ކޮންމެ ކަމަކާ ގުޅުވައިގެން އަންހެނުން ނިކަމެތިކޮށްލައި އެމީހުންނަކީ ގޮތް ހުސްވެފައި ތިބި ބައެއްކަމަށް ދޭހަވާގޮތަށް ބަސްބުނުން ހުއްޓައިލުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު އަށް ރައްދު ދެއްވައިފިއެވެ.

އެހެން ވިދާޅުވެ ރޮޒެއިނާ ޝުޖާއު އަށް ރައްދު ދެއްވީ ހދ.ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު ފެށި ކާގޯ ފެރީ ދަތުރުތަކަށް ޖޯކު ޖައްސަވައި ޝުޖާއު ކުރެއްވި ޓުވީޓެއްގައި އަންހެން ބޭފުޅުންނަށް ކުޑައިމީސްކޮށްފައި ވާތީއެވެ.

ކޮޗިން އިން މުދާ ބަރު ކޮށްގެން އިއްޔެ ކުޅުދުއްފުއްޓަށް އައިސް މުދާ ބޭލި ކާގޯ ފެރީއަށް ޖޯކު ޖައްސަވައި، ޝުޖާއު ވިދާޅުވީ، "މިއަދު ބޮޑު އާގުބޯޓެއް، މާދަން ކަނބަލުން ކައިރިއަށް އަންނާނީ މަތިމަސްލީ މީހުން،" ކަމަށެވެ.

އެކަމާ ގުޅިގެން ރޮޒެއިނާ މިއަދު ވިދާޅުވީ ދިވެހި އަންހެނުންނަށް ނިސްބަތްކޮށް މިފަދަ އެއްޗެއް ވިދާޅުވާކަމީ ވަރަށް ދެރަ ކަމެއް ކަމަށެވެ. ކޮންމެ ކަމަކާ ގުޅުވާފައިވެސް އަންހެނުން ނިކަމެތި ކޮށްލައި އެމީހުންނަކީ ގޮތް ހުސްވެފައި ތިބި ބައެއް ކަމަށް ދޭހަވާ ގޮތަށް ބަސްބުނުން ހުއްޓާލަން ޖެހޭ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

މީގެ އިތުރުން "ސިޔާސީ ރައްދު ދޭއިރު އަންހެނުންނަށް އަމާޒު ތިކުރައްވަނީ، ކޮން ބޭނުމެއްގައިތޯ،" ވެސް ރޮޒެއިނާ ވަނީ ސުވާލު ކުރައްވައިފައެވެ.