އުރުގުއޭގެ ފޯވަޑް ލުއިޒް ޝުއަރޭޒް ބާސެލޯނާއިން ފޮނުވާލި ގޮތާއި މެދު ކެޕްޓަން ލިއޮނަލް މެސީ ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.
ބާސާގެ ތާރީހުގައި ތިންވަނައަށް އެންމެ ގިނަ ގޯލް ޖަހާފައިވާ ޝުއަރޭޒް ހަ އަހަރަށްފަހު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީ ކްލަބާ އަލަށް ގުޅުނު ކޯޗު ކޯމަން ބޭނުން ނުވެގެންނެވެ. ޝުއަރޭޒް ފުރަތަމަ އިޓަލީ ލީގުގެ ޔުވެންޓަސްއަށް ބަދަލުވާން އުޅުނު ނަމަވެސް ޕާސްޕޯޓް މައްސަލައިގައި އެކަން ކާމިޔާބު ނުވިއެވެ. އޭގެ ފަހުން ޝުއަރޭޒް އެތުލެޓިކޯއަށް ދާން އުޅުނު، އެއީ ބާސާގެ ވާދަވެރި ކްލަބަކަށް ވާތީ، ޖޯސެފް ބާޓެމިއޫ ވަނީ އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެވެ.
އެހުރިހާ ކަމަކާ ގުޅިގެން ޝުއަރޭޒް މީޑިއާއާ ކުރިމަތިލާން އުޅެނިކޮށް، ބާސާގެ ރައީސް އޭނާ އެތުލެޓިކޯއަށް ބަދަލުވާން ހުއްދަ ދިން ކަމަށް ހަބަރުތައް ބުނެއެވެ. ޝުއަރޭޒްއަށް ބާސާއިން ކުޑަ ފެއާވެލްއެއް ދީފައިވާއިރު، ޝުއަރޭޒްއާއި ގުޅިގެން ކްލަބުން ކަންތައް ކުރިގޮތަށް މެސީ ވަނީ ހޫނު ރައްދެއް ދީފައެވެ.
ޝުއަރޭޒްގެ އެންމެ ގާތް އެކުވެރިޔާ މެސީ އިންސްޓާގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޝުއަރޭޒްއަކީ ކްލަބުގެ ތާރީހުގައި މުހިއްމު ކުޅުންތެރިއެއް ކަމަށާއި، އެއަށްވުރެ ރަނގަޅު ވަދާއެއް ދާން ޖެހޭ ކަމަށެވެ. ބާސާގެ ރައީސްގެ ނިންމުން މިފަހަރުވެސް ބަލައިނުގަންނަ ކަމަށް މެސީ ބުނެފައިވާއިރު، އޭނާ ބުނެފައިވަނީ މިހާރު އޮތް ބާސާ ގެ ބޯޑުން ނިންމާ ކަންކަމަށް އިތުރަށް ހައިރާން ނުވާ ކަމަށެވެ.
މެސީ ބުނެފައި ވަނީ ބާސާއިން ޝުއަރޭޒް "އެއްލައިލުމަކީ" ވަރަށް ހުތުރު ކަމެއް ކަމަށާއި، އެގޮތަށް ބޭރުކޮށްލުމަކީ އިހުތިރާމު ކުޑަކުރުން ކަމަށެވެ.
ޝުއަރޭޒް ވަނީ ބާސާއަށް ކުޅުނު 283 މެޗުން 198 ގޯލް ޖަހައިދީފައެވެ. އެ މުއްދަތުގައި ހަތަރު ފަހަރަށް ލީގު ކާމިޔާބުކޮށް، ހަތަރު ފަހަރަށް ކަޕްވެސް ކާމިޔާބު ކޮށްފައި ވެއެވެ. އޭގެ އިތުރުން ޝުއަރޭޒް ވަނީ ބާސާއާއެކު ޗެމްޕިއަންސް ލީގު އުފުލާލައި، ކްލަބު ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.
ބާސާގެ މުސާރައަށްވުރެ ކުޑަ މުސާރައެއްގައި އެތުލެޓިކޯއާއެކު ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގައި ޝުއަރޭޒް ސޮއިކޮށްފައިވާއިރު، އެތުލެޓިކޯއިން މިހާރު ވަނީ ޝުއަރޭޒް އިއުލާން ކޮށްފައެވެ.
މި ސީޒަންގެ ކުރިން، ބާސާގެ މެނޭޖުމަންޓާ ދެމެދު އުފެދުނު ދެބަސްވުމެއްގައި މެސީވެސް ވަނީ ކްލަބު ދޫކޮށްލަން އެދިފައެވެ. އެހެން ނަމަވެސް ބާސާ ރައީސް ވަނީ ގާނޫނީ ގޮތުން މެސީއަށް ހުރަސްއަޅާ ގަދަކަމުން ކްލަބުގައި މަޑުކުރުވާފައެވެ. މެސީ ބުނެފައި ވަނީ މި ސީޒަން ނިމުމާއެކު އޭނާ ބާސާ ދޫކޮށްލަން ބޭނުންވާ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު