ކަޅުބިލަމަސް އަދި ރީނދޫ އުރަހަ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަށް ބަދަލުތަކެއް ގެނެސްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗާއިން މިއަދު އާންމުކުރި އިއުލާނެއްގައި ބުނީ، ކަޅުބިލަ މަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕަރައިޒް އަލުން މުރާޖައާކޮށް، ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
މަސްވެރިންގެ އަދި މަސް ގަންނަ ފަރާތްތަކުގެ އާމްދަނީ އާއި ހަރަދުގެ މައްޗަށް ރިއާޔަތްކޮށް، ކަނޑައަޅާ ފްލޯ ޕްރައިޒް އެންމެ ފަހުން މުރާޖައާ ކޮށްފައިވަނީ 13 މެއި 2010 ގައެވެ.
ފިޝަރީޒް މިނިސްޓްރީގެ އިއުލާނުގައި ބުނީ، 1.5 ކިލޯ އަދި އެއަށްވުރެ ބަރު ކަޅުބިލަމަސް އަދި ރީނދޫ އުރަހަ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ ކިލޯއަކަށް 13 ރުފިޔާ ކަމަށާއި 1.5 ކިލޯއިން ދަށް ނަމަ ގަނެވޭނެ އެންމެ ދަށް އަގަކީ ކިލޯއަކަށް 5.15 ރުފިޔާ ކަމަށެވެ.
މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އެ އަގުތަކުގައި މަސްވެރިންގެ އަތުން މަސްގަތުމަށް، މަސް އެކްސްޕޯޓުކުރުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކާއި މަސް ގަތުމުގެ ހުއްދަ ދީފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަންގާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކަޅުބިލަމަސް އަދި ރީނދޫ އުރަހަ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅުމުގެ ސިޔާސަތަށް އަމަލުކުރަން ޖެހޭނީ ފުޅާ ދާއިރާއެއްގައި މަސް ގަނެ، އެކްސްޕޯޓުކުރާ ފަރާތްތަކުންނެވެ. އެހެން ފަރާތްތަކުން އެ ސިޔާސަތަށް އަމަލު ކުރާކަށް ނުޖެހޭނެއެވެ.
"..،މަސް ކައްކާ ހިއްކާ ފަރާތްތަކުން އަދި މިނޫންވެސް ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަންނަ އެހެން ފަރާތްތަކުން ފްލޯ ޕްރައިޒް ސިޔާސަތަށް އަމަލުކުރަން ނުޖެހޭނެއެވެ." މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ، ކަޅުބިލަމަސް އަދި ރީނދޫ އުރަހަ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަށް ބަދަލުތަކެއް ގެނެސްފައިވަނީ ކަޅުބިލަމަހުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން ކަމަށެވެ.