލަކަށް ޖަވާބު ހޯދި އެވެ. އެހުރިހާ ކަމަކުން ވެސް އޭނާއަށް އެނގުނީ އެއީ އިންސާނިއްޔަތަށްޓަކައި ކޮށްދެވޭނެ ވަރަށް އަގު ހުރި ކަމެއްކަމެވެ. އެހެން ކަމުން ކިޑްނީ ދޭން ނިންމި އެވެ.
"އާއިލާއިން ވެސް ވަރަށް މަދު މީހެއް ގާތު ބުނީ. ރަށްޓެހިންގެ ތެރެއިން ވެސް ވަރަށް މަދު ބަޔަކަށް އެނގޭނީ. އެމީހުން އޭރު ބުނޭ ކޮންމެ އިންސާނަކަށް ވެސް ދެ ކިޑްނީ ދެއްވާފައި ވަނީ ކަމަކު ނޫންހޭ. އެހެންވީމަ ދެ ކިޑްނީ ނެތި ކިހިނެއްހޭ އުޅޭނީ. އަޅުގަނޑު ދޭ ޖަވާބަކީ އެއް ކިޑްނީއިން ކޮންމެ އިންސާނަކަށް ވެސް އެބަ އުޅެވޭ. ސައިންސުން އެކަން ޔަގީން އެބަ ވެއޭ. އެއް ކިޑްނީއާއެކު އުފަން ވެފައި ވާ މީހުން ވެސް އެބައުޅޭ. އެހެންވީމަ މާތް ﷲ ދެ ކިޑްނީ ކޮންމެ މީހަކަށް ދެއްވާފައި އެވަނީ ބޭނުން ޖެހިފައިވާ އެހެން މީހަކަށް ދިނުމަށް ކަމަށޭ އަޅުގަނޑު ގަބޫލު ކުރަނީ،" ކިޑްނީ ހަދިޔާ ކުރަން ނިންމި ސަބަބު ކިޔައިދެމުން ބުންޏެވެ.
"ހުރިހާ ޑޮކްޓަރުން ވެސް ބުނި އަދި ރިސާޗް ހެދުމުން ވެސް އެނގުނު ކިޑްނީ ޑޮނޭޓް ކުރާ މީހާއަށް އެއްވެސް ރިސްކެއް ނެތްކަން. ބޭހެއް ވެސް ކާކަށް ނުޖެހޭކަން. އެހެންވީމަ އެނގުނު ކިޑްނީ ހަދިޔާ ކުރާ މީހާއަށް އެއްވެސް މައްސަލައެއް ކުރިމަތި ވާނެ ކަމެއް ނޫންކަން މިއީ."
ކިޑްނީ ބޭނުން ވެގެން އިއުލާން ކޮށްފައިވަނީ އުމުރުން 54 އަހަރުގެ މާލޭ އަންހެނެކެވެ. މިހާރު އޭނާގެ އުމުރުން 60 އެވެ. އޭނާގެ ފަސް އަންހެން ދަރިންނާއި ފިރިހެން ކުއްޖެއްގެ އިތުރުން ފިރިމީހާ ހުރިއިރު އޭގެ ތެރެއިން ކިޑްނީ އޭނާއާ މެޗް ވަނީ އެންމެ ކުއްޖެއްގެ އެވެ. އެ ކުއްޖާއަކީ ވެސް ހަކުރު ބަލިފަދަ ތަފާތު ބަލިތައް ހުންނަ މީހަކަށް ވާތީ އޭނާއަށް ކިޑްނީ ދެވެން ނެތީ އެވެ. އެހެންކަމުން ކިޑްނީއެއް ބޭނުން ވެގެން އެމީހުން އިއުލާން ކުރީ އެވެ. އެ އިއުލާން ފެނި އޭރު އުމުރުން 35 އަހަރުގެ ޒުވާނާ ކިޑްނީ ދޭން ގުޅުމުން އެއާއިލާއަށް ވެސް ފުރަތަމަ އެކަންވީ ގަބޫލު ކުރަން އުނދަގޫ ކަމަކަށެވެ.
އޭނާއާއެކު އެ އަންހެން މީހާއަށް ކިޑްނީ ހަދިޔާ ކުރަން އެހެން ދިވެހި ފިރިހެނަކު ވެސް ނިންމި އެވެ. މާގިނަ ދުވަހެއް ނުކޮށް އެ ދެ މީހުން އެކުގައި ޓެސްޓްތައް ހަދަން އެ އާއިލާއެކު ލަންކާއަށް ދިޔަ އެވެ. ޓިޝޫ މެޗް ވޭތޯ ހެދި ޓެސްޓުން އޭނާ އާއި އެ އަންހެން މީހާ މެޗްވި އެވެ. ނަމަވެސް ދެން ކިޑްނީ ހަދިޔާ ކުރަން ދިޔަ މީހާއާ އެ ޓެސްޓް މެޗެއް ނުވި އެވެ. އެހެންކަމުން އެ މީހާއަށް ކިޑްނީ ދެވެން ނެތިގެން މާލެ އައިއިރު މި ޒުވާނާ ލަންކާގެ ހޮސްޕިޓަލުން އިތުރު ޓެސްޓްތައް ހަދަން ފެށި އެވެ.
"ވަރަށް ގިނަ ޓެސްޓްތައް ހެދި. ދެ ހަފުތާ ވަންދެން ކޮންމެ ދުވަހަކު އަޅުގަނޑުގެ ގައިން އެކި ޓެސްޓްތައް ހަދަން ލޭ ނެގި. އެހުރިހާ ޓެސްޓެއް ވެސް މެޗްވި. ދިމާވީ އެންމެ މައްސަލައެއް. ކޮލެސްޓްރޯލް މަތިކޮށް ހުރީ. ދެން އަޅުގަނޑު އެހިން އެއީ ކިޑްނީ ނުދެވޭނެ ސަބަބެއް ހޭ. ޑޮކްޓަރު ބުނި ނޫނެކޭ. ބުނީމަ އަޅުގަނޑު ބުނިން އެހެންވިއްޔާ ބޭނުމޭ ކިޑްނީ ހަދިޔާ ކުރަން،" އޭރުގެ ހަނދާންތައް އޭނާ އާކުރަމުން ޒުވާނާ "ވަން" އަށް ބުންޏެވެ.
ކިޑްނީ ހަދިޔާ ކުރަން ނިންމި ދުވަހުން ފެށިގެން އޭނާ އަބަދުވެސް ވިސްނުމުގައި މުހިންމު އެއް ކަމެއް ބާއްވަ އެވެ. އެއީ އެ ހިޔާލު ބަދަލު ނުވެ ހުންނާނެ ގޮތަކާ މެދު އެވެ. އެކަމަށް އޭނާ ފަރުވާތެރިވި ވަރުން ކިޑްނީ ދޭން ނިންމި ދުވަހުން ފެށިގެން މިހާތަނަށް ވެސް އޭނާ އެކަން ގަބޫލު ކުރަނީ ކުރެވުނު ހެޔޮ ކަމެއްގެ ގޮތުގަ އެވެ. އެ ހިތްހަމަޖެހުން އޭނާއަށް ވަރަށް ބޮޑެވެ.
"އަބަދުވެސް ވިސްނަން އިނބިލީސް ވަސްވާސް ދީގެން ހިޔާލު ބަދަލު ވެދާނެތީ. އެހެންވެ ބަރާބަރަށް ދުއާތައް ކިޔައި ގުރުއާން ކިޔަވަމުން އައީ. އަދި އަޅުގަނޑުގެ މަގުސަދަށް ބަދަލެއް އަތުވެދާނެ ކަހަލަ ކަމެއް ވެސް ނުކުރަން. އެ އާއިލާއިން ލަންކާގެ ބޮޑެތި ފިހާރަތަކަށް ގެންގޮސް ބޭނުން އެއްޗެއް ނަގަންވެސް ބުނޭ. އެކަމަކު އެއްވެސް އެއްޗެއް ނުގަންނަން. ބޭނުން ނުވީ އެފަދަ ކަމެއް ކުރަން،" ސާބިތުކަން ލިބުނު ގޮތް ކިޔައިދެމުން ބުންޏެވެ.
ކިޑްނީ ހަދިޔާ ކުރުމުގެ އޮޕަރޭޝަން ކުރުމުގެ ކުރިން އެއީ އަމިއްލަ އިހުތިޔާރުގައި ކޮށްދޭ ކަމެއްތޯ ހޮސްޕިޓަލުން ޔަގީން ކުރެ އެވެ. އެއީ ފައިސާ އާއި އެހެނިހެން އަމިއްލަ ބޭނުންތަކުގައި މީހުން އެކަން ވެސް ކުރާތީ އެވެ. އިންސާނިއްޔަތަށް ކޮށްދޭ ކަމެއް ކަމަށް އެއްބަސްވެ ކިޑްނީ ހަދިޔާ ކުރުމުގެ އޮޕަރޭޝަން 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު އޭނާ ކުރި އެވެ. އޭނާގެ ކިޑްނީ އެ އަންހެން މީހާގެ ހަށިގަނޑަށް ހަމަ އެ ދުވަހު ލަންކާގެ ހޮސްޕިޓަލެއްގައި ލެއްވި އެވެ. ދެ އޮޕަރޭޝަން ވެސް ކާމިޔާބެވެ. އޭގެ ފަހުން މިހާތަނަށް ހަ އަހަރުވީ އިރު އެ ދެ މީހުންނަށް ވެސް ސިއްހީ އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވެ އެވެ.
މާލޭގެ މެދުފަންތީގެ އާއިލާއެއްގެ އެ އަންހެން މީހާއަށް ކިޑްނީއެއް ލިބި އޭނާގެ ފުރާނަ ސަލާމަތްވުން އެ މީހުން ދެކެނީ ވަރަށް ބޮޑު ކަމެއްގެ ގޮތުގަ އެވެ. އޭގެ ކުރިން އެ މީހުންނާ ބައްދަލުވެފައި ނުވާ މީހަކު ކިޑްނީ ހަދިޔާ ކޮށްދިނުމުން އެކަން އެމީހުން ބަލައިގަންނަނީ ޝުކުރުވެރި ކަމާއެކު އެވެ. ކުޑައިރު މަންމަ މަރުވެ، މަންމަގެ ލޯބި ނުލިބި ބޮޑުވި އެ ފިރިހެން މީހާގެ މިހާރުގެ މަންމައަކީ އޭނާގެ ކިޑްނީ ދިން އަންހެން މީހާ އެވެ. އަމިއްލަ ދަރިއެއް ފަދައިން އެ އަންހެން މީހާ އޭނާއާ ދޭތެރޭ ދެކޭއިރު އެއަންހެން މީހާގެ ކުދިން ވެސް އޭނާ ދެކެނީ ބޭބެއެއް ފަދައިންނެވެ.
"މަންމަގެ ހުރިހާ ކުދިންނަށް ވުރެ އަޅުގަނޑު ދޮށީ. އެހެންވެ އާއިލާ ގެ ކަމެއްގައި ވެސް ގޮތެއް ނިންމަން ވެއްޖެ ނަމަ މަންމަ ފުރަތަމަ ގުޅާނީ އަޅުގަނޑަށް. ގުޅާފަ ބުނާނެ އެންމެ ދޮށީ ދަރި ވީމަ ފުރަތަމަ މި ވާހަކަ މި ދައްކަނީ އަޅުގަނޑު ގާތުގައޭ. އަސްލު އަޅުގަނޑުގެ އާއިލާއަށް ވުރެ މި އާއިލާ މިހާރު ގާތް. އެ އާއިލާގެ ފޮޓޯއެއްވެސް ފުރިހަމަ ކުރަނީ އަޅުގަނޑު ލައިގެން،" އުފަލުން އިނދެ އޭނާ ކިޔައިދިނެވެ.
ކިޑްނީ ހަދިޔާ ކުރަން ނިންމިއިރު ކައިވެނި ރޫޅިފައި ވީނަމަވެސް އޭރު އޭނާ އުޅުނީ ލޯބީގެ ގޮތުން ކުއްޖަކާ ގުޅިގެންނެވެ. ކިޑްނީ ހަދިޔާ ކުރަން ބޭނުން ވެގެން އެ އަންހެން ކުއްޖާ ގާތު އެ ވާހަކަ ދެއްކުމުން އޭނާ އެކަމަށް ރުހުނެވެ. އަދި އެކަމަށް ހިތްވަރު ދިނެވެ. މިއަދު އެ އަންހެން ކުއްޖާއަކީ އޭނާގެ އަންހެނުންނެވެ. އެ ދެމަފިރިންގެ އަލަތު ދަރިފުޅު މިމަހު ވަނީ ލިބިފަ އެވެ. އެއީ މިއަދު އުފާވެރި އާއިލާއެކެވެ.
"ވަރަށް ބޮޑު ހިތްވަރަކަށްވި އޭނާ ރުހުނީމަ. އަދިވެސް ނޭނގެ އަސްލު އޭނާ އެއްބަސްވީ ކީއްވެ ކަމެއް. އަޅުގަނޑު ނުވެސް އަހަން. އޭނާގެ ވަރަށް ގިނަ ރައްޓެހިން ތިބޭނެ ޑޮކްޓަރުން. އޭނާގެ ބެސްޓް ފްރެންޑަކީ ވެސް ޑޮކްޓަރެއް. ވެދާނެ އެ މީހުންނާ ވާހަކަ ދެއްކީ ކަމަށް ވެސް،" އަންހެނުންގެ ހިތްވަރު ލިބުނު ގޮތް ކިޔައިދެމުން ބުންޏެވެ.
އޭނާއަކީ ކިޑްނީ ހަދިޔާ ކުރުމުގެ ކުރިން ވެސް ގަވައިދުން ފުޓްބޯޅަ ކުޅެމުން އައި މީހެކެވެ. އޮޕަރޭޝަނަށް ފަހު ވެސް އެކަން ކުރަން ބޭނުން ކަމަށް އޭނާ ޑޮކްޓަރުން ގާތު ބުންޏެވެ. ޑޮކްޓަރުން ހުއްދަ ދިނީ އޮޕަރޭޝަން ކުރާތާ ހަ މަސް ފަހުން ކުޅެން ދިޔަ ނަމަވެސް އެންމެ ރަނގަޅު ކަމަށެވެ. އޭގެ ހަ މަސްވީ ދުވަހުން ފެށިގެން އޭނާ ކުޅެންގޮސް ގަވައިދުން ކަސްރަތު ކުރަން ފެށި އެވެ. ކުރިއެކޭ އެއްވެސް ތަފާތެއް ފާހަގައެއް ނުވެ އެވެ.
"އާންމު މީހަކު ކުރާ ހުރިހާ ކަމެއް ކޮށްގެން މިއުޅެނީ. ސިއްހީ އެއްވެސް މައްސަލައެއް ދިމައެއް ނުވޭ. ހަފްތާއަކު އެވެރެޖްކޮށް 70 ކިލޯ މީޓަރު ދުވަން. ދުވާ ޓީމަކާއެކު ޓްރެއިނިން ހަދަމުން މި ދުވަނީ. އެއްވެސް އުނދަގުލެއް ނުވޭ. ދެ ކިޑްނީއާއެކު އުޅޭ މީހުންނާ އެކީ އެއްވަރަކަށް މިއުޅެނީ. އެ މީހުންނާ އެއް ހަމައެއްގައި އެބަ އުޅެން،" މިހާރުގެ ހާލަތު އޭނާ ކިޔައި ދިނީ މިގޮތަށެވެ.
ކިޑްނީ ހަދިޔާ ކުރީއްސުރެ މިހާތަނަށް އޭނާއަށް ސިއްހީ އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ. ކިޑްނީ ނެގުމުގެ އޮޕަރޭޝަން ކުރުމަށް އަރިކަށިން ހަތް އިންޗި ދިގަށް ފަޅާލާފައިވާ ތަނުގައި އައްސި ހުރުން ފިޔަވާ އިތުރު ކަމެއް ދިމައެއް ނުވެ އެވެ. އޮޕަރޭޝަންތަކަށް އެގޮތަށް ފަޅާ ހިސާބުތަކުގައި އައްސި ހުރުމަކީ އާއްމު ކަމެކެވެ. އޮޕަރޭޝަނަށް ފަހު ގަވައިދުން ޗެކަޕް ހަދަމުން އަންނަތާ ހަ އަހަރުވީ އިރު މިހާތަނަށް ސިއްހީ އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވެ އެވެ.
"އެވޮއިޑް ކުރަން މިޖެހެނީ ލޭ މައްޗަށް ދާ ކަހަކަ ކަންކަން. އެހެންވެ ބަރާބަރަށް ދުވަން މިދަނީ. ދެން ޕެއިންކިލާއެއް ނުކެވޭނެ. އުޅެން ޖެހޭނީ ސިއްހަތަށް ބަލައިގެން. އެއީ ދެން ކޮންމެ މީހަކު ވެސް އުޅެން ޖެހޭ ގޮތްތާ. ވަކި ނުކެވޭ އެއްޗެއް ނުހުރޭ. ހަމަ އާއްމު ދިރިއުޅުމެއް މިއުޅެނީ،" އޭނާ ކިޔައިދިނެވެ.
ކިޑްނީ ފެއިލްވެ، ފުރާނަ ގެއްލިދާނެތީ ކަމުގެ ބިރު ހީވެފައިވާ މީހުންނަށް ކިޑްނީ ދިނުމަކީ ރަނގަޅު ކަމެއްކަން އޭނާ މިވަނީ ސާބިތު ކޮށްދީފަ އެވެ. އަދި އެ ކަމުގެ ސަބަބުން ކިޑްނީ ހަދިޔާ ކުރާ މީހާއަށް އެއްވެސް ސިއްހީ މައްސަލައެއް ވެސް ކުރިމަތި ނުވާކަން އޭނާ ޔަގީންކޮށްދެ އެވެ. އޭނާގެ ނަސޭހަތަކީ ހެޔޮ ނިޔަތުގައި އެފަދަ އަމަލުތައް ކުރުމެވެ.
"މިކަން ކުރަން ވާނީ މީހަކަށް ހެޔޮ ކަމެއް ކޮށްދޭން. ރިޓާން ހޯދަން ވާނީ މާތް ﷲ ގެ ހަޟްރަތުން. މިކަން ކުރުމުގެ ކުރިން ރަނގަޅު މައުލޫމާތު ހޯދުން މުހިންމު. މިއީ މީހަކަށް އެހީވާން ކޮށްދެވޭނެ ވަރަށް ރަނގަޅު ކަމެއް. ބިރު ގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް. އެއްވެސް އުނދަގުލެއް އޭގެ ފަހަކުން ނުވޭ،" އެކަމަށް ހިތްވަރު ދެމުން އޭނާ ބުންޏެވެ.
"ކިޑްނީ ޑޮނޭޓް ކުރާ މީހާގެ ދިފާއީ ނިޒާމަށް އެއްވެސް ބަދަލެއް ނާދޭ. އެކަމާ ބިރު ގަންނާކަށް ނުޖެހޭ."
އުމުރުން 13 އަހަރުގައި މަންމަ ވަކިވެގެން ދިއުމުން ގެއްލުނު ލޯބި މިއަދު އޭނާއަށް ލިބެ އެވެ. އޭނާގެ ދަރިންނަށް މާމަގެ ލޯބި ވެސް ލިބެ އެވެ. ކުރި ހެޔޮ އަމަލުގެ ސަބަބުން އިތުރު އާއިލާއެއް ލިބި މިއަދު އޭނާއަށް މިވަނީ އުފާވެރިކަން ލިބިފަ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް