މިދިޔަ ހަފްތާ ތެރޭގައި ޓޮޓެންހަމްއިން ޔޫރޮޕާ ލީގުގެ ކޮލިފިކޭޝަންގައި މެސަޑޯނިއޯގެ ޝްކެންޑިޖާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އެކްލަބުގެ ދަނޑުގައި ހުރި އެއް ގޯލް މާ ތިރިކަމުގެ ޝަކުވާ ޓޮޓެންހަމްގެ ކޯޗު ހޯޒޭ މޮރީނިއޯ ވަނީ ކޮށްފައެވެ. މޮރީނިއޯ އެ ޝަކުވާ ކޮށްފައިވަނީ މެޗު ވާމް އަޕްގައި ޓޮޓެންހަމްގެ ގޯލްކީޕަރުން ގެ ފަރާތުން އެކަން ފާހަގަކުރެވިގެންނެވެ. ޔޫއެފާގެ އޮފިޝަލުން ފަހުން ގޮސް މިން އެޅުމަށްފަހު ބުނެފައި ވަނީ އެއްކޮޅު ގޯލަ ފަސް ސެންޓިމީޓަރު ތިރި ކަމަށެވެ.

އެކަމާ ގުޅިގެން މީޑިއާގައި ވާހަކަތައް ފެތުރިފައި ވަނިކޮށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ސޮލްސްޖާ ވަނީ މޮރީނިއޯއަށް ނުސީދާކޮށް ޖޯކު ޖަހައިފައެވެ. ބްރައިޓަންއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗުގައި، ބްރައިޓަންގެ ފަސް ހަމަލާއެއް ގޯލް ދަނޑިއަށް އަމާޒުވުމުން ސޮލްސްޖާ ބުނެފައި ވަނީ "ގޯލްގެ މިންއަޅަން މޮރީނިއޯ ނެތްކަން އެއީ ނަސީބެއް،" ކަމަށެވެ.

ރޭ ޓޮޓެންހަމްއިން ކުޅުނު މެޗުގެ ފަހު މިނެޓުގައި ވީއޭއާރް ރިވިއުކޮށް، ނިއުކާސަލްއަށް ދިން ޕެނެލްޓީއާއެކު މެޗުގެ ނަތީޖާ އެއްވަރުވެގެން ނިމުނުއިރު، އެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް، މޮރީނިއޯ ވަނީ ސޮލްސްޖާއަށް ބަހުގެ ހަމަލާއެއް ފޮނުވާލައިފައެވެ.

"ސޮލްސްޖާއަކަށް ގޯލްގެ ސައިޒް އެއީ މައްސަލައަކަށް ނުވާނެ. އޭނާއަށް މައްސަލައަކަށް ވާނީ ގޯލް އޭރިއާ،" ޔުނައިޓެޑަކީ ޕެނަލްޓީން ސަލާމަތްވާ ޓީމެއް ކަމަށް މީޑިއާގައި ދެކެވޭ ވާހަކައަކަށް މޮރީނިއޯވެސް ބާރު ދިނެވެ.

މިދިޔަ ސީޒަނުން ފެށިގެން މި ސީޒަންގެ މިހާތަނަށް ޔުނައިޓެޑް ކުޅުނު މެޗުތަކުގައި 20 ޕެނަލްޓީއެއް ރެފްރީ ދީފައި ވެއެވެ. އޭގެ ތެރެއިން 16 ޕެނަލްޓީއަކީ ޔުނައިޓެޑަށް ދީފައިވާ ޕެނަލްޓީއެވެ.

މީޑިއާއަށް ތަފާތު ޖަވާބު ދިނުމާއި، އެހެން ކޯޗުންނަށް ބަހުން ޖަހާލުމަށް މޮރީނިއޯ އަބަދުވެސް ކުރާ ކަމެކެވެ. ޔުނައިޓެޑްގެ ކޯޗު ސޮލްސްޖާ މޮރީނިއޯއަށް ބަހުގެ ހަމަލާއެއް ފޮނުވާލިއިރުވެސް، އޭގެ ރައްދު ހަމަލާ ބާރަށް އަންނާނެކަން އެނގެން ވާނެ ކަމަށް ދިރާސާވެރީން އައީ ބުނަމުންނެވެ. އެއީ މޮރީނިއޯގެ ސްޓައިލެވެ.