ބާސެލޯނާއިން ޝުއަރޭޒްއާ ދޭތެރޭ ކަންތައް ކުރި ގޮތާމެދު ހިތްހަމަ ނުޖެހިގެން، ކެޕްޓަން ލިއޮނަލް މެސީ ކުރި އިންސްޓާ ގްރާމް ޕޯސްޓާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ކަމަށް މިސްރުގެ ގައުމީ ޓީމަށާއި ޓޮޓެންހަމް އަދި އަޔެކްސްއަށް ކުޅުނު މީޑޯ ބުނެފިއެވެ.

މީޑޯއަކީ ބާސާގެ ކޯޗު ކަމުގައި މިހާރު ހުރި ކޯމަންގެ ދަށުން އަޔެކްސްގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. މިހާރު ޓީވީ ކަރެސްޕޮންޑެންޓެއްގެ ގޮތުގައި މީޑޯ ހަރަކާތްތެރިވާއިރު، އޭނާ ބުނެފައި ވަނީ އަޔެކްސްގައި އުޅުނު އިރު، ޓީމާ ގުޅޭ ގޮތުން މީޑިއާގައި ދެއްކި ވާހަކައަކާ ގުޅިގެން ކޯމަން އޭނާ ގެއަށް ފޮނުވާލި ކަމަށެވެ.

"އަހަރެންގެ އުމުރުން އެންމެ 18 އަހަރުގައި ޓީމާ ގުޅިގެން މީޑިއާގައި ހިޔާލެއް ފާޅުކުރުމުން ކޯމަން އަހަރެން ޓީމުން ބޭރުކޮށް ގެއަށް ފޮނުވާލި. އަހަރެން މެސީއާ އަޅައި ކިޔަނީއެއް ނޫން. އެކަމަކު އެކަމަށް ކޯމަން އަޅާނެ ފިޔަވަޅަކަށް މި އިންތިޒާރުކުރަނީ. އަހަރެން މާ ކުރިންވެސް ބުނަމުން އައި ތަފާތުކުރުން މިފަހަރުވެސް ފެނިގެންދާނެ ކަމަށް މިބަލަނީ،" މީޑޯ ބުނެފައި ވެއެވެ.

2001 ވަނަ އަހަރުން 2003 ވަނަ އަހަރާއި ހަމައަށް މީޑޯގެ ކޯޗަކީ ކޯމަންއެވެ. މީޑޯއާ ކޯޗާ ޖެހުނު މައްސަލައަކާ ގުޅިގެން އޭނާ ފުރަތަމަ ލޯނަށް ފޮނުވާލީ ލަލީގާގެ ސެލްޓާ ވީގޯއަށެވެ. އޭގެފަހުން މާސޭއަށް ވިއްކާލީއެވެ.

ބާސާގެ ތާރީހުގައި ތިންވަނައަށް އެންމެ ގިނަ ގޯލް ޖަހާފައިވާ ޝުއަރޭޒް ހަ އަހަރަށްފަހު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީ ކްލަބާ އަލަށް ގުޅުނު ކޯޗު ކޯމަން ބޭނުން ނުވެގެންނެވެ. ޝުއަރޭޒް ފުރަތަމަ އިޓަލީ ލީގުގެ ޔުވެންޓަސްއަށް ބަދަލުވާން އުޅުނު ނަމަވެސް ޕާސްޕޯޓް މައްސަލައިގައި އެކަން ކާމިޔާބު ނުވިއެވެ. އޭގެ ފަހުން ޝުއަރޭޒް އެތުލެޓިކޯއަށް ދާން އުޅުމުން، އެއީ ބާސާގެ ވާދަވެރި ކްލަބަކަށް ވާތީ، ޖޯސެފް ބާޓެމިއޫ ވަނީ އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެވެ.

އެހުރިހާ ކަމަކާ ގުޅިގެން ޝުއަރޭޒް މީޑިއާއާ ކުރިމަތިލާން އުޅެނިކޮށް، ބާސާގެ ރައީސް އޭނާ އެތުލެޓިކޯއަށް ބަދަލުވާން ހުއްދަ ދިން ކަމަށް ހަބަރުތައް ބުނެއެވެ. ޝުއަރޭޒްއަށް ބާސާއިން ކުޑަ ފެއާވެލްއެއް ދީފައިވާއިރު، ޝުއަރޭޒްއާއި ގުޅިގެން ކްލަބުން ކަންތައް ކުރިގޮތަށް މެސީ ވަނީ ހޫނު ރައްދެއް ދީފައެވެ.

ޝުއަރޭޒްގެ އެންމެ ގާތް އެކުވެރިޔާ މެސީ އިންސްޓާގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޝުއަރޭޒްއަކީ ކްލަބުގެ ތާރީހުގައި މުހިއްމު ކުޅުންތެރިއެއް ކަމަށާއި، އެއަށްވުރެ ރަނގަޅު ވަދާއެއް ދާން ޖެހޭ ކަމަށެވެ. ބާސާގެ ރައީސްގެ ނިންމުން މިފަހަރުވެސް ބަލައިނުގަންނަ ކަމަށް މެސީ ބުނެފައިވާއިރު، އޭނާ ބުނެފައިވަނީ މިހާރު އޮތް ބާސާ ގެ ބޯޑުން ނިންމާ ކަންކަމަށް އިތުރަށް ހައިރާން ނުވާ ކަމަށެވެ.

މެސީ ބުނެފައި ވަނީ ބާސާއިން ޝުއަރޭޒް "އެއްލައިލުމަކީ" ވަރަށް ހުތުރު ކަމެއް ކަމަށާއި، އެގޮތަށް ބޭރުކޮށްލުމަކީ އިހުތިރާމު ކުޑަކުރުން ކަމަށެވެ.