އަންނަ މަހުވެސް އިނގިރޭސިވިލާތުގެ އެއްވެސް ކުޅިވަރެއް ބެލުމަށް ސަޕޯޓަރުން ނުވައްދާނެ ކަމަށް ޕްރައިމް މިނިސްޓަރު ބޮރިސް ޖޯންސަން އިއުލާންކުރައްވައިފިއެވެ.
ކޮވިޑް 19އާ ގުޅިގެން އިނގިރޭސިވިލާތުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން އެއްވެސް ކުޅިވަރެއް ބެލުމަށް މީހުން ޖަމާ ނުކުރުމަށާއި، އެއްވެސް ސްޓޭޑިއަމްއަކަށް ސަޕޯޓަރުން ނުވައްދަން ވަނީ ނިންމައިފައެވެ. އެ ފިޔަވަޅުތަކަށް ލުއިދީ، އަންނަމަހު އެކަކުން ފެށިގެން ސަޕޯޓަރުން ވެއްދުމަށް ޕްރިމިއާ ލީގުންވެސް ކުރިން ތައްޔާރުވެފައިވީ ނަމަވެސް، މިއަދު ބޮރިސް އިއުލާން ކުރެއްވީ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައިވާ ކަމަށެވެ.
"އެނގިފައިވާ ގޮތުގައި މިހާރު ވައިރަސް ފެތުރެމުންދާ ރޭޓަށް ބަލާއިރު، އެއްވެސް އެއްވުމަކަށް، އަދި ކުޅިވަރު އިވެންޓަކަށް މީހުން ޖަމާވާން ފުރުސަތު ދެވޭކަށް ނެތް،" ބޮރިސް ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރަސް އެލާޓް ލެވެލް ހަތަރަކަށް އަނެއްކާވެސް ގޮސްފައިވާކަމަށް މިއަދު ބޮރިސް އިއުލާން ކުރައްވާފައިވާ އިރު، އޭނާ އިތުރަށް ވިދާޅުވީ ކުޅިވަރުގެ މުހިއްމުކަން އެނގޭ ނަމަވެސް، އިތުރަށް ލުއި ދެވެން މިވަގުތަށް ނެތް ކަމަށެވެ. އަދި މިވަގުތު އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އިތުރު ހަމަހަށް ދެމިގެންދާނެ ކަމަށްވެސް ބޮރިސް ފާހަގަކުރެއްވިއެވެ.
ލީގު މެޗުތަަކަށް ސަޕޯޓަރުން ވެއްދުމުގެ ޕައިލެޓް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވީ ކޮންމެ މެޗަކަށް 1000 މީހުން ވައްދައިގެންނެވެ. އަންނަ އަންގާރަ ދުވަހު ޕްރިމިއާޝިޕްގައި ބާތު އާއި ގްލުކޮސްޓާ ކުޅޭ މެޗަށް ކުރިން ހަމަޖެހިފައި އޮތް ގޮތުން 1000 މީހުން ވެއްދުމަށް ދިޔައީ ތައްޔާރުވަމުންނެވެ. އެހެންނަމަވެސް މިއަދުގެ ފިޔަވަޅުތަކާއެކު އެ މެޗުވެސް ދެން ކުޅޭނީ ސަޕޯޓަރުން ނުވައްދައެވެ.
ކޮވިޑާ ގުޅިގެން އިނގިރޭސިވިލާތުގެ ހުރިހާ ކުޅިވަރެއް ކަހަލަ ގޮތަކަށް ކުޅެމުންދަނީ ސަޕޯޓަރަކު ނުލައެވެ. އެފްއޭ ކަޕާއި ޕްރިމިއާ ލީގުގެ އިތުރުން އިންގްލެންޑްގެ ޓެސްޓް ކްރިކެޓް މެޗުތަކާއި ފޯމިއުލާ ވަން ދެ ރޭހެއްވެސް މިހާރު ވަނީ ސަޕޯޓަރުންނާ ނުލައި ކުރިއަށް ގެންގޮސްފައެވެ.
ކުޅިވަރުގެ އެކިއެކި ޖަމާއަތްތަކާއި ކްލަބުތަކުން ސަރުކާރުގެ އެހީއަށް އެދެމުންދާ އިރު، މިހާތަނަށް އިނގިރޭސި ކުޅިވަރުގެ ހާއްސަ އެމަޖެންސީ ކޭސްތަކަށް 200 މިލިއަން ޕައުންޑް ވަނީ އެހީގެ ގޮތުގައި ދޫކޮށްފައެވެ. މިމަހުގެ ކުރީކޮޅުގައި ޕްރިމިއާ ލީގުގެ ޗީފް، ރިޗާޑް މާސްޓާސް ވިދާޅުވެފައިވަނީ އަންނަ މަހުން ފެށިގެން ސްޕޯޓަރުން ނުވައްދާ ސީޒަން ކުޅެން ޖެހިއްޖެ ނަމަ، 21-2020 ވަނަ އަހަރު ސީޒަންގައި ކޮންމެ ކްލަބަކަށް ގާތްގަނޑަކަށް 700 މިލިއަން ޕައުންޑް ގެއްލުން ވާނެ ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު