ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 04

ހަތަރުވަނަ ބައި

"މާތްﷲ މަޔޫރާގެ ފާފަތައް ފުއްސަވާ އޭނާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވާށި... އާމިން...." ކަރުނަތަކުން ދެލޯ ފުރިފައިވި ހާލު އަބާން މަޔޫރާގެ މައްޗަށް ހެޔޮ ދުޢާ ކޮށްލިއެވެ.

"މަންމާ! ބައްޕާ! އަޅުގަނޑު މަޔޫރާއާ ކައިވެނި ކުރިފަހުން އަދި މާގިނަ ދުވަހެއް ނުވެއެއްނު. އަޅުގަނޑުމެންގެ ދެމީހުންގެ މެދުގައި ދެމަފިރިއެއްގެ މެދުގައި އޮންނަންޖެހޭ އެއްވެސް ގުޅުމެއް ނޯވޭ. ކައިވެނީގެ ކުރިންވެސް ކައިވެންޏަށް ފަހުވެސް މަޔޫރާ އައީ އަޅުގަނޑާއި ދުރުކަމެއް ބަހައްޓަމުން. އެކަމަކު މަޔޫރާ ވަރަށް ހެޔޮ. މަޔޫރާގެ އޯގާތެރި ބަސްތަކުން އަޅުގަނޑު އައީ ހިތްހަމަޖައްސަމުން. އެކަމަކު އެގޮތަށް މަޔޫރާ ކަންތައް ކުރާތީ އަޅުގަނޑު ވަރަށް ދެރަވެ މާޔޫސްވި. ވަރަށް ވިސްނިން. ކެތްތެރިކަން ކޮޅުންލީމަ ސުވާލުވެސް ކުރިން. އަޅުގަނޑު ސަބަބު ހޯދަން މަސައްކަތްކުރުމުން މަޔޫރާ ބުނީ މަންމައާއި ބައްޕައަށް ހީވެފައިވާ ގޮތަށް އޭނާގެ ބައްޔަކީ ޓީބީކަމަށް. އޭނާ އޮސްޓްރޭލިޔާގައި ކިޔަވަން ހުރިއިރު އެބަލީގެ ޝިކާރައަކަށް ވެއްޖެކަމުގައި ބުނި. ބުނީ އޭގެ ވަރަށް ނުރައްކާތެރި ސްޓޭޖެއްގައޭ. އެކޮޅުން ޑޮކްޓަރަށް ދައްކާފަ ދިން ބޭސްތަކެކޭ ކަނީ. ހީވެޔޯ މަޑުމަޑުން ރަނގަޅުވަމުން އަންނަހެން. ވަރަށް އަވަހަށް އެބަލިން ގަދަވެގެން އަޅުގަނޑާއި އެކު ވަރަށް އުފާވެރި ހަޔާތެއް ވެއަތުކުރަން ބޭނުންކަމުގައި އައީ ބުނަމުން. އޭރުވެސް އަޅުގަނޑަށް އައީ ފާހަގަކުރެވެމުން މަޔޫރާގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުތައް. އަޅުގަނޑު ވަރަށް ދުޢާ ވެސްކުރިން. އެންމެފަހުން ނިދާތަން ވެސް މަޔޫރާ ބަދަލުކުރީ. އަޅުގަނޑު އަތް ޖައްސާލިޔަވެސް ނުދޭ. އެތައް ފަހަރަކު އަޅުގަނޑު ބުނިން ހިނގާށޭ ބޭރަށް ގޮސް ރަނގަޅު ޑޮކްޓަރަކަށް ދައްކަން. މަޔޫރާ އެއްބަހެއްނުވި. އެންމެފަހުން އަޅުގަނޑު ވަރުބަލިވެގެން މަޔޫރާއާ ވާހަކަދެއްކުން ހުއްޓާލީ. މަޔޫރާ ބަހައްޓަމުން އައި ދުރުކަން ދަމަހައްޓަން އަޅުގަނޑު މަސައްކަތްކުރީ. މާގަދަޔަށް ހޮޑުލެވި ލޮލުގެ ފެނުން ގެއްލި ގައިގަ ފިއްތަކެއް ނަގަން ފެށުމުން މަޔޫރާ މިގެއިން ބަދަލުވީ އޭނާގެ މަންމަ ކައިރިއަށް. އޭގެފަހުން އަޅުގަނޑާއި ވާހަކަދައްކަނީ ހަމައެކަނި ފޯނުން. ބައްދަލުކުރަން އެއްގޮތަކަށްވެސް ބޭނުމެއްނުވި. މަޔޫރާ އާ ބައްދަލުކުރަން އެގެއަށް ދެވުނު އަދަދެއްވެސް ނޭނގެ އަޅުގަނޑަށް. މަޔޫރާ ދެކިލާހިތުން. އެކަމަކު މަޔޫރާ އަޅުގަނޑު ފެންނަ ހިސާބަށްވެސް ނުނިކުތް. މަންމަމެން ކަންބޮޑުވާނެތީ އެހުރިހާ ކަމެއް އަޅުގަނޑު ސިއްރުކުރީ. މަޔޫރާއަށް ވަމުންދާ ގޮތާއި ބެހޭގޮތުން އޭޑީކޭގައި އުޅޭ އަޅުގަނޑުގެ އެކުވެރި ޑޮކްޓަރަކާ ވާހަކަދައްކަންވެސް އުޅުނިން. އެކަމަކު ފަހުން އެޚިޔާލު ދޫކޮށްލީ. އެއީ އަނބިމީހާގެ ވާހަކަތައް އެހެން މީހަކާ ޙިއްސާކުރަން ބޭނުންނުވާތީ. އޭގެފަހުން އެއްދުވަހު މަޔޫރާގެ ބައްޕަ ގުޅާފައި ބުނީ މަޔޫރާ ގޮވައިގެން އިތުރު ފަރުވާއަށް ބޭރަށް ފުރަން އައިސް ހުރި ވާހަކަ. އަޅުގަނޑު ވީދެރައިން ފުރަތަމަ ކިޔާނެ ބަހެއްވެސް ނޭނގުނު. ހިތަށް އެރި އެހިސާބަށް ކަންތައް ދިޔައިރު އެވާހަކަ އަޅުގަނޑު ކައިރީ ބުނަން މަޔޫރާއަށް މުހިންމު ކަމަކަށް ނުވީ ކީއްވެގެންބާއޭ. އަޅުގަނޑުގެ ކުށަކީ ކޮބައިވާއޭ. އަޅުގަނޑަށް އެވަގުތު އިނގުނު ކަންތައްތައް ވަރަށް ގޯސްވެއްޖެކަން. އެހެންވެ އަޅުގަނޑު ބުނިން ފުރުމުގެ ކުރިން މަޔޫރާ ދެކިލަން ބޭނުންވާ ވާހަކަ. އެކަމު އެގޮތް މަޔޫރާ ބޭނުންނުވާކަމަށް ބައްޕަ ބުނީ. ހަމަ އެދުވަހު ލިބުނީ މަޔޫރާގެ މަންމަ ނިޔާވި ހަބަރު. އޭގެ ހަފްތާއެއް ފަހުން އަޅުގަނޑު ކޯޓުގައި އިންދަ މަޔޫރާގެ ބައްޕަ ގުޅާފައި ބުނީ ވަރަށް އަވަހަށް ހޮސްޕިޓަލަށް އައުމަށް. އަޅުގަނޑު ދިޔައިރު މަޔޫރާގެ ބައްޕަ ހުރި އެމެޖެންސީ ރޫމް ބޭރުގަ. އަޅުގަނޑު އެތެރެއަށް ވަތްއިރު މަޔޫރާ އޮތް ހާލު ފެނި އަޅުގަނޑު މޮޔަނުވީ ކިރިޔާ. އެއީ އަޅުގަނޑުގެ އަނބިމީހާ ކަމުގައި އަޅުގަނޑަށް ޝައްކުވި. ގެއިން ދިޔަ އިރަށް ވުރެ މާބޮޑުވަރުވެފަ އޮތީ. އަޅުގަނޑު ސުވާލުގެ ނަޒަރަކުން މަޔޫރާގެ ބައްޕައަށް ބަލައިލުމުން ބައްޕަ އިސްއޮބައިލީ. އަޅުގަނޑަކީ ކާކުކަން އިނގުމުން މަޔޫރާގެ ހުރިހާ މެޑިކަލް ޑޮކިޔުމަންޓްސްތަކެއް އެރީ އަޅުގަނޑުގެ އަތަށް. ޓެސްޓްގެ ނަތީޖާ ފެނުމުން އަޅުގަނޑަށް ހީވީ ބިންގަނޑު ފައިދަށުން ކެހިގެން ދިޔަހެން. ޤަބޫލެއް ނުކުރެވުނު. ދެވަނަ ފަހަރަށްވެސް ޓެސްޓްތައް ހެއްދީ. އަޅުގަނޑަށް ވީގޮތް ފެނުމުން ޑޮކްޓަރުންވެސް ޓެސްޓްތައް ރިޕީޓް ކުރަން އިންކާރެއް ނުކުރި. އެކަމަކު ނަތީޖާ ބަދަލެއްނުވި. މަންމާ! މަޔޫރާ ގެ ބައްޔަކީ އެއިޑްސް. މަޔޫރާ ވަނީ އެބަލީގެ ޝިކާރައަކަށް ވެފައި. އަޅުގަނޑު މަޔޫރާއާ މެދު ދެކެމުން އައި ނަޒަރިއްޔާތު ބަދަލުވީ އެހިސާބުން. އެދުވަހު އަޅުގަނޑަށް އިނގުނީ އިތުރު ފަރުވާއަށް މަޔޫރާ ބޭރަށް ގެންދާ ކަމަށް ބުނެ މަޔޫރާގެ ބައްޕަ ހެދީ ދޮގެއްކަން. އަޅުގަނޑަށް ފަހުން އިނގުނު ބައްޕަ އެގޮތަށް ކަންތައްކުރީ މަޔޫރާގެ އެދުމުގެ މަތިންކަން. އެކަމަކު މަޔޫރާ ނިޔާވި ޚަބަރު ލިބުމުން އަޅުގަނޑަށް ވީގޮތެއްވެސް ނޭނގުނު. ހާދަ ހާދަ ލޯތްބެއްވީމޭ މަޔޫރާ ދެކެ. އަދިވެސް އަޅުގަނޑަށް އެހަޤީޤަތް ޤަބޫލުކުރަން ދަތި. ހާދަ އިންތިޒާރެއް ކުރީމޭ އެ ލޯތްބަށް އެދި. ހާދަ އާދޭހެއްވެސް ކުރީމޭ. އަޅުގަނޑު ހާދަ ވަފާތެރިވީމޭ މަޔޫރާއަށް" އަބާންގެ އަޑު ބެދުނެވެ. އެންމެފަހު ވަގުތު އޭނާ ރޮށްވާލައިފިއެވެ. ގިސްލެވެން ފެށިއްޖެއެވެ. މަޔޫރާގެ އެ ހިތި ހަނދާންތައް އެވަގުތުކޮޅު އޭނާގެ ނަފްސު ބަލިކަށި ކޮށްލައިފިއެވެ.

އޭނާއަށް އިތުރަށް ވާހަކަތައް ކުރިއަށް ނުގެންދެވުނެވެ. އަބާންގެ ދުލުން އެ ހިތި ހަޤީޤަތް ކިޔައިދިނުމުން އުންމީދާއާއި ނަސީމް އިނީ ޝޮކެއްގައެވެ. ދެމަފިރިން ހީކޮށްގެން ތިބީ މަޔޫރާގެ ބައްޔަކީ ޓީބީ ކަމަށެވެ. އެގޮތަށް އެދެމަފިރިން ކައިރީގައި ބުނީވެސް ހުދު މަޔޫރާއެވެ. އަބާންގެ ކައިވެނި މަޔޫރާއާ ވި ފަހުން މަޔޫރާ އެއްވެސް ވަރަކަށް ކޮޓަރިން ބޭރަށް ނިކުމެއެއް ނޫޅެއެވެ. ވާހަކަދައްކާލާހިތުން އުންމީދާ އެކޮޓަރިއަށް ވަނަސް މަޔޫރާ ބަލަނީ އަވަހަށް އުންމީދާ އެކޮޓަރިން ފޮނުވާލެވޭތޯއެވެ.

"އަޅުގަނޑުގެ ހިތުގައި އެއްވެސް ޝަކުވާއެއްނެތް. މަޔޫރާއަށްޓަކައި މިހިތް ސާފު. މަޔޫރާ ކުރި ކުށެއްވިއްޔާ އަޅުގަނޑު މަޢާފްދީފިން. އޭނައަށް އެހެންމީހަކު ހިތްބަރު ކުރުމަށް އަޅުގަނޑު ނޭދެން" ކަރުނައިގެ ތެރެއިން އަބާން ބުނެލިއެވެ. އަބާންގެ އެ ޖުމްލައިން އެކަނިވެސް އޭނާ މަޔޫރާ ދެކެ ވީ ތެދުވެރި ސާފު ލޯތްބެއްކަން އުންމީދާއާއި ނަސީމަށް ހާމަވެގެން ދިޔައެވެ. ސައިފް އަބާންގެ ކޮނޑުގައި ޖަހައިލަމުން ހިތްވަރުކޮށްލާށޭ ބުނެލިއެވެ.

"މަންމައާއި ބައްޕަ ފަޚުރުވެރިވަން ދަރިފުޅާ މެދު. ސާބަސް ދަރިފުޅު ތިކުރާ ހިތްވަރަށް. ވެދިޔަކަމެއް ވެދިޔައީ. ދަރިފުޅުގެ މުސްތަޤްބަލް އަދި އޮތީ ކުރިއަށް. އިރާދަކުރެއްވިއްޔާ އަދި ދަރިފުޅަށް ބާއްޖަވެރި ދިރިއުޅުމެއް މިންވަރު ކުރައްވާނެ" އަބާންގެ ބޮލުގައި ފިރުމާލަމުން އުންމީދާ ބުނެލިއެވެ.

"އަހަރެން މިހާރުވެސް ހަނދާން އެބުހުރި މަޔޫރާއާ ކައިވެނިކުރަން ބޭނުންވެގެން ބައްޕަ ކައިރީގައި އަބާން ވާހަކަދެއްކި ދުވަސް. އެގާރަ އަހަރުގެ ތަފާތުން މަޔޫރާ ދޮށި ވިޔަސް ތި ކައިވެންޏަށް ބައްޕަ ރުހުންދިނީ މަޔޫރާއަށްޓަކައި އަބާންގެ ދެލޮލުން ބައްޕައަށް ފެނުނު ނިމުމެއްނެތް ލޯތްބަށްޓަކައި... ބައްޕަގެ އެއްވެސް ޝަކުވާއެއްނެތް. ހަމަ ހިތްހެޔޮ. އެބަލީގެ ޝިކާރައަކަށް ވެގެން ދިޔައިރު ދަރިފުޅާ ދުރުމިނެއް ބެހެއްޓިކަން އެއީ މަޔޫރާގެ ރަނގަޅުކަން" ނަސީމް ވާހަކަދެއްކިއެވެ.

***

ދުނިޔޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދިޔައީ އެކި މީހުންގެ ހަޔާތުގައި އެކި ކުލަ ޖައްސަމުންނެވެ. ބައެއް މީހުން އުފާވެރިކަމުގައި ދުވަސްތައް ހޭދަކުރަމުން ދާއިރު އަނެއް ބަޔަކު ދިޔައީ ވޭނާއި ކެކުޅުމުގައި ދުވަސްތައް ތަޙައްމަލު ކުރަމުންނެވެ. އެއީ ދުނިޔޭގެ އާދައެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނޭ ބުނާ އުސޫލުން އަބާންގެ ހަޔާތުން ވެސް ހިތާމަވެރި ދުވަސްތައް ވަނީ ފަހަނައަޅާ ގޮށްސައެވެ. މަޔޫރާގެ ހަނދާންތައް ހަނާއަޅަމުން މަޑުމަޑުން އެއްފަރާތްވެއްޖެއެވެ. އަބާންގެ ސިކުނޑިއަށް އަރާމެއް ލިބިފައިވާ ކަހަލައެވެ. އޭނާގެ އަޑިއަޅާލާފައިވާ ދިރިއުޅުން އަލުން އާބާދުކުރުމަށްޓަކައި އާއިލާ ކުޅުނީ އެންމެ މުހިންމު އެއް ރޯލެވެ. އަލުން ހީލާ އުޅެން އަބާން ދަސްކޮށްފިއެވެ. އެގޮތުގައި އަހަރު ދުވަސްފާއިތުވިއިރު އަބާނަށް ވަނީ ހީވެސް ނުކުރާކަހަލަ ހެޔޮ ބަދަލެއް އައިއްސައެވެ. އާއިލާއަށް ފެންނަމުން ދިޔައީ އަބާންގެ ބޭރުފުށަށް އަންނަމުން ދިޔަ ބަދަލެވެ. އަންހެނުންނާ މެދު އޭނާގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމާއި ފޫހިކަން އެއިން އެއްވެސް މީހަކަށް ނުފެނެއެވެ.

ހަފްތާ ބަންދަށް ވުމާއެކު އާއިލާއާ އެކުގައި އަބާން ދަތުރު އައިސް އުޅޭ ދުވަހެކެވެ. ދަތުރު ހަމަޖެހުނީ ނަސީމްގެ އެކުވެރިއެއް ހިންގާ ރިސޯޓަކުންނެވެ. އަބާނާއި އެކުގައި ސައިފްވެސް ދަތުރުގައި ބައިވެރިވިއެވެ. ނަސީމްގެ އެކުވެރިޔާގެ އެދުމުގެ މަތިން އެ އާއިލާއަށް ވީއައިޕީ ފެންވަރުގައި ދަނީ ހިދުމަތް ދެމުންނެވެ. މާލެ ދިޔުން އޮތީ ހޮނިހިރު ދުވަހު ހަވީރު ކަމަށްވާތީ އަބާނަށް ހުރީ ވަގުތު ގިނަވެފައެވެ. އުންމީދާއާއި ނަސީމް އަދި ޝުބާގެ ކަމަކީ ފޮޓޯއާއި ވީޑިޔޯތައް ނެގުމާއި، މޫދުގައި ޖެޓްސްކީ ދުއްވުމުގެ އިތުރުން މޫދަށް އެރުމެވެ. އަބާނަކީ އެއްވެސް އިރެއްގައި މޫދަށް ޝައުޤުވެރިވާ ޒުވާނަކަށް ނުވާތީ އެއްގަމުގައި ހުރެގެން އެމީހުންނަށް ޖޯކު ޖެހުން ނޫންކަމެއް އަބާން ނުކުރެއެވެ.

އެހެން ހުއްޓާ ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ ތަންކޮޅެއް ދުރުގައި މޫދުތެރޭގައި ސަކަރާތްޖަހަމުން ދިޔަ އަންހެންކުއްޖަކާއި ފިރިހެންކުއްޖަކަށެވެ. ވަރަށް ގާތްކޮށް އެދެމީހުން ތިބިއިރު އެއީ ދެމަފިރިންކަމެއް ނުވަތަ ނޫންކަމެއް ކަނޑައަޅާކަށް އޭނާއަށް ނޭނގުނެވެ. އިނގުނު އެއްޗަކީ އެމަންޒަރު އޭނާއަށް ކަމުނުދިޔަކަމެވެ. ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް އައިސް ވަން ތަސްވީރަކީ މަޔޫރާގެ ތަސްވީރެވެ. މީހާގެ މުޅި މޫޑު ޚަރާބުވިއެވެ. މަޔޫރާގެ ވަކިވުމަށްފަހު އަންހެންކުދިންނަށް އޭނާއަށް ނަފްރަތުކުރެވެން ފަށައިފިއެވެ. އަންހެނަކު ފިރިހެނަކަށް ވަފާތެރިވެދާނެ ކަމަށް އޭނާ ޤަބޫލެއްނުކުރެއެވެ. ފާއިތުވެދިޔަ އެއް އަހަރު ދުވަހު އޭނާއަށް އެ ބަދަލު އައިސްފައިވިކަން އިނގެނީ އެކަނި އޭނައަށެވެ.

އެމަންޒަރު ނުބަލަންވެގެން އޭނާ އެތަނުން ހިނގައިގަންނަން އުޅުނު ވަގުތު ސަކަރާތްޖަހަން ތިބި ދެ މީހުންގެ ތެރެއިން ފިރިހެންމީހާ ކޮނޑުމައްޗަށް ތުވާލި އަރުވައިގެން ހިނގައިގަތް ތަން ފެނި އެތަނުން ދިޔުމުގެ ޚިޔާލު ބަދަލުކުރިއެވެ. އެމީހާއައީ އަބާނާއި ދިމާލަށެވެ. ފިރިހެންމީހާ އަރައި ހަމަވި ވަގުތު އަބާން ބުނެލި އެއްޗަކުން ފިރިހެންމީހާ ހުއްޓުން އެރިއެވެ. އަދި ވަރަށް ރަނގަޅަށް އަބާންގެ މޫނަށް ބަލައިލިއެވެ.

"އެއީ އަހަރެންގެ އަންހެނުން" ނުރުހިފައި އެމީހާ ބުނެލިއެވެ.

"ހެހެހެ... އެހެންވިޔަސް މާގިނަދުވަހު ތި ދިރިއުޅުމެއް ނޯންނާނެ. އަންހެނުންނަށް އެހާ އިތުބާރުނުކުރޭ" އަބާން ބުނެލިއެވެ. އޭނާ ނުވެސްދަންނަ މީހަކާ އެގޮތަށް ވާހަކަދެއްކުނީތީ ހުދު އޭނާވެސް ޙައިރާންވިއެވެ.

"މޮޔައެއް ކަންނޭނގެ" އަބާން ފަސްދީ ހިނގައިގަންނަމުން އެމީހާ އަމިއްލަ ނަފްސަށް ބުނެލިއެވެ.

މިއަދުވެސް މިތާ. މިއަދު ފުރާ ދުވަހެއްނު. ހިނގާބަ އެސަރަހައްދު ބަލައިލަން ދާން. އަބީއެކޭ އެކޭ އަންހެނެކޭ ތަފާތެއް ނެތެއްނު. ލޮނުކޮޅެއްގަ ވެސް ޖެހުނީއެއްނޫނޭ އައިފަހުން" ސައިފް އަބާނާއި ދިމާކޮށްލިއެވެ. އަބާން އޮތީ އަތިރިމަތީގައި ހެދިފައިވާ ވިނަތައް މަތީގައި ބަހައްޓާފައި ހުރި ބީޗް ގޮނޑިއެއްގައެވެ.

"ނޫނޭ... ހާދަ ފޫހިވާކަމެކޭ ފެތުމަކީ" ލޮލުގައި އަޅާފައި އޮތް އަވިއައިނު ރަނގަޅުކޮށްލަމުން އަބާން ބުނެލިއެވެ. ހަވާއީ ސޯޓް ކަކުލާއި ހަމައަށް އަންނައިރު މަތިން ލައިގެން ހުރި ހުދާއި ކަޅު އެކުލެވޭ ޓީޝާޓް ފަތުރާލާފައި ވަނީ އޭނާގެ މޭމަތީގައެވެ.

"ސަޅި އައިޑިއާއެއް ދީފާނަން" ސައިފް އަބާން ކައިރީގައި ޖައްސައިލަމުން ބުނެލިއެވެ.

"ކޮބާ؟" އަބާން އަހައިލިއެވެ.

"ހިނގާ މަސްްބާނަން ދާން" ސައިފް ބުނެލިއެވެ.

"ކޮބާ ސާމާނު" އަބާން ގަޔާވިއެވެ.

"އެކަމާއި ހާސްނުވޭ. ހިނގާ" އަބާންގެ ކޮނޑަށް އަތް އެއްްލަމުންް ސައިފް ހިނގައިގަތެވެ.

ކުޑައިރުކޮޅެއް ފަހުން ދެ އެކުވެރިން ތިބީ ޖެޓީ ސަރަހައްދުގައި މަސް ބާނާށެވެ. ތަންކޮޅެއްް ދުރުން ރިސޯޓަށް އައިސް ގޮސްވާ މީހުން ފެންނަމުން ދިޔައެވެ. މަޖަލާއި ފޯރީގައި މޫދަށް ރޯލު އެއްްލައިގެން އުޅުނު އަބާނާއި ސައިފް ސިއްސައިގެން ދިޔައީ ދާދި ކައިރިން އަންހެން ކުދިންތަކެއްްގެ އަޑު އިވުމުންނެވެ. އޭރު ދެ އަންްހެންްކުދީން ހަމަ އެތަނުގައި މަސްބާނަން ތައްޔާރުވަނީއެވެ. އެކުދިންނަށް ބަލައިލާފައިވެސް އަބާން އަޅާނުލާ އޭނާ ކުރަން ހުރި ކަންތަކައިގެން ކުރިއަށް ދިޔައެވެ. އެއީ އޭނާ މާ ގަޔާވާ މަންޒަރަކަށް ނުވިއެވެ. ދެ އަންހެންކުދިން ފެނުމުންވެސް ހިތުގައި އުފެދުނީ ފޫހިކަމެކެވެ.

"އެކްސްކިއުޒްމީ.. މީތި އަޅުވާލަދީފާނަންތަ؟" އަބާންގެ ކަންފަތުގައި ހިތްގައިމު ރީތި އަޑެއްް ޖެހުނެވެ. އޭނާ އަޑު އައި ދިމާލަށް ބަލައިލަން ބޭނުންނުވިއެވެ. ހިތް މަޖުބޫރު ކުރީތީ ނުބަލާ ވެސް ނުހުރެވުނެވެ. އާދައިގެ އިސްކޮޅެއްް ލިބިފައިވާ ދޮން ރީތި އަންހެންްކުއްޖެއް ހެވިފައި އަބާނަށް ބަލަން ހުއްޓެވެ. އެކުއްޖާގެ ބުޅި އިސްތަށިގަނޑު ވަނީ ހުޅިއެއް ޖަހާލާފައެވެ. ހުދު ދޮންކަމެއް އެކުލެވިގެންވާ އޮމާން މޫނުމަތީގައިވަނީ މަޑު ފިޔާތޮށި ކުލައިގެ ކުޑަ ތުންފަތެކެވެ. ތުންފަތުގެ ވަށައިގެން ފަނޑު ކަޅު ފަށަލައެއް ލެވިފައިވާއިރު އެއީ ގުދުރަތީގޮތުން ލެވިފައިވާ ފަށަލައެއް ކަމާމެދު އަލަށް ފެންނަ ކޮންމެ މީހަކު ޝައްކުކުރެއެވެ. އެއްފަރާތު ކަންފަތް ކައިރިން އެލިފައިވާ ބުޅި އިސްތަށިކޮޅު ބަނޑިބަނޑު ލައްވަމުން ދިޔައިރު ބަލައިލަން ކިތަންމެހާވެސް ހިތްގައިމެވެ. ލައިގެން ހުރީ ކަކުލުން މައްްޗަށް ހުރި ސޯޓްކޮޅަކާއި ރީނދޫ ކުލައިގެ ޓީޝާޓްކޮޅެކެވެ. އެކުއްޖާއަށް ލިބިފައިވަނީ ތަފާތު ރީތިކަމެކެވެ. ފުރަތަމަ ފެނިލުމުންވެސް އެކުއްޖާގެ ރީތިކަމުގެ ޖާދޫގައި އަބާންގެ ހިތް އޭނާއަށް އިނގުމަކާވެސް ނުލާ ކަސްތޮޅު އެޅުވިގެން ހިނގައްޖެއެވެ. އެކުއްޖާގެ މައުސޫމްް ބެލުން ފެނި ނޫނެކޭ ބުނަން އަބާނަށް ނުކެރުނެވެ. އެހެންވިޔަސް ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އަބާން އެކުއްޖާއަށް ފުރަގަސްދީފިއެވެ. ސައިފް ޙައިރާންކަމާއެކު އަބާނަށް ބަލައިލިއެވެ.

"އަޅެ ޕްލީޒް. އެއްގޮތަކަށްވެސް ރަނގަޅު ނުކުރެވުނޭ" އެކުއްޖާ ބުނެލިއެވެ. އަޑުގައި ވަނީ އާދޭހެވެ. ތުއިކަމެއް އެކުލެވިގެންނުވާ ހިތްގައިމު ރީތި އަޑެކެވެ.

"އަބީ!! އެކަން ކޮށްދީބަލަ" އެދެކުދިންނާ ކައިރީގައި އަބާން ހުރުމުން ސައިފް ބުނެލިއެވެ.

"ސައިފް ކޮށްދީބަލަ" ފޫހިކަމާއެކު އަބާން ބުނެލިއެވެ. އަންހެންކުއްޖާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ހިތަށް އައި ބަދަލު ޤަބޫލުކުރަން އަބާން ބޭނުންނުވިއެވެ.

"ހައު ރޫޑް" އަންހެންކުއްޖާގެ ކަންފަތްދަށުގައި ކައިރީގައި ދެވަނައަށް ހުރި އަންހެންކުއްޖާ ބުނެލިއެވެ. އަންހެންކުއްޖާ ހުރީ އަބާންގެ މޫނުން ނަޒަރު ވަކިކޮށްލަން ނޭނގިފައެވެ. އޭނާއަށް އަބާންގެ އެ މިޒާޖާއި ގަޔާވެވިއްޖެއެވެ. އޭނާގެ ޒުވާން ހިތުގައި ފުރަތަމަ ފަހަރަށް އާދަޔާޚިލާފް ވިންދެއް ޖަހައިލިއެވެ. އުމުރުން ތޭވީސްއަހަރު ވީއިރު ދުވަހަކުވެސް ނުކުރެވޭ އިހުސާސްތަކެއް އޭނާއަށް ކުރެވެން ފަށައިފިއެވެ.

ތޭންކްސް" އެންމެފަހުން ދެ އަންހެންކުދިން އެދުނު ކަންތައްތައް ކޮށްދިނީ ސައިފްއެވެ. އެހާ ހަރުކަށިކޮށް އަބާންގެ އަމަލުތައް ހުރުމުން ސައިފްވެސް ހުރީ ޙައިރާންވެފައެވެ.

***

ހަފްތާގެ ފެށުން އައި ދުވަހެވެ. ކޯޓުގައި ގިނަ ވަގުތުތަކެއް ހޭދަކުރުމަށްފަހު އަބާން ގެއަށް ދިޔުމަށް ނިކުތެވެ. ސައިކަލުގައި ވަކި ހިސާބަކަށް ދިޔަތަނާ ފިހާރައަކަށް ވަނީ ޝުބާއަށް އެއްޗެއް ގަންނަން ޖެހޭކަން ހަނދާންވުމުންނެވެ. ބޭނުންވާ އެތި ގަނެގެން އަބާން ސައިކަލުގައި ނައްޓާލިތަނާ ކުއްލިއަކަށް ބުރަކި ޖެއްސީ ކުއްޖެއް ގައިގައި ސައިކަލު ޖެހެން ދިޔުމުންނެވެ. އަބާން ބަލައިލިއިރު ކުރިމަތީގައި ހުރި އަންހެންކުއްޖާ ކޮންމެވެސް ތަނަކުން ފެނުނު ހަނދާނެއްވިއެވެ. ރިސޯޓުން ފެނުނު ކުއްޖާކަން އިނގުމުން އޭނާ ދުރުބަލަން ފެށިއެވެ. އެކުއްޖާ ކުރިމަތީގައި ހުރުމުން ކުރިއަށް ދުއްވާލެވެންވެސް ނެތެވެ. އަނގައިން ބުނަންވެސް ބޭނުންނުވާތީ އޭނާ އަޅައިވެސްނުލާ އިނެވެ. އަންހެންކުއްޖާ ނުބަލާ ހުރި ވަގުތު އެކުއްޖާއަށް އޭނާއަށް ނަޒަރެއް ދެވުނީ ބޭއިޚްތިޔާރުގައެވެ. ރީތި ޖާދޫވީ ހީލުމެކެވެ. އަބާން ހިތުން ތަޢުރީފް ކޮށްލިއެވެ. އެކުއްޖާގެ ބުޅި އިސްތަށިގަނޑަށް ވަނީ ދައްޗަކުން ހިފަހައްޓާލާފައެވެ. ހުދުކުލައިގެ ކުދި އަންނާރު އޮށްތަކެއް ފަދަ ދަަތްޕިލައިގެ މަތިން ހިޔާދީފައިވާ ތުންފަތުގައިވަނީ މަޑުމަޑު ރަތްކުލައެއް ވެރިވެފައެވެ. ލައިގެން ހުރީ ރަތްކުލައިގެ އަތްދިގު ޓޮޕް ކޮޅެކެވެ. މޭމަތިން ދެތިންގޮށް އަޅުވާފައި ހުއްޓެވެ. ތިރިން ކަޅު ކުލައިގެ ސްކިނީގައި ހުރިއިރު ހުރީ ސްނިކަރސް އަކަށް އަރައިގެންނެވެ. ތަފާތު ރީތި ކަމެކެވެ. އަބާން ލޮލުގައި އަޅާފައި އިން އަވި އައިނު ނަގާ ބޯމައްޗަށް ޖައްްސައިލިއެވެ. އަދި ސައިކަލު ދުއްވާލަން ތައްޔާރުވެލިއެވެ.

"ހާއި..." އަންހެންކުއްޖާ ބުނެލިއެވެ. އަބާން ހީނުލިއެވެ.

"އިނގޭތަ މިގޮތަށް ދެވަނަ ފަހަރަށް ބައްދަލުވީމަ އޭގެ މާނަ" ސަމާސާ އެކުލެވޭ ރާގެއްގައި އަންހެންކުއްޖާ ބުނެލިއެވެ. ނަމަވެސް އަބާންގެ ސަމާލުކަން ނުލިބުނެވެ. އަންހެންކުއްޖާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ.

"ސޮރީ... ވަރަށް ރުޅިއައިއްސަ ދޯ... އަހަރެން ގަސްދަކުނޫން އިނގޭ" އަބާން ހީނުލުމުން އަންހެންކުއްޖާ ރަކިވިއެވެ. އެހެންނަމަވެސް އޭނާ އެކަން ދައްކަން ބޭނުން ނުވިއެވެ.

"ހައުސް ޔޫ؟" އަބާން ވާހަކަނުދެއްކުމުން އަނެއްކާ އެކުއްޖާ ވާހަކަދެއްކިއެވެ.

"ފައިން. ތެންކްސް" އަބާން ބުނެލިއެވެ. އޭނާ ވާހަކަދައްކަން ބޭނުންނުވާއިރު އަނގައިން ބުނެވުނީތީ ހުދު އޭނާވެސް ޙައިރާންވިއެވެ. އޭނާ އިތުރު އެއްޗެއް ނުބުނެ ސައިކަލް ކުރިއަށް ދުއްވާލަން އުޅެނިކޮށް އަންހެންކުއްޖާ ހިފެހެއްޓިއެވެ. ދެބުމަ ގޮށްޖަހައިލަމުން އަބާން އަންހެންކުއްޖާއަށް ބަލައިލީ އެގޮތަށް އަންހެންކުއްޖަކު އޭނާގެ ސައިކަލްގެ މުށްގަނޑުގައި ހިފެހެއްޓުމުން ހިތްހަމަނުޖެހިފައެވެ. އެހިނދު އަންހެންކުއްޖާ ގެނައި އަވަސް ހަރަކާތަކާއެކު ސައިކަލުގެ މުށްގަނޑުގައި އެޅިފައި އިން އޭނާގެ އަތްދަބަހުގެ ވާގަނޑު ނައްޓުވައިލިއެވެ.

"އަޅުގަނޑަށް ކިޔަަނީ އަނާރް. އަބާން ދޯ" ސަލާމަށް އަތް ދިއްކޮށްލަމުން އަނާރް ބުނެލިއެވެ.

އެއްޗެއް ނުބުނެ އަބާން ކުރިއަށް ސައިކަލް ދުއްވައިލިއެވެ. އަނާރްގެ ތުންފަތްމައްޗަށް ވެރިވީ ފޫހިކަމެކެވެ.

"އެޓިޓިއުޑް... ހުނ.... މުސްލިމެއްތަ އަނެއްކާ އެއީ...؟ ސަލާމްވެސް ބަލައިނުގަތްވިއްޔާ" އަބާން ދިޔަ ދިމާލަށް ބަލަން ހުރެ ލަސްލަހުން އަނާރް ބުނެލިއެވެ. ހަމަ އެހިނދުގައި އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަބާންގެ އެ ސްޓައިލް އޭނާއަށް ވަރަށް ކަމުގޮސްފިއެވެ. އެލޯބި ހާސިލްކުރުމުގެ އުންމީދު އޭނާގެ ޒުވާން ހިތުގައި އާވެގެން ދިޔައެވެ. ދެވަނަ ބައްދަލުވުމާއެކު އެސޫރައަށް ދެވުނު ޝައުޤުވެރިކަން އިތުރުވެގެން ދިޔައެވެ.

(ނުނިމޭ)