ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާ ބައްދަލުކުރައްވައިފިއެވެ.

އަމިއްލަ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު، މިދިޔަ އަންގާރަ ދުވަހު ރާއްޖެ ވަޑައިގެންނެވުމަށްފަހު އެމަނިކުފާނު ހުންނެވީ ކަރަންޓީނުގައެވެ. އެހެންކަމުން މިއަދު މަޖިލިސް ކޮމިޓީތަކުގެ މުގައްރިރުންނާ އެމަނިކުފާނު ބައްދަލުކުރައްވާފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އެމަނިކުފާނުގެ މި ބައްދަލުކުރެއްވުމުގައި، ކޮމިޓީތަކުގައި ހުރި މަސައްކަތްތަކާ ގުޅޭގޮތުން މުގައްރިރުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މިހާރުވެސް މަޖިލިސް ކޮމިޓީތަކުގައި ގިނަ މަސައްކަތްތަކެއް ހުރި އިރު، މިހާރު މި ހިނގާ މަޖިލިސް ޗުއްޓީ ނިންމާލުމަށްފަހު، ކުރިއަށް ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މަޖިލިސް އިދާރާއިން ބުނީ ތިންވަނަ ދައުގެ ފުރަތަމަ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަހެއްވާ ހޯމަ ދުވަހު ކަމަށެވެ.

މުޅިއެކު 21 ގާނޫނެއް ނިންމުމަށްފަހު، މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔައީ މިމަހު ހައެއްގައެވެ.

ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ ނިންމަވާލައްވަމުން ޖަލްސާގެ ރިޔާސަތުގައި އެދުވަހު އިންނެވި މަޖިލީހުގެ ނާއިބު ރައީސް އިވާ އަބުދުﷲ ވިދާޅުވީ، މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތްތަކުގެ ތެރެއިން 67.6 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ. އެގޮތުން 21 ބިލަކާއި، ސަރުކާރުން ހުށަހެޅި 18 މައްސަލައަކާއި، ރިޔާސަތުން ހުށަހެޅި 11 މައްސަލައެއް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މެންބަރުން ހުށަހެޅުއްވި 16 ކުއްލި މައްސަލަ ނިންމާފައިވާ ކަމަށާއި ނުވަ ގަރާރަކާއި އެކި މައްސަލަތަކާ ގުޅޭ 19 ރިޕޯޓެއް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ދެވަނަ ދައުރުގައި ވަޒީރުންނާ މެންބަރުން 30 ސުވާލެއް ކުރެއްވި ކަމަށެވެ.

މަޖިލީހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދެވަނަ ދައުރު ނިމުނުއިރު ނުނިމި، ތިންވަނަ ދައުރަށް ހުރި މައްސައްކަތްތަކުގެ ތެރޭގައި 29 ބިލަކާއި، ހަތް ގަރާރަކާއި، ރިޔާސަތުން ހުށަހެޅި ހަތް މައްސަލައާއި ސަރުކާރުން ހުށަހެޅި މައްސަލައަކާއެކު އަށް މައްސަލަ ހިމެނެއެވެ.

މިދިޔަ ދައުރުގައި މަޖިލީހުން ވަނީ މުހިއްމު ބިލުތަކެއް ފާސްކޮށްފައެވެ. އެގޮތުން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފެނާއި ނަރުދަމާގެ ބިލާއި، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ބިލު ފާހަގަކުރެވެއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރުން އެހެން ބައެއް ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމާއި، މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަންކުރުން ފަދަ މުހިއްމު ކަންތައްތަކެއް މަޖިލީހުން ވަނީ ކޮށްފައެވެ.

އީވާ ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރަމުންގެންދާ ކަންތައްތަކަށް ދެވަނަ ދައުރުގެ ތެރޭގައި މަޖިލީހުގެ 17 ކޮމިޓީން ލަފާދީފައިވާ ކަމަށެވެ.