ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި ފުރުސަތުގައި މިހާތަނަށް އެމްޑީޕީގެ 13 ކެންޑިޑޭޓަކު ނަން ނަގައިފިއެވެ.
އަންނަ އަހަރަށް ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދިއުމަށް ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު ހުޅުވާލީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ޖުމުލަ 63 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ކައުންސިލް އިންތިހާބަށް ކުރިމަތިލި 42 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލި 21 ކެންޑިޑޭޓެކެވެ.
މިހާތަނަށް ނަން ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެގޮތުން ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ އެމްޑީޕީގެ 13 ކެންޑިޑޭޓަކު ނަން ނަގާފައިވާ އިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅި އެމްޑީޕީގެ 15 ކެންޑިޑޭޓަކު ވަނީ ނަން ނަގައިފައެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަން ފޯމް ހުށަހެޅި 20 ކެންޑިޑޭޓަކު ވަނީ ނަން ނަގައިފައެވެ.
- އެމްޑީޕީގެ 13 ކެންޑިޑޭޓުން
- ޕީޕީއެމްގެ ފަސް ކެންޑިޑޭޓުން
- ޖުމްހޫރީ ޕާޓީގެ ހަތަރު ކެންޑިޑޭޓުން
- އަމިއްލަ 20 ކެންޑިޑޭޓުން
- އެމްޑީޕީގެ 15 ކެންޑިޑޭޓުން
- ޕީޕީއެމްގެ ދެ ކެންޑިޑޭޓުން
- އަމިއްލަ ހަތަރު ކެންޑިޑޭޓުން
ކޮވިޑް 19އާ ގުޅިގެން ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ވަނީ ގާނޫނަށް އިސްލާހު ގެނެސް އަންނަ އަހަރަށް ފަސްކޮށްފައެވެ. ކައުންސިލް އިންތިހާބަށް ފުރުސަތު ހުޅުވާލުމުން 2،392 ކެންޑިޑޭޓަކު ފޯމް ހުށަހެޅިއެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ އެމްޑީޕީންނެވެ. އެޕާޓީން 862 ކެންޑިޑޭޓުން ފޯމު ހުށަހެޅި އިރު، ޕީޕީއެމްއިން 674 ކެންޑިޑޭޓުން އަދި ޖުމްހޫރީ ޕާޓީގެ 123 ކެންޑިޑޭޓުން، އަދާލަތު ޕާޓީގެ 29 ކެންޑިޑޭޓުން ނަން ހުށަހެޅިއެވެ. އެހެން ޕާޓީތަކުން 38 ކެންޑިޑޭޓުން ފޯމު ހުށަހެޅި އިރު، އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހެޅީ 661 ކެންޑިޑޭޓުންނެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ހުޅުވާލުމުން ޖުމުލަ 1،811 ކެންޑިޑޭޓަކު ފޯމު ލާފައިވެއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ 703 ކެންޑިޑޭޓުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު