ޚަބަރު

އެމްޓީސީސީ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރަކަށް ނަސްރަތު

އެމްޓީސީސީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރަކަށް ނަސްރަތު މުހައްމަދު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކޮށްފި އެވެ.

އެމްޓީސީސީގެ ހިންގާ ގަވާއިދުގެ 69 ވަނަ މާއްދާގައިވާ ގޮތުން ކުރީ އަހަރެއްގެ އަހަރީ އާންމު ޖަލްސާގައި އައްޔަންކުރާ ހުރިހާ ޑިރެކްޓަރުން ވިދިގެން އަންނަ އަހަރުގެ އަހަރީ އަންމު ޖަލްސާގައި މަގާމުން ވަކިވެގެންދާނެ އެވެ. އެގޮތުން ކުރިއަށް އޮތް އަހަރު އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ދެ ބޭފުޅުންގެ ގޮތުގައި އެމްޓީސީސީގެ ބޯޑުން ފާސްކޮށް އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ފާސްކުރި ދެ ނަމަކީ އަހުމަދު އަބޫބަކުރު އަދި ނަސްރަތު މުހައްމަދުގެ ނަމެވެ.

ނަަމަވެސް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ "ފަހިވޯޓު" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް މިއަދު ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އެކުންފުނީގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ނޮން އެގްޒެކެޓިވް ޑިރެކްޓަރު ސިނާން އަލީ ވިދާޅުވީ، ޑިރެކްޓަރު ކަމަށް ކުރިމަތިލި ދެ ބޭފުޅުންގެ މައުލޫމާތު މިމަހުގެ 10 ވަނަ ދުވަހު އާންމުކުރި ނަމަވެސް ފަހުން ލިބުނު މައުލޫމާތަށް ބަލައި އެ ދެ ނަމުގެ ތެރެއިން އެއް ނަން އުނިކުރެވިފައިވާ ކަމަށެވެ. އުނިކޮށްފައިވަނީ އަހުމަދު އަބޫބަކުރުގެ ނަމެވެ.

އެހެންކަމުން މިއަދުގެ ޖަލްސާގައި ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރަން ވޯޓަށް އަހާފައިވަނީ ނަސްރަތުގެ ނަމަށް އެކަންޏެވެ. އޭނާ ޑިރެކްޓަރުގެ އިންތިހާބު ކުރީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 86 ޕަސެންޓް ވޯޓުންނެވެ.

އެގްޒެކެޓިވް ޑިޕްލޮމާ އިން ޑައިރެކްޓާޝިޕް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ހާސިލު ކުރައްވާފައިވާ ނަސްރަތު މިހާރު ވެސް ގެންދަވަނީ އެލައިޑް ކުންފުނީގެ ކަސްޓަމާ ސާވިސްގެ މެނޭޖަރުކަން އަދާކުރައްވަމުންނެވެ.

ސިނާނު ވިދާޅުވީ، އެމްޓީސީސީގެ ހިންގާ ގަވާއިދުގެ 90 ވަނަ މާއްދާގައި ޑިރެކްޓަރުގެ މަގާމު ހުސްވާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ހުސްވެފައިވާ ޑިރެކްޓަރުގެ މަގާމަށް މީހަކު އިންތިހާބު ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާތީ މިއަދުން ފެށިގެން 60 ދުވަހުގެ ތެރޭގައި ހުސްވެފައިވާ ޑިރެކްޓަރު ކަމަށް ބޭފުޅަކު ހޮވުމަށް ހާއްސަގޮތުންކުރާ އާންމު ޖަލްސާއެއް ބާއްވާނެ ކަމަށެވެ.