ލޮނުޒިޔާރަތް ކޮޅުގައި ހުރި ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހިންގި އިމާރާތުގައި ހުރި މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް، ޕިއެންސީން ސަރުކާރަށް ގޮވާލައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހުރި ބިން ސްޓްރާޑާ ކުންފުންޏަށް ދޫކުރީ ބްރިޖު އަޅާ މަންޒަރު ބަލާ ޕްލެޓްފޯމެއް ތައްޔާރުކޮށް، އެ ސަރަހައްދުގައި ރެސްޓޯރެންޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމަށެވެ.

ނަމަވެސް އެތަނުގެ ބިމު ކުލީގެ މައްސަލައިގައި، މިހާރުގެ ސަރުކާރުން އެތަނުގެ އެއްބަސްވުން ބާތިލުކޮށް، މިދިޔަ މާޗް މަހު ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުން ވަނީ އެތަނަށް ވަދެ ބަންދުކޮށްފައެވެ.

އެއަށްފަހު ކޯޓަށް މައްސަލަ ހުށަހެޅުމުން ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދެއްކުމަށާއި އެތަން ސަރުކާރާ ހަވާލުކުރަން މިދިޔަ އަހަރު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް އެ މައްސަލަ ސްޓްރާޑާގެ ފަރާތުން ވަނީ މަތީ ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެހެންކަމުން އޭރު ނެގިގޮތަށް އެތަން މިހާރުވެސް ހުންނަނީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ.

އެކަމާ ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި މިއަދު ބުނެފައިވަނީ، ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ފަހުން ތިން ފަހަރެއްގެ މަތިިން އެތަނުން ވައްކަން ކުރި އިރުވެސް އަޅާލާފައި ނުވާ ކަމަށެވެ.

އެ ކޯލިޝަނުން ބުނީ އެއީ އިދިކޮޅަށް ނިސްބަތްވާ ޕީޕީއެމް ކައުންސިލް މެންބަރެއްގެ ހިއްސާ އޮންނަ ކުންފުންޏަކުން ހިންގާ ވިޔަފާރިއަކަށް ވާތީ، އެތަނުގައި ސެކިއުރިޓީ ބެލެހެއްޓޭނެ އިންތިޒާމު ހަމަނުޖައްސައި އެތަން ވީރާނާވާން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެކަމަކީ ސިޔާސީ ބަދަލު ހިފުމެއްގެ ގޮތުގައި ފާހަގަކޮށް، ރެސްޓޯރެންޓްގެ ކަންތައްތަކުގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތް އެ ކޯލިޝަނުން ވަނީ ކުށްވެރިކޮށްފައެވެ.

އެހެންކަމުން ދިވެހި ވިޔަފާރިތަަކަށްދޭ ސަމާލުކަން އިތުރުކުރުމާއެކު ވިޔަފާރިތަަކަށް ލިބެމުންދާ ގެއްލުންތައް ކުޑަވާނެގޮތަށް ބައްޓަން ކުރުމަށާއި، އެ އިމާރާތުގައި ހުރި މުދަލަށް ގެއްލުންނުވާނެ ގޮތަކަށް ތަނުގެ ސެކިއުރިޓީ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ. އަދި އެ އިމާރާތާ ގުޅޭގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމި ވަކި ގޮތެއް ކަނޑައެޅެންދެން އެތަނުގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް ގޮވާލާފައިވެއެވެ.