ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 05

3

ފަސްވަނަ ބައި

"އެޓިޓިއުޑް... ހުނ.... މުސްލިމެއްތަ އަނެއްކާ އެއީ...؟ ސަލާމްވެސް ބަލައިނުގަތްވިއްޔާ" އަބާން ދިޔަ ދިމާލަށް ބަލަން ހުރެ ލަސްލަހުން އަނާރް ބުނެލިއެވެ. ހަމަ އެހިނދުގައި އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަބާންގެ އެ ސްޓައިލް އޭނާއަށް ވަރަށް ކަމުގޮސްފިއެވެ. އެލޯބި ހާސިލްކުރުމުގެ އުންމީދު އޭނާގެ ޒުވާން ހިތުގައި އާވެގެން ދިޔައެވެ. ދެވަނަ ބައްދަލުވުމާއެކު އެސޫރައަށް ދެވުނު ޝައުޤުވެރިކަން އިތުރުވެގެން ދިޔައެވެ.

އަބާނެކޭ އެއްފަދައިން ބައްޕަ ނަސީމަކީވެސް ކޯޓުގައި ކުރިއަށް ގެންދިޔަ އެތައް މައްސަލަތަކެއް ކާމިޔާބުކޮށްފައިވާ ކުޅަދާނަ ދުވަސްވީ ވަކީލެކެވެ. އަބާން ފިޔަވަޅު އަޅަނީ ބައްޕަގެ ފިޔަވަޅުގެ މަތިންނެވެ. މައްސަލަތައް ކުރިއަށްގެންދާނެ ގޮތާއި ވަކީލެއްގެ ގައިގައި ކޮންމެހެންވެސް ހުންނަންޖެހޭ އަދި މައްސަލައެއް ކާމިޔާބު ކުރެވޭނެ މޮޅެތި އުކުޅުތައް އަބާނަށް ކިޔައިދެނީ ނަސީމެވެ. އެހެންކަމުން އަބާނަކީވެސް ރާއްޖޭގައި ނަން މަޝްހޫރު ވަކީލެކެވެ.

ތިންބުރިއަށް ހިއްލާލާފައިވާ އެގެއަކީ އަބާންގެ ބައްޕަ ފަރާތު ކާފަ އަޙްމަދުމަނިކްގެ އަމިއްލަ ގެއެކެވެ. މުސްކުޅި ބަލީގައި ދުނިޔެދޫކޮށް ދިޔައިރު ދިޔައީ ދުނިޔޭގައި ތިބި ދެ ފިރިހެންދަރިންގެ މައްޗަށް އޭނާގެ ހުރިހާ މުދަލެއް މިލްކު ކޮށްދީފައެވެ. ކަން ދިމާކުރި ގޮތުން އަޙްމަދުމަނިކް ނިޔާވެގެން ދިޔަތާ އަހަރުދުވަސް ނުވަނީސް ހުމެއްގެ ޝިކަރާއަކަށްވެ ނަސީމްގެ ހަގަށް ހުރި ކޮއްކޮވެސް ޒުވާން އުމުރުގައި ދުނިޔެ ދޫކޮށް ދިޔައީއެވެ. އެހެންކަމުން އަޙްމަދުމަނިކުގެ ހުރިހާ މުދަލެއްގެ މިލްކުވެރިޔަކަށް ވީ ނަސީމެވެ.

"ބައްޕަ ކާން ނުދުރުވަނީތޯ؟" އަތުގައި އޮތް ފައިލް ލައްޕާލާފައި އަބާން ގޮސް ނަސީމްގެ ކޮޓަރިއަށް ވަދެލާފައި ބުނެލިއެވެ. ދެބަފައިން މައްސަލަަކާއި ބެހޭގޮތުން މަޝްވަރާކުރަން ތިބީ ގެ ހުންނަ އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ހިންގާ އޮފީހުގައެވެ.

"މަންމަ ދެންމެ ގުޅާލާފައި ބުނި ގުޅާލީމަ އަންނާށޭ" ނަސީމް ބުނެލިއެވެ.

"އަޅުގަނޑު މިދަނީ ސައިފްއާއެކު ތަނަކަށް ގޮސްލަންވެގެން. ފަހަރެއްގަ ބޭރުން ކާނީ" އަބާން ބުނެލިއެވެ. ނަސީމް ބޯޖަހައިލުމުން އަބާން ހިނގައިގަތެވެ.

***

ސައިކަލުގައި ގޮސް އަބާން މަޑުކޮށްލީ ސައިފް އުޅޭ ގޭ ދޮރުމަތީގައެވެ. އެގޭ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލާފައި އަބާން އުޅުނީ ސައިފްގެ ނަންބަރަށް ގުޅާށެވެ. ކުއްލިއަކަށް މީހަކު ކޮނޑުމަތީގައި އަތްޖައްސައިލުމުން ބަލައިލިއިރު ސައިފްގެ މަންމަ މަރިޔަމްއެވެ. މަރިޔަމް ދެކެނީ ސައިފް ފަދައިން އަބާނަކީވެސް އޭނަގެ އަމިއްލަ ދަރިއެއް ފަދައިންނެވެ. ކުޑައިރުއްސުރެ ފެށިގެން އަބާނާއި ސައިފް އުޅުނީ އެކުގައެވެ.

"މަރިއްތަ! ހާދަ ސާމާނެއް ގަނެލައިގެން" އަބާން ބުނެލިއެވެ.

"އާނ. ސައިފްގެ ބައްޕަގެ އާއިލާ މީހުންތަކެއް މިރޭ ކެއުމުގައި ބައިވެރިވާތީ ކައްކާލަންވެގެން. ރަނގަޅުތަ؟ ހާދަ ދުވަހެކޭ ނުފެންނަތާ" މަރިޔަމް ވާހަކަދެއްކިއެވެ.

"ނަސީބެއްނު މަރުވުމުގެ ކުރިން ފެނުނުކަން. ދޯ. އަދި އަންނާނަން އެއްދުވަހަކުން ސައިފްއާއެކު" ހީލަމުން އަބާން ބުނެލިއެވެ.

"މަންމަ. މިތަނުގަތަ. ބައްޕަ އެބަ ހޯދާ" ސައިފް ބުނެލިއެވެ. މަރިޔަމް ހީލާފައި ހިނގައިގަތުމުން ސައިފް އަބާންގެ ސައިކަލް ފަހަތަށް އަރާ އިށީނެވެ.

"ބައްޕަ ނުވެސް ނެތް ގެޔަކު. މަށަށް އިނގޭ އެކަހަލަ ދޮގެއް ނަހަދައިފިއްޔާ މަންމަ ނުދާނެކަން. އަބީ އާ ޖެހިއްޖިއްޔާ މަންމަގެ ވާހަކަތައް ހުހެއްނުވާނެ" މަޖާވެފައި ސައިފް ބުނެލިއެވެ. އަބާން ކައިރިއަށް ހިނިއައެވެ.

***

ގެއަށް ބޭނުންވާ ސާމާނުތަކެއްގެ ކޯޓޭޝަން ނަގައިގެން ފިހާރައިން ނިކުމެ ސައިކަލަށް އަރާ ދުއްވައިލުމުން އަބާން ވާހަކަދައްކަން ފެށިއެވެ.

"އަބަދުވެސް ކޮންމެސް އެއްތަނަކަށް ސައިފް ވާނެ ލާރިތަކެއް ދައްކަން" އަބާން ބުނެލިއެވެ. ސައިފް ކައިރިއަށް ހިނިއައެވެ. އޭނާ ސްކީމަށް އެއްޗެހި ނެގުމަކީ އަބާން އެއްގޮތަކަށްވެސް ހިތްހަމަޖެހޭ ކަމެއްނޫނެވެ.

"މި ވަރަށް މުހިންމު. މަންމަގެ އުފަންދުވަހުގެ ހަދިޔާއަކަށް ފަހާފޮށްޓެއް ދޭނަމޭ ކިޔަތާ ކޮންދުވަހެއް. އަހަރެންގެ މުސާރައިން މާބޮޑު އެއްޗެއް ނުކަނޑާނެ. އޮންލީ ޓޫ ތައުޒަންޑް" ސައިފް ބުނެލިއެވެ.

"މާބޮޑު އެއްޗެއް ނޫން. މީގެ ދެދުވަސް ކުރިން އަހަރެން ކައިރީގަ ބުނީ މުސާރަ ކުޑަ ކުރި ވާހަކަ" އަބާން ބުނެލިއެވެ.

"ހެހެހެ... އެހެންވާނެ" ސައިފް ބުނެލިއެވެ.

"އަހަރެން މަރިއްތައަށް ތި ގިފްޓެއް ގޮތަށް ދީފާނަން. ސައިފްއަށް ލޯނެއްވެސް ދީފާނަން. ދެއްކުނު ގޮތަކަށް ދައްކާނީ. ނުދެއްކުނަސް އަހަރެން އެ ޙައްޤު ސައިފްއަށް ކަނޑައިދޭނަން. ނޫނެކޭ ނުބުނާނެ ކަމަށް ހީކުރަން. " އަބާން ބުނެލިއެވެ. ސައިފްއަށް ހިނިތުންވެވިއްޖެއެވެ. އަތުގައި އޮތް ކަރުދާސްގަަނޑު އަތުތެރޭގައި ބޮނޑިކޮށްލެވިއްޖެއެވެ. އަބާން ހުށައެޅި ހުށަހެޅުން އޭނާއަށް ކަމުދިޔައެވެ.

***

އެނދުގައި ލެޕްޓޮޕް ހިފައިގެން މަސައްކަތެއް ކުރަން އިން އަބާން ލެޕްޓޮޕް ނިއްވާލާފައި އެނދުގައި ދިމާ ސީދަލަށް އޮށޯވެލިއެވެ. ސައިފް ދެއްކި ވާހަކަތަކާމެދު އޭނާއަށް ވިސްނެން ފެށިއްޖެއެވެ.

"ހައު ޑެއަރ ޝީ...؟" ކުއްލިއަކަށް ތެދުވަމުން އަބާން ބުނެލިއެވެ.

މެންދުރު ކާން އިން ވަގުތު ސައިފް އާ ދެކެވުނު ވާހަކަތައް އޭނާގެ ހަނދާނަށް އަންނަން ފެށިއެވެ.

***

އެގާރަގަޑިއިރު ކުރި

"އަހަރެން ކައިރީގަ އޭނަ ބުނީ އަބީއަކީ މުސްލިމެއްހޯ" ކެފޭއަށް ވަދެގެން ގޮސް ދެ އެކުވެރިން އިށީނީ ހިޔާނުކޮށް ހުރި ބައިގައެވެ. ސައިފް އެހެން ބުނުމާއެކު އަބާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

"ވަޓް؟ ކާކު އެހެން ބުނީ" އަބާން ބުނެލިއެވެ.

"އޭނައެއްނު. އެއްވެސް މީހަކާ ދިމާވިތަ؟" ސައިފް ބުނެލިއެވެ. އަބާން ވިސްނައިލިއެވެ. އަނާރް މަތިން ހަނދާންވެފައިވެސް އިނގުނު ކަމަށް ހަދަން އޭނާ ބޭނުންނުވިއެވެ. އެއްވެސް އަންހެންކުއްޖެއްގެ ވާހަކަދައްކަން އޭނާ ބޭނުންނުވާ ކަހަލައެވެ.

"ނުވޭ" ފަރުވާކުޑަ ގޮތަކަށް އަބާން ބުނެލިއެވެ.

"ޔަޤީންތަ؟ އެކަމަކު އޭނަ ބުނި. ސަލާމަށް އަތް ދިއްކޮށްލީމަ އަޅައެއްނުލިއޭ. އެހެންވެ އަބީ ތީ މުސްލިމެއް ކަމާމެދު ތިމަންނައަށް ޝައްކުވެއްޖޭ" ސައިފް ވާހަކަދެއްކިއެވެ.

"އަޅާނުލާ. އޭނަގެ ވާހަކަދައްކާނެ ކަމެއްނެތް. ސައިފް ކީއްކުރަން އޭނާ އާ ބައްދަލުކުރީ؟" އަބާންގެ އަޑުގައި ވަނީ ފޫހިކަމެވެ.

"އެއީ ޝާނާގެ ބެސްޓްފްރެންޑްގެ ތިމާގެ ކުއްޖެއް. މިއަދު ގެއިން ބައްދަލުވީ. އަހަރެން ފެނުނީމަ ފާޑަކަށް ބަލަބަަލާފަ އެންމެފަހުން ހަނދާންވެގެން ވާހަކަދެއްކީ. އަބީގެ ވާހަކަ ވަރަށް ދެއްކި. އައި ތިންކް ޝީ ލައިކްސް ޔޫ" ސައިފް ވާހަކަދެއްކިއެވެ. އަބާން އެއްވެސް ބަހެއް ނުކިޔާ އިނަސް އަނާރް އޭނަ އާ ބެހޭގޮތުން އޮޅުންފިލުވިކަން އިނގުމުން ހިތަށް ގޮތެއްވިއެވެ.

"އަސްލު ބުނެބަލަ؟ އަބީ ކީއްވެތަ އޭނަ އާ ވާހަކަނުދައްކަނީ؟" ސައިފް އަހައިލިއެވެ.

"ދެން ނޭނގެ. ސައިފް ކޮންވާހަކައެއް ތިފެށީ. ސައިފް ބުނެބަލަ އަހަރެންނަކީ މުސްލިމެއް ނޫންތަ؟" އަބާން އެސުވާލު އަމާޒުކުރީ ސައިފްއާއެވެ.

"މަށެއް ނޫން އެހެން ބުނީ. އޭނަ" ސައިފް ބުނެލިއެވެ.

"އޭނަ ވާހަކަނުދައްކަބަލަ. އިނގޭތަ އެއްކަލަ އެއްޗަށް މިހާރު އޯޑަރ ޖަހާފަ އިންނާނީ. ދުވަސްނަގާނެ އަންނަން" އަބާން ވާހަކަދެއްކިއެވެ. ގަސްތުގައި އޭނާ ވާހަކައިގެ މިސްރާބު ބަދަލުކުރީކަން ސައިފްއަށް އިނގުނެވެ.

***

އަނާރާއި މެދު މާބޮޑަށް ވިސްނެން ފެށުމުން އަބާން ފުންމައިގެން އެނދުން ތެދުވިއެވެ. އޭނާ ކޮޓަރީގައި ދެކޮޅަށް ހިނގަން ފެށިއެވެ. ހިތް ބޭނުންނުވިޔަސް އެ އަންހެންކުއްޖާ ހިތުން ނެރެލަން އޭނާއަށް އުނދަގުވެއްޖެއެވެ.

"މިދުނިޔޭގަ ތެދުވެރި އޯގާތެރި ހުރީ އެންމެ ދެ އަންހެނުން. އެއި މަންމަ އާ ޝުބް. ބޭކާރު ކަންތައްތަކާ ނުވިސްނާ އަބާން" އެނދުގައި އިށީނދެފައި އަމިއްލަ ހިތަށް ވިސްނައިދެމުން އަބާން ބުނެލިއެވެ.

***

ބަދިގޭ ހުރިހާ މަސައްކަތެއް ނިންމާފައި އުމެއިރާ ސިޓިންގްރޫމަށް ނިކުތީ ބައްދަލުވުމަށް ދާން ހަމަޖެހިފައި އޮތް ގަޑި ކައިރިވާތީއެވެ. ސޯފާމަތީގައި ހިއްކާފައި ގެނެސްފައި ހުރި އަންނައުނުތައް ލޮލުގައި އަޅައިގަތުމުން އެދިމާލަށް ދިޔައެވެ. ދެދަރިންގެ އެއްޗެހިތައް ވަކިކޮށްލާފައި ނިކަން އަވަހަށް ފަތްޖަހައިލިއެވެ. ބާރު ހިނގުމުގައި އެންމެ ފުރަތަމަ ގޮސް މަޑުކޮށްލީ ދެ އަންހެން ދަރީންގެ ކޮޓަރި ދޮރުމަތީގައެވެ. ދޮރުގައި ޓަކިޖަހައިލުމެއްނެތި އޭނާ ދޮރުހުޅުވާލާފައި އެތެރެއަށް ވަނެވެ. ދިމާލަށް ހުރި އެކަކަށް އޮވެވޭ އެނދުގައި ނިދާފައި އޮތް ދަރިފުޅަށް ބަލާލާފައި ދެއަތަކަށް ބޯހޫރާލައިފިއެވެ. އަތުގައި ހުރި ހެދުންތައް އަލާމާރީގައި ބެހެއްޓުމަށްފަހު އެނދާއި ދިމާލަށް ހިނގައިގަތެވެ.

"ދަރިފުޅާ! އަރޫ...!" އަނާރްގެ މަގަތުން އިށީންނަމުން ލޯތްބާއެކު ގޮވައިލިއެވެ. ކަންނެތް ގޮތަކަށް ދެލޯ ހުޅުވާލާފައި އަނާރް ލޯމަރައިލިއެވެ. އޭނާ ހޭލަން ބޭނުންނުވާ ކަހަލައެވެ. އިތުރަށް ކަންނޭލުގައި ބައްދައިފިއެވެ. އަނާރްގެ އެ އަމަލުން އުމެއިރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"މާމައަށް ހީވަނީ ރާއްޖެ އައިފަހުން ދަރިފުޅު މާބޮޑަށް ކަންނެތް ވެއްޖެހެން. މިހާރު އެއޮށް ދެގަޑި ބައި ވަނީ. ފަތިހު ކޮފީތަށި ބުއިފަހުން އަދި ކާއެއްޗެއް ނުކައި. ނިދުން ނޫން ކަމެއް ނުކުރޭ" އުމެއިރާ ޝަކުވާ ކޮށްލިއެވެ. އެހެންނަމަވެސް އޭނާގެ އަޑުގައި ވަނީ ލޯތްބާ އަޅާލުމެވެ.

"ޔަޤީން މެންދުރު ނަމާދުވެސް އަދި ނުކުރޭ. މާމަ ބުނަމެއްނު ތިގޮތަށް ކަންތައް ނުކުރާށޭ ދަރިފުޅުމެން ކައިރީގަ" އުމެއިރާ ބުނެލިއެވެ. އަނާރް އެއްލޯ ކުޑަކޮށް ހުޅުވާލާފައި މާމައަށް ބަލައިލިއެވެ. އޭނާ ނިދި ފިލާފައި އޮތްތާ ކިތަންމެ އިރެކެވެ. އުމެއިރާ ނުވިސްނާ އިން ވަގުތު އުނގުގައި ބޯއަޅައިފިއެވެ.

"ނަމާދަށް ނޭރެއޭ މާމާ" އަނާރް ބުނެލިއެވެ.

"ދެން ކުރާނެ އެހެންކަމެއް ނެތީމަ ނިދޭނެއްނު. އަހަރެން އައިމަ ޝެޒް ވެސް ޗުއްޓީ ނެގިނަމަ. ހެނދުނު ދާ މީހާ ގެއަށް އައިސް އެ ވަންނަނީ އިރުއޮށްސެން ކައިރިވީމަ. އިޝާނަމާދަށްފަހު ގިނަ ފަހަރަށް މުސައްލަ މަތިން ނުފޭބެނީސް މީހާއަށް ނިދޭ. ދެން މާމަ ބުނެބަލަ އަހަރެން ފޫހިވާނެވަރު. މިހާރު ބޭނުމީ ދާން" އަނާރް ވާހަކަދެއްކިއެވެ.

"މާމަ އާ ޝެޒް އެއްކޮށް ވަޒީފާއަށް ދިޔައިމަ އަހަރެން ކިރިޔާ ހުންނަނީ މޮޔަނުވެ. ހިތަށްއަރާ އަވަހަށް ދާންވީއޭ ވެސް" އަނާރް ވާހަކަަދެއްކިއެވެ.

"އެހާ އަވަހަށް ދާ ވާހަކަ މިހާރު ތިދައްކަނީ. ދަރިފުޅު ކައިރީގަ މިކޮޅަށް އަންނާށޭ ބުނީ މާމަ ހާދަ ދެކިލާހިތުންނޭ. ޝެޒްގެ ވާހަކަނުދައްކާ. ގިނަފަހަރަށް މާމައަށް އެމަންޖެގެ ދެލޯވެސް ނުފެނޭ ރަނގަޅަށް. ދަރިފުޅު ފުރައިގެން ދިޔައިމަ މާމަވެސް މޮޔަވާނީނު" އަނާރްގެ އިސްތަށިގަނޑުގައި ފިރުމަމުން އުމެއިރާ ވާހަކަދެއްކިއެވެ.

"ދެން ދޭ ކާން. މާމަ ހުންނާނީ ދެކުދިންނަށް ވީ ކާއެއްޗެހި މޭޒުމައްޗަށް ނަގާފަ. މާމަ މިދަނީ ސްކޫލުގަ އޮތް ބައްދަލުވުމަކަށް ދާން. މިއަދު ދަރިވަރުންނަށް އޮތް ޤުރުޢާން ޓެސްޓްވެސް ކެންސަލް ކުރަން ޖެހިގެން މާމަ މިހުންނަނީ ނުލާހިކު ކަންބޮޑުވެފަ" އުމެއިރާ ވާހަކަދެއްކިއެވެ.

"އެ ކީއްވެ ކެންސަލްކުރީ" ބޯހިއްލާލާފައި އަނާރް އަހައިލިއެވެ.

"އެއީ ޕްރިންސިޕަލް އެދިލެއްވީމަ. ހޫން. ދެން މާ ވާހަކަ ގިނަނުކޮށް ތެދުވޭ" އަނާރްގެ ބޯ ހިއްލާލާފައި އެނދުން ތެދުވަމުން އުމެއިރާ ބުނެލިއެވެ.

ޝެޒާއާއި އަނާރަކީ ދެބެންގެދެދަރި ދެކުދިންނެވެ. އުމެއިރާ ޒުވާން އުމުރުގައި ކުރި ކައިވެންޏަށް ލިބުނު ލިބުނު ދެ އަންހެންދަރީން ޝަޒީނާއާއި ޝަޒްނާ މިދުނިޔެއަށް އަލްވަދާއު ކިއީ ދެ އަންހެންދަރީން ދުނިޔެއަށް އުފަންކުރުމުގެ ތެރޭގައެވެ. އެހިސާބުން އަނާރާއި ޝެޒާގެ ބައްޕަގެ ފަރާތުންވެސް އުމެއިރާއަށް މާބޮޑު އަޅާލުމެއް ނުލިބުނެވެ. އުމެއިރާގެ އަތަށް ދެދަރީން ދޫކޮށްލުމަށްފަހު ރައްކާވީއެވެ. އަދިވެސް ވީތަނެއް ނޭނގެއެވެ. އެކަން ވެގެން ދިޔައީ އުމެއިރާގެ ހިތް އިތުރަށް ޒަޙަމްވެގެންދިޔަ ކަމަކަށެވެ. ތުއްތު ދެދަރިން ބޮޑުކުރާނެ ގޮތަކާއިމެދި ތާ އަބަދު އޭނާ ވިސްނަން މަޖުބޫރުވިއެވެ. ހެއްދެވިފަރާތުން އޭނާ އާ ކުރިމަތިކުރުވި އިމްތިހާނެއް ކަމަށް ބަލާފައި އޭނާ ހުރިހާ ކަމަކާ ހެއްދެވިފަރާތާ ވަކީލުކުރިއެވެ.

ފިރިމީހާ ނެތުމުގެ ހިތްދަތިކަމުގައި ދުވަސްތައް ހޭދަކުރަމުން ދިޔަސް އުމެއިރާ ދެ މާމަދަރިން ބަލައި ބޮޑުކުރީ އިންތިހާދަރަޖައަށް ލޯބި ދީގެންނެވެ. ދެ ދަރީންނަކީ އޭނާގެ މުޅި ދުނިޔެއެއެވެ. ޤާރީ ކޯހެއްގައި ބައިވެރިވެ ދެ ދަރިން ބަލަން އޭނާއަށް އުނދަގުވިޔަސް ގިނަފަހަރަށް ކްލާސްތަކަށް ދިޔައީ ދެ ދަރީން ގޮވައިގެންނެވެ. ކޯސް ހިންގާ ފަރާތުންނާއި ކޯހުގެ ބައިވެރިންގެ ފަރާތުން އުމެއިރާއަށް ލިބުނު އެއްބާރުލުމުގެ ނަތީޖާއަކަށް ވީ އޭނާއަށް ސަރުކާރުގެ ސްކޫލަކުން ޤުރުޢާން ޓީޗަރެއްގެ ވަޒީފާ ހަމަޖެހިގެން ދިޔުމެވެ. އެވަޒީފާގައި އޭނާ ދެމިހުންނަތާ ފަނަރަ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އުމުރުން ދޮށި ނަމަވެސް އޭނާގެ މޫނުމަތީގައި އަދިވެސް ވަނީ ޒުވާންކަމެވެ. އެކަމުގެ ސިއްރަކީ އޭނާގެ ހިތުގައިވާ އީމާންތެރިކަމާއި އަޤީދާގެ ވަރުގަދަކަމެވެ.

ފުރާވަރަށް އެރުމާއެކު އަނާރް ރާއްޖެއިން ބޭރަށް ކިޔަވަން ފޮނުވީ އޭނާއަށް ސަރުކާރުން ލިބުނު ސްކޮލަރޝިޕެއްގެ ދަށުންނެވެ. ޝެޒާ ޚިޔާރުކުރީ މާލޭގައި ހުންނާށެވެ. ރާއްޖޭގައި ހިންގާ މަޝްހޫރު ރިސޯޓެއްގެ މާލޭ އޮފީހުގައި ޝެޒާ މަސައްކަތްކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. ދެ އަންހެންދަރީން ވެސް ތަރުބިއްޔަތު ކޮށްފައިވަނީ އިސްލާމްދީނުގެ ރިވެތި އަބަދުތަކުގެ ތެރޭގައެވެ. ދީނަށް އޮތް ލޯތްބާ އިންސާނަކަށް ވީތީ ކޮންމެ މީހަކަށްވެސް އިހުތިރާމާ ޤަދަރު ދޭން އުމެއިރާ ދެކުދިންނަށް ދަސްކޮށްދިނެވެ. މިހާރު އުމެއިރާ ވިސްނަމުން ދަނީ އެންމެ ކަމަކާއެވެ. ދެކުދިންގެ ކައިވެނި ކުރެވި ފިރިމީހާގެ ބެލުމުގެ ދަށަށް ދާފަހުން އޭނާ އެކަނިވެރިވާނެވަރު މިހާރު އޭނާއަށް އިހުސާސް ކުރެވެން ފަށައިފިއެވެ.

***

މާލޭފަސްގަނޑުގައި ފައިޖެހުމާއެކު ނިޝާނާއާއި ސަމީރު އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ. އެދެމަފިރިންނަށް މާލެ އާދެވުނީ ފަސްއަހަރަށް ފަހުގައެވެ. ކައިވެންޏަށް ސޯޅައަހަރު ވިއިރު ދަރިއަކު ހޯދުމަށް ދެމަފިރިން ކުރި މަސައްކަތުން ބަލިވެއިން ފުރަތަމަފަހަރު ކަމަށްވާތީ ރަނގަޅު ޑޮކްޓަރަކަށް ދެއްކުމަށް މާލެއައީ ސަމީރަށް ބޮޑުބޭބެކިޔާ އަންހެންކޮއްކޮވެސް ގޮވައިގެންނެވެ.

"ވަރަށް ގުޅައިފިން އުންމިއްތައަށް. ފޯނެއް ނުނަގާ" ކައިރީގައި އައިސް ހުއްޓުނު އަންހެންކުއްޖާ ވާހަކަދެއްކިއެވެ.

"ދެން ކިހިނެއްހަދާނީ؟ ކިހިނެއް އެގެއަށް ދާނީ" ނިޝާނާ ކަންބޮޑުވިއެވެ. މާލޭގައި ހިނގާ އުޅުމަކީ އޭނާއަށް ކުރަން އިނގޭކަމެއް ނޫނެވެ.

"ޒައި އަތުގަ ނެތްތަ އެގޭ އެހެން މީހެއްގެ ނަންބަރ" ނިޝާނާ ކައިރީގައި ހުރި ޒައިނާއަށް ބުނެލިއެވެ.

"މަޑުކޮށްބަލަ. ކަންބޮޑުނުވެބަލަ. ނަސީމްބެ އާއޭ މިވާހަކަދެއްކީ. ބުނެފި އުންމިއްތަ ވީ ވަޒީފާއަށް ގޮހޭ. އަބާންވެސް ގޭގަ ނުހުންނާނޭ. ޓެކްސީއެއްގަ ގެއަށް ދާށޭ" ދެ އަންހެންކުދިން މެދުގައި ހުއްޓެމުން ނަސީމް ބުނެލިއެވެ.

"ދެން އެހެންވިއްޔާ ހިނގާދާން. މިހާރުވެސް މިތަނުން ދުވާ ވަހުން އަހަރެންގެ މޭނުބައިކުރާ ގޮތް އެބަވޭ" ނިޝާނާ ބުނެލިއެވެ.

"އަސްލު އާދެވޭނެކަމަށް އެގޭ މީހުން ކައިރީގަ ބުނި ގަޑިއަށް ވުރެ މާކުރިން ލޯންޗު އައީ" މަގުމަތިން ދާ ޓެކްސީތަކަށް އަތްނަގަން ހުރި ސަމީރު ވާހަކަދެއްކިއެވެ.

***

ރޭގަނޑުގެ ވަގުތެވެ. ސިޓިންރޫމުގައި ޝެޒާއާއި އަނާރް ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމެއް ބަލަން ތިއްބެވެ. އުމެއިރާއަށް އެތަނަށް އާދެވުނުއިރު ދެދަރީން ޝައުޤުވެރިކަމާއެކު ބަލަން އިން ޕްރޮގްރާމް ނިމުމަކާ ކައިރިވެއްޖެއެވެ. ޝެޒާއަށް ފޯނެއް އަންނަން ފެށުމުން އޭނާ ތެދުވެގެން ހިނގައިގަތެވެ. އެމަންޒަރު ފެނުމުން އުމެއިރާއަށް ބަލައިލާފައި އަނާރް ހީލައިފިއެވެ.

"ޔަޤީން ޝެޒް ކަމެއް ކުރާކަން" އުނގުމައްޗަށް ކުޝަން އަރުވަމުން އަނާރް ބުނެލިއެވެ.

"މާމައަށްވެސް ހީވޭ ތިކަހަލަ އެއްޗެއް" އުމެއިރާ ބުނެލިއެވެ.

"ދަރިފުޅު ނުވިސްނަންތަ އެކަހަލަ ކަމަކާ މެދު" އުމެއިރާ އަހައިލިއެވެ. ވަގުތުން އަނާރްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އަބާންގެ ހިތްގައިމު ތަސްވީރު އޭނާގެ ހިތުގައި ކުރަހާލެވިއްޖެއެވެ. އަބާންގެ ހަރުކަށިކަން ހަނދާންވުމާއެކު އެ ހިނިތުންވުން އިތުރަށް ފުޅާވެއްޖެއެވެ.

"ހާދަ ފާޑަކަށް ތި ހީލީ" އަނާރްގެ މޫނުމައްޗަށް ވެރިވި ކުލަވަރު ދިރާސާ ކުރަމުން އުމެއިރާ ވާހަކަދެއްކިއެވެ.

"އެކަހަލަ ކަމެއްނެތް. އަހަރެންގެ ހަޔާތަށް ޙާއްސަ މީހަކު އައިއްޔާ އެންމެ ފުރަތަމަވެސް ބުނާނީ މާމަ ކައިރީގަ" ހީލަމުން އަނާރް ބުނެލިއެވެ.

***

އުންމީދާއަށް ގެއަށް އާދެވުނުއިރު ހަވީރު ވެއްޖެއެވެ. އޭރު އަބާނާއި ނަސީމް ގެއަށް ނާދޭއެވެ. ނިޝާނާގެ ދެމަފިރިންނާއި ޒައިނާ ދަތުރު ވަރުބަލިކަމާއެކު އެމީހަކަށް ހަމަޖެހުނު ކޮޓަރީގައި ނިދާފައި ތިއްބެވެ. ކޮޓަރިއަށް ވަންގޮތަށް ފެންވަރާ ނަމާދުކޮށް ހަދައިގެން އުންމީދާ ބޭރަށް ނިކުތްއިރު ސިޓިންރޫމަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އެހެން ދުވަސްދުވަހު ހަވީރު ޓީވީ ބަލަން އިންނަ ޝުބާ ފެންނަން ނެތުމުން ބަދިގެއަށް ދިޔުމުގެ ބަދަލުގައި އޭނާ މިސްރާބުޖެހީ ޝުބާގެ ކޮޓަރިއަށެވެ.

ތަޅުގައި ހިފާ އަނބުރައިލުމާއެކު އެތެރެއަށް ދޮރު ހުޅުވިގެން ދިޔައެވެ. ދިމާލަށް ހުރި ބޮޑު އެނދުމަތީގައި ނިދިފައި އޮތް ޝުބާގެ ބަނޑުމަތީގައި އޭނާ ކިޔަވަން ގެންގުޅުނު ފޮތް އޮތެވެ. ގަލަންތަކާއި ކަލްކިޔުލައިޓަރ ގެ އިތުރުން ޕާސްޓްޕޭޕަރުތައްވެސް އެނދުމަތީގައި ތަރުތީބެއްނެތި ހުއްޓެވެ. ޝުބާއަށް ނިދިފައި އެވަނީ އޭނަ ފިލާވަޅުތައް ދަސްކުރުމުގައި އިންދާކަން އުންމީދާއަށް އިނގުނެވެ. އެނދު ކައިރިއަށް ގޮސް އޭނާ ޝުބާއަށް ގޮވައިލިއެވެ.

"ނަމާދުކޮށްގެންތަ ތިއޮތީ؟" ޝުބާއަށް ހޭލެވިއްޖެކަން އިނގުމާއެކު އުންމީދާ އަހައިފިއެވެ.

"އަދި ނުކުރަން. ނިދުނީ" ބާލީސްމަތިން ތެދުވެ ބަނޑުމަތީގައި އޮތް ފޮތް އެއްކައިރިކޮށްލަމުން ޝުބާ ބުނެލިއެވެ.

"މެންދުރު ކެއިންތަ؟" އަނެއްކާވެސް އުންމީދާ ސުވާލު ކުރިއެވެ. ޝުބާ ބޯޖަހައިލިއެވެ.

"ހިނގާބަލަ މަންމަ އާ އެއްކޮށް މިރެއަށް ރަނގަޅު ކާއެއްޗެއް ތައްޔާރުކޮށްލަން ބަދިގެއަށް. ގެއަށް މެހްމާނުންތަކެއް އައިކަން އިނގޭތަ؟" އުންމީދާ ވާހަކަދެއްކިއެވެ.

"އިނގޭ. އަޅުގަނޑު ސްކޫލުން އައި ގަޑީގަ ބައްދަލުވި. މަންމަ ދޭ. މިދަނީ ނަމާދުކޮށްލައިގެން" ޝުބާ ބުނެލިއެވެ. ހަވީރުގެ ޒިކުރުތައް ކިޔަމުން އުންމީދާ ކޮަޓަރިން ނިކުމެ ބަދިގެއާ ދިމާލަށް ހިނގައިގަތެވެ.

***

ކޮޓަރިން ނިކުތްގޮތަށް ވުޟޫކޮށްގެން އަބާން ނިކުތީ ގޭ ކައިރި މިސްކިތަށް ދިޔުމަށެވެ. ވަޒީފާގައި ކިތަންމެ ބުރަ ނަމަވެސް ގަޑިއަށް ނަމާދު ކުރުމަކީ އަބާންގެ ހުންނަ އެންމެ ރަނގަޅު އެއް ސިފައެވެ. ގަޑިއަށް ނުކުރެވުނަސް ވަގުތުފާއިތު ނުވަނީސް އެނަމާދު ކުރުމަކީ އޭނާ އެންމެ އިސްކަންދޭ ކަންތަކެވެ. އުމުރުން ދިހަ އަހަރުން ފެށިގެން އޭނާ ނަމާދުނުކޮށް ހުންނަ ހަނދާނެއް ނުވެއެވެ. ގޭތެރޭގައި ނަމާދު ކުރުމުގެ ބަދަލުގައި އަބަދުވެސް އޭނާ ލޯބިކުރަނީ މިސްކިތުގައި ނަމާދުކުރުމެވެ.

ރޭގަނޑުގެ ސުފުރާމަތިން ހުރިހާ މީހުން ބައްދަލުވިއެވެ. މޭޒުކައިރިއަށް އެންމެފަހުން އާދެވުނީ އަބާނަށެވެ. ސައިފް އާއެކު ބޭރުން ކެއުން ހަމަޖެހިފައި ވަނިކޮށް އެކަން ކެންސަލް ކުރީ އުންމީދާގެ އެދުމުގެ މަތިންނެވެ. މެހްމާނުންނާ ބައްދަލުކުރަން އެދުމުންނެވެ.

"އަލްޙަމްދުލިﷲ. ދެން ވަރަށް ބަލައިގެން އުޅެންވާނީ. އުމުރުން 38 އަހަރުގަ ފުރަތަމަ ދަރިފުޅު ލިބެން ތިއުޅެނީ. އެހެންވީމަވެސް އިތުރަށް ސަމާލުކަންދޭންޖެހޭނެ" އުންމީދާ ވާހަކަދެއްކީ އެތަނުގައި އިން ނިޝާނާއާއެވެ. ނިޝާނާގެ ކައިރީގައި އިން ޒައިނާ ގިނައިރު ބަލަން އިންނަނީ އަބާނަށެވެ. އެކަން އިނގޭތީ އެއްފަހަރު ޒައިނާއަށް ބަލައިލާފައި އަބާން ހީވެސްލައިފިއެވެ.

"ޒައި ފެނުނީމަ އުންމިއްތަ ސާދުނާ މަތިން ވަރަށް ހަނދާންވޭ. ހަދަ ވައްތަރޭ ސާދު އާ. ހީވަނީ ހަމަ އެކަކުހެން" ކައިރީގައި އިން ޒައިނާއަށް ބަލައިލާފައި އުންމީދާ ވާހަކަދެއްކިއެވެ.

(ނުނިމޭ)